ރައްޔިތުންގެ މަޖިލީހުން މެމްބަރުން ކަނޑައަޅާ އެ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިފާދެއްވީ މީޑިއާތަކާއި މެދު އިންސާފުވެރިކޮށް ހަމަހަމަކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ނެތްކަމަށް ބުނެ އެވެ.
ކޮމިޝަން މެމްބަރުކަމަށް ކުރިމަތިލާން މަޖލީހުން ފުރަތަމަ ހުޅުވާލީ މިމަހުގެ 4 ވަނަ ދުވަހު އެވެ. ރައްޔިތުން މަޖލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލާފައިވާކަމަށެވެ.
އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމާއި އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ވަނަވަރާއި، ތައިލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އުފެއްދި ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައިވުމާއި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށްވުމެވެ.
ޝަރުތުތަކުގެ ތެރޭގައި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވުމާއި އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ވެސް ހިމެނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ފަދަ ޝަރުތުތައް ހިމެނެއެވެ.
މަގާމުގެ އިތުރު ޝަރުތު: