ads
ސުޕްރީމް ކޯޓު
ސެންޓަރ އެންޓަރޕްރައިސަސްއަށް ދެ މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ބާތިލް ކޮށްފި
ޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ފޯރުކޮށްދިން ކަމަށް ބުނެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 2,011,510.99 އެމެރިކާ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
Advertisement

މި މައްސަލަ އަކީ 2008 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާއި ސެންޓަރ އެންޓަރޕްރައިސަސްއާ ދެމެދު ހިނގި މުޢާމަލާތެކެވެ. ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކާއި އަދި ހެލްތު ޕޯސްޓުތަކަށް ބޭނުންވާ މެޑިކަލް ސާމާނު ސަޕްލައި ކުރުމަށް ހުޅުވައިލި ޓެންޑަރެއް ސެންޓަރ އެންޓަރޕްރައިސަސްއަށް އެވޯޑުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 އޮކްޓޫބަރު 2007 ގައެވެ. މި އެއްބަސްވުމުގެ ޖުމުލަ އަގަކީ 2,011,510.99 އެމެރިކާ ޑޮލަރެވެ.

މި މުޢާމަލާތާ ގުޅިގެން ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅީ 7 އެޕްރީލް 2022 ގައެވެ. އެ ކުންފުނިން ދަޢުވާގައި އެދިފައިވަނީ އިންވޮއިސްތަކުގެ ފައިސާއާއި ސަރޗާޖު އެއްކޮށް ޖުމުލަ 5.1 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. އެ މައްސަލަ ބެއްލެވުމަށްފަހު ސިވިލް ކޯޓުން 28 މާރިޗު 2023 ގައި ޙުކުމް ކުރީ އެއްބަސްވުމުގެ އަސްލު އަގު ކަމަށްވާ 2,011,510.99 ޑޮލަރު ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމީ، ދައުލަތަށް ޖަވާބުދާރީވުމަށް ތަކުރާރުކޮށް ފުރުޞަތު ދިނުމުންވެސް ޖަވާބު ހުށަހަޅާފައި ނުވާތީ، މުޅި ދަޢުވާއަށް ދައުލަތުން އިންކާރުކުރާ ކަމަށް ބަލައިގެންނެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ނިންމި ނިންމުންވެސް ގާނޫނީ އުޞޫލުތަކާ އެއްގޮތް ނޫން ކަމަށް ބުނެ ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރިއިރު، ދަޢުވާކުރުން މާބޮޑަށް ލަސްވުމުގެ ސަބަބުން ދިފާޢުވުމުގެ ޙައްޤަށް ހުރަސް އެޅުނު ކަމާއި، ހެކި ވަޒަންކުރުމުގައި ހުރި މައްސަލަތަކާއި، އަދި އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުމާ ގުޅޭ ޤާނޫނީ މުހިންމު ނުކުތާތަކަށް ވަނީ ރިޔާއަތްކޮށްފައެވެ.

ސެންޓަރ އެންޓަރޕްރައިސަސްއަށް ދައުލަތުން ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކުރިއިރު، އެ ކުންފުންޏާ ގުޅޭ ސީރިއަސް މައްސަލަތަކެއް އޮޑިޓަރ ޖެނެރަލްވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސްއިން ދައުލަތުގެ ބައެއް އިދާރާތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ފައިސާ ނުދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކުގެ ލިޔެކިޔުންތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ ކުންފުންޏާ ދެކޮޅަށް ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް