ads
އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް
އެސްޓީއޯގެ އަމާޒަކީ އަހަރަކު 20 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުން
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، އަހަރަކު 20 ބިލިއަން ރުފިޔާގެ އާމްދަނީއަކާއި އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދާ ކުންފުންޏަކަށް ވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެސްއެމްގެ "ހަފުތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ޖުމްލަ ފައިދާ (ގްރޮސް ޕްރޮފިޓް) އާއި ސާފު ފައިދާ (ނެޓް ޕްރޮފިޓް) އިތުރުވަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 750 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހިރަ އަދަދުތަކަށް ބަލާއިރުގައި އަޅުގަނޑުމެންގެ އިންވެސްޓްމެންޓް ވެސް އަދި ވިޔަފާރީގައި މިނަގާ ޑެސިޝަން ތަކުގެ ވެސް ނަތީޖާ ވަރަށް ރަނގަޅޭ ދެންނެވޭނީ. އަޅުގަނޑުމެންގެ އަމާޒެއް އެއީ 2030 އާ ހަަމައަށް ދާއިރު އެސްޓީއޯއަަކީ އާމްދަނީގެ ގޮތުން 20 ބިލިއަން ރުފިޔާ، ސާފު ފައިދާގެ ގޮތުން އެއް ބިލިއަން ރުފިޔާ ލިބުން،" ޝިމާދު ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު އެސްޓީއޯއަށް އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި 4.1 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބުނެވެ. އަދި ދެވަނަ ކުއާޓަރުގައި 5.4 ބިލިއަން ރުފިޔާގެ އާމްދަނީއަކުން 280 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދިއިރު، ތިންވަނަ ކުއާޓަރުގައި ވަނީ 6.9 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު 281 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފަ އެވެ. އެއާއެކު މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ 837 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ލިބިފަ އެވެ.

ޝިމާދު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯއިން މިހާރު މަސައްކަތްކުރަމުން ދަނީ ބޮޑު ފައިދާއެއް ލައިގެން ވިއްކުމުގެ ބަދަލުގައި، ވިޔަފާރީގެ ވޮލިއުމް ނުވަތަ ވިއްކާ މިންވަރު އިތުރުކޮށްގެން ފައިދާ ނެރުމަށެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރު ބަންކަރިންގެ ވިޔަފާރި ފަށައި، ވީއެލްއެސްއެފް (VLSFO) ގެ ހިދުމަތް ތައާރަފުކުރުމަކީ އެސްޓީއޯއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ފެށިތާ ކުރީކޮޅު ދެތިން މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، ވޭތުވެދިޔަ އަހަރު އެ ވިޔަފާރިން 18 މިލިއަން ޑޮލަރު އަދި މިއަހަރުގެ މިހާތަނަށް 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެކަނި ބަންކަރިންގެ ވިޔަފާރިން ހޯދިފައިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް