ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ 'އިކޯބޫ މޯލްޑިވްސް' ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު އެއް ޖިންސުން ދެ އަންހެނުން ކައިވެނިކޮށްދިނުމުގެ ހަފްލާއެއް ބާއްވާފައިވާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެއް ޖިންސުން ކައިވެނިކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި މިފަދަ އަމަލެއް އެ ރަށުގައި ހިންގުމަކީ ތިނަދޫއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، އާންމު ރައްޔިތުންނަށާއި ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
އިސްލާމްދީނާއި ގާނޫނުތަކާ ޚިލާފު އެއްވެސް ހަރަކާތަކަށް ތާއީދު ނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލްގެ އިހުތިސާސްގެ ތެރެއިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ރިސޯޓެއްގައި ވެސް އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް މި ފަހުން އާންމުވެފައިވާއިރު، ފުލުހުން ވަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ، ޝަރުއީ އުސޫލުތަކާއި އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތަކުން ގައުމު ސަލާމަތްކުރުމުގައި އެންމެން ދެމިތިބެންޖެހޭ ކަމަށެވެ.