އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައި ތައާރަފުކުރި މި ފޯނަކީ ވާވޭއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު ބެޓެރިއާއި އެންމެ ބޮޑު ސްކްރީން ހިމެނޭ ފަތްޖެހޭ ފޯނެވެ.
ފަތްޖެހޭ ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު އެއް އުނދަގުލަކީ ސްކްރީނުގެ މެދުން ފެންނަން ހުންނަ ލެނބޭ ރޮނގެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ވާވޭއިން ވަނީ މޭޓް އެކްސް 8 ގެ ހިންޖް އަލުން ފަރުމާކޮށް، ސްކްރީނުގެ ދަށުގައި ހާއްސަ ދަގަތްފާނު ނިޒާމެއް ހިމަނާފައެވެ. ވާވޭއިން ބުނާ ގޮތުގައި މި ނިޒާމުގެ ސަބަބުން ފޯނު ހުޅުވާލުމުން ސްކްރީން 99.9 ޕަސަންޓު ސީދާވެ، ލެނބޭ ރޮނގު ލޮލަށް ނުފެންނަ ވަރަށް އޮމާންވެގެންދެއެވެ.
މި ފޯނުގެ އެތެރޭގެ ސްކްރީނުގައި 8.2 އިންޗި ހުންނައިރު، ބޭރު ކަވަރު ސްކްރީނުގައި 6.54 އިންޗި ހުރެއެވެ. ފޯނު ފަތްޖަހާލުމުން ބޯމިނުގައި އެންމެ 8.95 މިލިމީޓަރު ހުންނައިރު، ހުޅުވާލުމުން ހުންނަނީ 4.2 މިލިމީޓަރެވެ. ވާވޭގެ އެންމެ ބާރުގަދަ ކިރިން 9050 ޕްރޯ ޗިޕްސެޓާއި ހާމަނީ އޯއެސް 7 ހިމެނޭ މި ފޯނުގައި 6،200 އެމްއޭއެޗްގެ ބޮޑު ބެޓެރިއެއް ހިމެނެއެވެ.
މޭޓް އެކްސް 8 ގެ ފަހަތުގައި 50 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 40 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެއްގެ އިތުރުން 3.5 ގުނަ ޒޫމް ކުރެވޭ 50 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމެނެއެވެ. މީގެ އިތުރުން ފެނާއި ހިރަފުހުން ރައްކާތެރިވުމަށް އައިޕީ 58 އަދި އައިޕީ 59 ގެ ރޭޓިންގ ލިބިފައިވާ މި ފޯނު 5 ކުލައަކުން ލިބެން ހުންނާނެއެވެ.
ޗައިނާގެ ބާޒާރުގައި މި ފޯނުގެ އެންމެ އާދައިގެ މޮޑެލް ވިއްކަން ފަށާ އަގަކީ 12،999 ޗައިނާ ޔުއާން (ގާތްގަނޑަކަށް 1،950 އެމެރިކާ ޑޮލަރު) އެވެ. މި ފޯނަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އާންމުކޮށް ވިއްކަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ބައިނަލްއަގުވާމީ ބާޒާރަށް މި ފޯނު ނެރޭނެ ވަކި ތާރީހެއް ވާވޭއިން އަދި ހާމައެއް ނުކުރެއެވެ.