ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި މުއްދަތު ދިނުމަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެވެ. ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒު ތާއީދު ކުރެއްވި މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. މި ގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ކޮމިޓީގެ މި ނިންމުމާ އެކު، މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ.
އާންމުންގެ އިތުރުން، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ހިޔާލު ވެސް އެ މުއްދަތުގެ ތެރޭގައި ލިޔުމުން ހޯދުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ހިޔާލު ހޯދުމަށް ނިންމާފައިވާ އިދާރާތަކަކީ:
އިކޮނޮމިކް މިނިސްޓްރީ
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
މި އިދާރާތަކުން ބިލަށް ހިޔާލު ހުށަހެޅުމަށް އެދި މިއަދު ސިޓީ ފޮނުވުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މި ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން އެކަމަށް ވޯޓަކަށް ނާހަ އެވެ.
އާންމުންނާއި މުއައްސަސާތަކުގެ ހިޔާލު ހޯދުމަށް ދެ ހަފުތާގެ މުހުލަތެއް ދޭން ނިންމިއިރު، މުޅި ބިލުގެ މަސައްކަތް ކޮމިޓީން އެއްކޮށް ނިންމާލާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހެވެ. މި މަސައްކަތުގެ ސުންގަޑި ޑިސެމްބަރު 19 އާ ހަމައަށް އިތުރުކުރުމަށް މެންބަރު ސަމީރު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް ވެސް ތާއީދެއް ނުލިބުމުން ވޯޓަކަށް ނާހަ އެވެ.