ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަށަކުން މީހުން ބަދަލުކުރަނީ އެ ރަށެއްގެ ހުރިހާ ރައްޔިތުން ބަދަލުވާން ބޭނުންވެގެން ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޒަމާނުން ފެށިގެން ސަރުކާރުން އަބަދުވެސް ގެންގުޅޭ އުސޫލު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަކީދޫ މީހުން މިހާތަނަށް ބަދަލުނުކުރެވިގެން އުޅެނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެކަމަށް އެއްބަސްނުވާތީ ކަމަށެވެ.
ރައްޔިތުން އެދިގެން މީހުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ މ. ރަތްމަންދޫ މީހުން ކ. ތުލުސްދުއަށް ބަދަލުކުރުމުގެ މަސައްކަތެވެ. ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ގޯތިދީގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލް އިން ހުށަހަޅާފަައިވާ ޕްރޮޕޯސަލެއް މިހާރު އިވެލުއޭޓްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރަކީދޫ މީހުން މާލެއާ ކައިރި ތަނަކަށް ބަދަލުވުމުގެ މަޝްވަރާތައް ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކި ގިނަ މީހުން އެދުނީ މާލެއާ ކައިރި ރަށަކަށް އެ މީހުން ބަދަލުކޮށްދިނުމަށެވެ.
ރަކީދޫގައި ދިރިއުޅޭ 61 މީހުންގެ ތެރެއިން 41 މީހަކު ބޭނުންވަނީ ތުލުސްދު އަށް ބަދަލުވާށެވެ. އަދި އެންމެ މީހަކު ފިޔަވައި ބާކީ އެންމެން ބޭނުންވަނީ މާލެ ކައިރިން ތަނެެއް ހިއްކައިގެން އެ ތަނަކަށް ބަދަލުވާން ކަމަށް ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ. އެ ރަށުން އެހެން ތަނަކަށް ބަދަލުވާން ބޭނުންނުވަނީ އެންމެ މީހެކެވެ.