ads
ރައްދު ދިނުމުގައި ވަކި ސަރަހައްދެއް ނުވަތަ އިމެއް ނޯންނާނެ: އީރާން
ރައްދު ދިނުމުގައި ވަކި ސަރަހައްދެއް ނުވަތަ އިމެއް ނޯންނާނެ ކަަމަށް ބުނެ އެމެރިކާ މެދުއިރުމަތީގެ ބައިވެރިންނަށް އީރާނުގެ އަސްކަރިއްޔާއިން އިންޒާރުދީފި އެވެ.
Advertisement

އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ ބައިވެރިންގެ މަރުކަޒުތައް ބޭނުން ކޮށްގެން އީރާނަށް އާ ހަމަލާތަކެއް ދީފި ނަމަ، އެމެރިކާ ސިފައިންނަށާއި އެ ގައުމުގެ ބައިވެރިންނަށް އީރާނުން ދޭ ރައްދު ކުރިއަށް ވުރެ މާ ވަރުގަދަވެފައި ގެއްލުން ބޮޑުވާނެ ކަމަށެވެ.

"ދުޝްމަނުންނަށާއި އެ މީހުންނަށް ވާގިވެރިވާ ފަރާތްތަކަށް އަމާޒުކޮށް ދެން ދޭ ރައްދު މާ ވަރުގަދަވާނެ، އެ ހަމަލާތަކުގައި ވަކި ސަރަހައްދެއް ނުވަތަ އިމެއް ނޯންނާނެ" އީރާންގެ އަސްކަރިއްޔާގެ ވެރިޔާ އާމިރު ހާތަމީ ވިދާޅުވި އެވެ.

އީރާންއަށް ބިރުދެއްކުމުގެ ގޮތުން އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގެ އިތުރު 3 މަނަވަރު ވަނީ މެދުއިރުމައްޗަށް އައުމުގެ މަގުމަތީގަ އެވެ. މިހާރުވެސް އީރާނުގެ އައްސޭރިފަށާ ދުރުގައި އެމެރިކާގެ އެއާކްރާފްޓް ކެރިއާގެ މަނަވަރެއް އެބައޮތެވެ.

އާ ހަނގުރާމައެއް ނުފެށުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ނިންމެވި ނިންމެވުން ޓްރަމްޕް ވަނީ ދިފާއުކުރައްވާފަ އެވެ.

"އަޅުގަނޑު ނިންމީ ރަނގަޅު ނިންމުމެއް. އަލުން އެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އަޅުގަނޑު ނިންމާނީ ހަމަ އެގޮތަށް،" ވޯލް ސްޓްރީޓް ޖާނަލްއަށް އޭނާ ވިދާޅުވި އެވެ.

ނުވަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިފައިވާއިރު، ތެލުގެ އަގު އުފުލުމާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމަކީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ކުރިމަތިވި މައިގަނޑު މައްސަލަތަކެވެ. ޑިމޮކްރެޓިކް ކެންޑިޑޭޓުން ވަނީ ސަރުކާރުން ހަނގުރާމަ ކުރިއަށްގެންދާ ގޮތަށް ފާޑުކިޔައި އެމެރިކާގެ އާއިލާތަކަށް މާލީ ގޮތުން ކުރިމަތިވަމުންދާ ދަތިތަކަކީ މި ހަނގުރާމައިގެ ނަތީޖާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައަށް ހުއްޓުމެއް ނާދެ އެވެ.

ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގެ އެކި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލައިފަ އެވެ. އަދި އީރާނުން ވާގިވެރިވާ ލުބުނާނާއި ޔަމަން އަދި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް