ދުވާލެއްގެ މައްޗަށް އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ރާއްޖެ ފަދަ ގައުމަކަށް، މިއީ އިމިގްރޭޝަން ކްލިއަރެންސްގެ މަރުހަލާގައި ހޭދަވާ ވަގުތު ބޮޑުތަނުން ސަލާމަތްކޮށްދޭނެ އަގުހުރި ހައްލެކެވެ. ފުރަތަމަ މަރުހަލާގައި މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށާއި، މި ހިދުމަތުގައި ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ދަތުރުވެރިންނަށެވެ. އެގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތްތަކަށް އީ-ގޭޓް މެދުވެރިކޮށް ފަސޭހަކަމާއެކު އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރެވޭނެ އެވެ.
މި ހިދުމަތް ފުޅާކޮށް ފަތުރުވެރިންނަށް ހުޅުވާލުން ފާހަގަކުރުމަށް ވީއައިއޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ހިދުމަތް އިފްތިތާޙުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
މީގެ ކުރިން ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓުގައި ދަތުރުކުރާ ދިވެހިންނަށް ހާއްސަކޮށްފައި އޮތް މި ހިދުމަތް ފުޅާކުރުމުގެ ގޮތުން، އާ ޓާމިނަލްގެ އެރައިވަލްގައި 20 އީ-ގޭޓް އަދި ޑިޕާޗާގައި 15 އީ-ގޭޓް ވަނީ ހަރުކޮށްފަ އެވެ. މިއާއެކު، ދެކުނު އޭޝިއާ ސަރަހައްދުގައި މިހާ ފުޅާ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކަށް އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވަނީ ވެގެންގޮސްފަ އެވެ.