މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. އިގްތިސޯދީ ކޮމިޓީން ވެސް ރޭ ވަނީ މި ބިލު އިއްތިފާގުން ފާސްކޮށް ތަޅުމަށް ފޮނުވައިފަ އެވެ.
މި އިސްލާހުގެ ދަށުން، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި ބުކިން ހިދުމަތް ދޭ ބޭރުގެ ފަރާތްތަކުގެ އަތުން މިދިޔަ މަހުން ފެށިގެން ނަގަމުން އައި %17 ގެ ޖީއެސްޓީ ނެގުން ހުއްޓާލުމަށް ވަނީ ނިންމައިފަ އެވެ. މި ޓެކްސް ނަގަން ފެށުމާ ގުޅިގެން ޔޫރަޕުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ އެޖެންސީތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް، ރާއްޖެ ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. ގާނޫނަށް މިއަދު ގެނައި ބަދަލާ އެކު، ބޭރުގެ އެޖެންޓުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނެގުމާ ގުޅޭ މާއްދާތައް ގާނޫނުން އުނިވާނެ އެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓު ބަޔާނުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އިއުލާނުކުރެއްވި ސިޔާސަތާ އެއްގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޖީއެސްޓީ ރަޖިސްޓްރޭޝަން ތްރެޝްހޯލްޑަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ވިޔަފާރިތަކުން ޖީއެސްޓީއަށް ރަޖިސްޓްރީކުރުން ލާޒިމުވާ އަހަރީ އާމްދަނީގެ މިންވަރު އަންނަ ޖެނުއަރީ 1 އިން ފެށިގެން 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުވާނެ އެވެ. މިހާރު އޮތް 1 މިލިއަން ރުފިޔާގެ މިންގަނޑު ދެމިއޮންނާނީ މި ހިނގާ އަހަރުގެ ނިޔަލަށެވެ.
މި އިސްލާހުގެ ދަށުން، މިހާރު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ރަޖިސްޓްރޭޝަން ބާތިލުކުރެވޭނެ ޝަރުތުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން:
އެއްވެސް މަހެއް ނިމޭއިރު، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 750،000 ރުފިޔާއަށް ވުރެ މަދުވުން
ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދޭނެ މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 750،000 ރުފިޔާއަށް ވުރެ މަދުވާނެ ކަމަށް އަންދާޒާކުރެވުން
މެންބަރު ނިޒާރު ވިދާޅުވީ ޖީއެސްޓީގެ މިންގަނޑަށް މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކުދި ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ އަދި އިދާރީ ގޮންޖެހުންތައް ކުޑަކޮށްދިނުން ކަމަށެވެ.