ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދުކުރެއްވި އިރު، ކޮމިޓީން ބަޖެޓު ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީ މަރުހަލާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަވެފައިވަނީ، އެދުނު މިންވަރަށް ވުރެ ކުޑަ ބަޖެޓެއް ދީފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކުން ހުށަހެޅި ޝަކުވާތަކެވެ. ނަމަވެސް، މަޖިލީހަށް ފޮނުވި ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅައިދިން މިންވަރުން ފުދޭނެ ކަމަށާއި، އިތުރު ޚަރަދެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން އެކަންކަން ހަމަޖެއްސޭނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ ޖުމްލަ ޚަރަދަކީ 52.6 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ހިންގުމުގެ ޚަރަދެވެ. މިއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.
ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.2 ބިލިއަން ރުފިޔާ އެވެ.