މާލީ ހޭލުންތެރިކަމަކީ ވަކިވަކި ފަރުދުންނަށާއި މުޅި މުޖުތަމައަށް ނުހަނު މުހިންމު އެއްޗެކެވެ. މާލީ ގޮތުން ހޭލުންތެރި މީހަކަށް އާމްދަނީއާ އެއްވަރަށް ބަޖެޓެއް އެކުލަވާލައި، ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމަށާއި، ފަހަށް ރައްކާކުރަންޖެހޭ މިންވަރު ދެނެގަންނަން އެނގޭނެއެވެ. މީގެއިތުރުން، އިސްލާމީ ހަމަތަކުގެ މަތިން ހަލާލު ގޮތުގައި އިންވެސްޓްކުރުމަށާއި، ޒަމާނީ މާލީ ނިޒާމުތައް ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެ އެވެ. މިފަދަ ހޭލުންތެރިކަމެއް ހުރުމަކީ ކުއްލި ހާލަތްތަކުގައި ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ހަމައެއާއެކު، ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް އޮތް ބޮޑު ވާޖިބެކެވެ. އިސްލާމްދީނުގައި އިސްރާފުކުރުން ނަހީކުރައްވާފައިވާއިރު، ލިބޭ މިންވަރުން ފުއްދައިގެން، މެދުމިންކަން ޚިޔާރުކުރުމަކީ ޒިންމާދާރުކަމުގެ އަސާސެވެ. ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމަކީ ދަރަނިވެރިވުމުން ދުރުހެލިވެ، އަމިއްލަ ފައިމައްޗަށް ތެދުވެހުރުމުގެ ސިއްރެވެ. ތިމާއަށް ލިބޭ ފައިސާއަކީ އަމާނާތެއްކަން ދަނެ، އެ ފައިސާ ބޭކާރު ކަންކަމަށް ޚަރަދުނުކޮށް، ދިރިއުޅުމުގެ އަމާޒުތައް ޙާޞިލުކުރުމަށް ބޭނުންކުރުމަކީ ދިރިއުޅުން އުފާވެރިކޮށްދޭނެ ކަމެކެވެ.
ނަމަވެސް، މާލީ ހޭލުންތެރިކަން ކުޑަވުމަކީ މިއަދު ގިނަ ބަޔަކަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން ލިބޭ އާމްދަނީ ބެލެހެއްޓުމެއްނެތި ބޭކާރުވެ، އެކަށީގެންވާ ގޮތެއްގައި ފަހަށް ރައްކާނުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން، ތަފާތު މާލީ މަކަރާއި ހީލަތްތަކަށް (ސްކޭމްތަކަށް) ހުށަހެޅި، މީހުންގެ އަތްމަތި ދަތިވެ، މާލީ މުސްތަގުބަލު ބަނަވެގެންދެ އެވެ. އަދި ބޭންކުތަކާއި މާލީ އިދާރާތަކުން ހިދުމަތް ހޯދުމުގައި އެންމެ ފައިދާހުރި ގޮތް ހިޔާރުކުރަން ނޭނގުމަކީ ވެސް ލިބޭ ދެރައެކެވެ.
މީގެ އިތުރުން، ފައިސާ ގެންގުޅުމުގައި ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ނުކުންނަ ގެއްލުންތައް މާ ބޮޑެވެ. އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރުމާއި، ކޮންމެހެން ބޭނުންނުވާ މުދަލާއި ހިދުމަތް ހޯދުމަށް ދަރަންޏަށް އެދުމުގެ ސަބަބުން ގިނަ ބަޔަކު ދަރަނީގެ އަނދަވަޅަކަށް ވެއްޓެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ ނުތަނަވަސްކަމާއި ފިކުރުތައް އިތުރުވެ، އާއިލީ ގުޅުންތަކަށް ބުރޫއަރައި، ދިރިއުޅުން ބަރުބާދުވެގެންދެ އެވެ. އަދި ގައުމީ ފެންވަރުގައި ބަލާއިރު، އިގްތިސާދީ ގޮތުން ނާޒުކު މުޖުތަމައެއް އުފެދުމަށް މިކަން ސަބަބަކަށް ވެއެވެ.
