ads
ރައީސް ނަޝީދު،. ފޮޓޯ: އެމްޑީޕީ
ފެންނަ ނުފެންނަ ވޯޓާއި މެދު ގައުމީ މަޖިލީހުގެ ކެނޑިޑޭޓުން ދެކޭގޮތް އެނގެން ބޭނުން: ރައީސް ނަޝީދު
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ދެކޭ ގޮތް އެނގެން ބޭނުންވާތީ އެ ވޯޓަށް ގޮވާލައި ބާއްވާ މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން އަންގަން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
Advertisement

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރަސްމާލެ މަޝްރޫއުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލުމާ މެދު ދެކޭ ގޮތް ޕާޓީގެ މެމްބަރުންނަށް ސާފުވުން ކޮންމެހެން މުހިންމު ކަމަށެވެ. އެހެންވެ، އެ ޕާޓީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މުޒާހަރާގައި ބައިވެރިވާ މީހުން ޕާޓީގެ އޮފީހަށް މެސެޖުކުރަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. އަދި މާލޭގައި ނޫޅުއްވާ ބޭފުޅުން ވެސް އެކަން އަންގައިދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

ދެ ތިން ފެކްޝަނަކަށް ބެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. ނަޝީދު ތާއީދު ކުރައްވަނީ "ބޮޑު ބަދަލު" ފެކްޝަނަށެވެ. ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ ތަރައްގީގެ މަޝްރޫއަށް ނަޝީދު ތާއީދު ކުރައްވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ މަޝްރޫއަކީ ރައްޔިތުންނަށް ފައިދާވާން އޮތް ރަނގަޅު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއާ ދެކޮޅު ހެދުމަކީ ވަކި ވިސްނުމެއްގައި ރައްޔިތުންނަށް އޮތް ފައިދާއަށް ހުރަސްއެޅުން ކަމަށާއި، މިކަމުގައި ކުރަން އޮތް ކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ވަކިން މުޒާހަރާއަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ ބައެއް މެމްބަރުން މިހާރު ވެސް އިދިކޮޅު އެހެން ޕާޓީތަކުގެ އެއްވުންތަކުގައި ބައިވެރިވަމުންދެ އެވެ.

އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫއު ހަވާލުކޮށްފި ނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ. އަދި އެ ޑިމާންޑަށް ސަރުކާރުން އަމަލުނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން މުޒާހަރާ ކުރަން ވެސް އެ ގަރާރުގައި ހިމަނާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް