ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ކޮންމެ ކުއްޖަކީ ވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި ދިރިއުޅެ، ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުއްޖެއްކަން މި ދުވަހުން ހަނދާންކޮށްދޭ ކަމަށެވެ. އަދި އަނިޔާއިން އެ ކުދިން ރައްކާތެރިކުރުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަތުމަށްޓަކައި އެ ކުދިންގެ ފަރާތުން ފެނިދާނެ ނިޝާންތަކަށް ސަމާލުވުމާއި، އެފަދަ ކަންކަން ފާހަގަކުރެވޭ ހިނދު ރިޕޯޓު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލާޒިމްވެގެންވާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެފަދަ އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކުގައި މުޅި މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ދައުރު އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީގެ ކުރިން ވެސް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ފަސޭހައިން ރިޕޯޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޚާއްސަ ހެލްޕްލައިންތަކެއް (1412 އަދި 1421) ގާއިމުކޮށް، މައްސަލަތަކަށް އަވަސް އިޖާބައެއް ދިނުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން ރަށްރަށުގެ ފެންވަރުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ކުދިން ދެނެގަނެ، އެ ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް "އިބާމަ" (އިޖުތިމާއީ ބަދަހި މަދަދުވެރިން) ގެ ނަމުގައި ކޮމިޓީތައް އެކުލަވާލައި، މުޖުތަމައު ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ވެސް މީގެ ކުރިން ވަނީ ހިންގާފަ އެވެ.