އުމުރުން ދުވަސްވުމުން ލިބޭ އާމްދަނީ އިތުރުވާނެތީ، މިހާރުގެ ދިރިއުޅުން އުފާވެރިކޮށް ބައްޓަންކުރުމަށްޓަކައި، މުސްތަގުބަލުގައި ލިބޭނެ މުއްސަނދިކަމަށް ބަލައި މިހާރު އަތްމަތީގައި ހުރި މިންވަރަށްވުރެ އިތުރަށް ހަރަދުކޮށް، މުސްތަގުބަލުން "ދަރަންޏަށް" ފައިސާ ނެގުމަކީ ބުއްދިވެރި ކަމެއް ކަމުގައި ފެނިދާނެ އެވެ. އިގްތިސާދީ މާހިރުން މީގެ ނަމަކަށް ކިޔަނީ "ކޮންސަމްޕްޝަން ސްމޫތިންގް" (Consumption Smoothing) އެވެ.
މިއީ ހަމަޖެހޭ އުސޫލުން ވިސްނާ މީހުން، އުމުރުގެ އެކި މަރުހަލާތަކުގައި ފައިސާ ރައްކާކޮށް އިންވެސްޓްކުރާނެ ގޮތްތަކާ ގުޅޭ އިގްތިސާދީ މޮޑެލްތަކުގައި ބޭނުންކުރާ އުސޫލެކެވެ. އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ދެކުނު ކޮރެއާގެ ޖެއޮންގްޔޫ ޗޯއީ ވިދާޅުވާ ގޮތުގައި، މީގެ މައިގަނޑު މަގްސަދަކީ އެއް ދުވަސްވަރެއްގައި ދަތިހާލުގައި އުޅެފައި، އަނެއް ދުވަސްވަރެއްގައި މާ ބޮޑަށް ތަނަވަސްކަމުގައި އުޅުމުގެ ބަދަލުގައި، މުޅި އުމުރުގައިވެސް އެއްވަރަކަށް ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމެވެ. މީގެ އެންމެ ފުރިހަމަ ގޮތަކީ، ޒުވާން ދުވަސްވަރު މަދުން ރައްކާކުރުން ނުވަތަ ކޮންމެވެސް ވަރެއްގެ ދަރަންޏެއް ނެގި ނަމަވެސް، އެންމެ ގިނައިން އާމްދަނީ ލިބޭ ދުވަސްވަރު ގިނައިން ފައިސާ ރައްކާކޮށް، ވަޒީފާއިން މުސްކުޅިވުމުން އެ ފައިސާ ބޭނުންކުރުމެވެ.
ޗޯއީ ވިދާޅުވާ ގޮތުން، އޭނާގެ އެމްބީއޭ ދަރިވަރުން ގާތު ބުނަނީ ކްރެޑިޓް ކާޑު ދަރަންޏާ މެދު މާ ބޮޑަށް ކަންބޮޑުނުވުމަށެވެ. ސަބަބަކީ މިހާރު އާމްދަނީ ކުޑަވި ނަމަވެސް، މުސްތަގުބަލުގައި އެކުދިންނަށް ބޮޑު އާމްދަނީއެއް ލިބޭނެކަން ލަފާކުރެވޭތީ އެވެ. އެހެންނަމަވެސް، ރަނގަޅު އާމްދަނީއެއް ލިބެން ފެށުމާއެކު، ކްރެޑިޓް ކާޑުގެ އިންޓްރެސްޓް ރޭޓް ބޮޑުވުމުގެ ސަބަބުން، އެ ދަރަނި ވީހާވެސް އަވަހަކަށް އަދާކުރަން ޖެހޭނެ ކަމަށް އޭނާ ލަފާދެއްވަ އެވެ.
މިއަދުގެ އިގްތިސޯދީ ފަންނުގެ ހަގީގަތަކީ މާލީ ހޭލުންތެރިކަމާއި ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމަކީ ފުރިހަމަ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާ ދެ ތަނބެވެ. މި ދެ ސިފަ އަށަގެންނެވިގެން މެނުވީ ދިރިއުޅުމުގައި އުފާފާގަތިކަމެއް ނުލިބޭނެ އެވެ. އެހެންކަމުން، ކޮންމެ ފަރުދަކު ވެސް މާލީ ކަންކަމަށް ލޯހުޅުވި، އިސްރާފުން ދުރުހެލިވެ، މާތް ﷲ ދެއްވި ނިއުމަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާ ޒިންމާދާރު މީހަކަށް ވުމަކީ މުހިންމު ކަމެކެވެ.