ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާއިރު، ބަލިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތަކަށް ބެލެނިވެރިންގެ ފުރިހަމަ އިތުބާރު ނުލިބުމަކީ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
ބެލެނިވެރިން ވެކްސިން ޖަހަން ޖެހިލުންވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވެކްސިންގެ ސައިޑް އިފެކްޓްތަކާއި، ދިގު މުއްދަތުގެ ރައްކާތެރިކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެ އެވެ. މީގެ އިތުރުން، ކުރިން ތައާރަފުކުރި ބައެއް ޑެންގީ ވެކްސިންތަކާ ގުޅިގެން މާޒީގައި ކުރިމަތިވި ހިތި ތަޖުރިބާތަކާއި، ވެކްސިންގެ އަސަރުކުރާ މިންވަރާ މެދު ހުރި ނުތަނަވަސްކަމުގެ ސަބަބުން ބެލެނިވެރިންގެ މެދުގައި ޝައްކުތައް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ކަމާ ގުޅޭގޮތުން މެލޭޝިއާގެ ނެގެރީ ސެމްބިލާންގެ ހޮސްޕިޓަލެއްގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، ދަރިންނަށް ޑެންގީ ވެކްސިން ދޭން އެއްބަސްވީ ބެލެނިވެރިންގެ 53.7 ޕަސަންޓު މީހުންނެވެ. ހަމައެއާއެކު، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝާއިއުކުރި ތައިލެންޑުގެ ބެލެނިވެރިންގެ ހިޔާލު ހޯދުމުގެ ދިރާސާއަކުން ހާމަވި ގޮތުގައި، ވެކްސިން މަސައްކަތްކުރާ ގޮތާއި ސައިޑް އިފެކްޓްތަކާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށް 50 ޕަސަންޓަށްވުރެ ގިނަ ބެލެނިވެރިން ވަނީ ބުނެފަ އެވެ.
ދިރާސާކުރި ފަރާތްތަކުން ބުނީ ބެލެނިވެރިންނަށް އެންމެ މުހިންމީ ވެކްސިންގެ ރައްކާތެރިކަމާއި ސިއްހީ މާހިރުންގެ އިރުޝާދު ކަމަށެވެ. އަދި ބެލެނިވެރިންގެ މެދުގައި ހުރި ނުތަނަވަސްކަމާއި މައުލޫމާތުގެ މަދުކަން ފިލުވުމަށް ސިއްހީ އިދާރާތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ޑެންގީ ވެކްސިނާ މެދު ބެލެނިވެރިންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ވެކްސިންގެ ރައްކާތެރިކަމާއި ފައިދާތަކާ ގުޅޭ ސައްހަ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސިއްހީ ދާއިރާގެ ބޭފުޅުންނާއި ބެލެނިވެރިންނާ ދެމެދު ހުޅުވިފައިވާ މުއާމަލާތްތަކެއް ކުރެވިއްޖެ ނަމަ، ޑެންގީގެ ނުރައްކަލުން ކުޑަކުދިން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
ރިފަރެންސް:
ކަމްޚޯޑް، ޑީ.، ޓަންކްސަކޫލް، ޖޭ.، އަޕިވައްތަނަކުލް، އެން.، އަދި ގްރޭންޖާ، ޖޭ. (2026). ބްރިޖިން ދަ ނޮލެޖް ގެޕް: ތައި ޕޭރެންޓްސް ޕާސްޕެކްޓިވްސް އޮން ޑެންގީ އިންފެކްޝަން އެންޑް އިޓްސް ވެކްސިނޭޝަން އެންޑް ދަ ނީޑް ފޯ ޓާގެޓެޑް ޕްރޮމޯޝަން. ޕްލޮސް ނެގްލެކްޓެޑް ޓްރޮޕިކަލް ޑިޒީޒަސް، 20(1)، އީ0013920.