ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުވުން މަނާކުރާ ބިލެއް ހުށަހެޅިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ގޮވާލައިފަ އެވެ. އަދި ކުންފުނިތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ޕީސީބީއަކީ ސަރުކާރުގެ ކޮންޓްރޯލް ނެތް ތަނަކަށް ހެދުމަށް ގޮވާލާފަ އެވެ.
'އެދޭ ރާއްޖޭ'ގެ ހުށަހެޅުން:
ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅަމެވެ.
މީގެ ނަތީޖާއަކީ ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން ކަމަށް އެދޭ ރާއްޖެ ޓީމުން ވަނީ ބުނެފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމާއި، އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ ވަޒީފާގެ ކުރިއެރުން ނުދިނުމާއި ވަޒީފާއިން ވަކިކުރުން ފަދަ ބިރުދެއްކުމުގެ އެކި އަމަލުތައް ހިންގަމުންދާތީ އެވެ. ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ނުވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި، އެއީ އަމިއްލަ އިހުތިޔާރުގައި ނިންމަންޖެހޭ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅުމެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަކި މާއްދާއެއް އިތުރުކުރުމަށް ވަނީ ހިމަނައިފަ އެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން ވަކިވުމަށް، އަދި ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއްގައި، ޖަލްސާއެއްގައި ނުވަތަ އެ ނޫން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް މުވައްޒަފަކަށް އެންގުމަކީ މަނާކަމެކެވެ. މީގެ އިތުރުން، މި މާއްދާއާ ހިލާފުވާ ފަރާތްތަކުން އެ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރުކުރުވުމާއި، ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރުމުން ވަޒީފާގެ ފުރުސަތުތަކާއި ކުރިއެރުން ދިނުން ފަދަ މައްސަލަތަކަކީ ރާއްޖޭގައި އަންނަ ކޮންމެ ސަރުކާރެއްގައި ވެސް އާންމުކޮށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަންކަމެވެ.