ads
ސްޕިކްސް މަކާއޯ. ފޮޓޯ: ރޮއިޓާސް
ސްޕިކްސް މަކާއޯ ދިރުވުމުގެ މަސައްކަތަށް އާ ދިރުމެއް: "ހޯޕް" އުފަންވެއްޖެ
ޖަންގަލިތަކުން ނެތިގޮސްފައިވާ ކަމަށް ކަނޑައަޅާފައިވާ ސްޕިކްސް މަކާއޯ (Spix's Macaw) ގެ އަންހެން ޅަދޫންޏެއް ބްރެޒީލްގެ ސާއޮ ޕައުލޯ ޒޫގައި އުފަންވުމަކީ، މި ބާވަތުގެ ދޫނި އަލުން އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު އުއްމީދެއް ކަމަށް އެ ޒޫއިން ބުނެފިއެވެ.
Advertisement

މިދިޔަ އޮކްޓޯބަރު މަހު އުފަންވި މި ކުޑަކުޑަ ނޫކުލައިގެ ޅަދޫންޏަށް ނަންދީފައިވަނީ "ހޯޕް" (އުއްމީދު) ގެ ނަމުންނެވެ.

ހޯޕް އަކީ ދުނިޔޭގައި އެންމެ މަދުން ފެންނަ ގުރާގެ ބާވަތްތަކުގެ އާބާދީ އިތުރުކުރުމަށް ބްރެޒީލްގެ ތިމާވެއްޓާ ބެހޭ ވުޒާރާއާ ގުޅިގެން ހިންގާ ދަރިމައިކުރުމުގެ ހާއްސަ ޕްރޮގްރާމެއްގެ ދަށުން އުފަންވި ދޫންޏެކެވެ. ޒޫގެ ދޫނިތަކާ ބެހޭ ޑިވިޝަންގެ އިސް ބަޔޮލޮޖިސްޓް ފެރްނާންޑާ ގީޑާ ބުނީ، މި ދޫންޏަށް "ހޯޕް" ގެ ނަން ދިނީ މި ބާވަތުގެ ދޫންޏަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށެވެ.

މި ޅަދޫނި އުފަންވީ އާޓިފިޝަލް އިންކިއުބޭޝަން 28 ދުވަހުގެ މަރުހަލާއަކަށް ފަހުގައެވެ. ބިސް ފަޅާލައި ނުކުތުމުގައި ދޫންޏަށް ދަތިތަކަކާ ކުރިމަތިވުމުން، ޒޫގެ މާހިރުން ވަނީ ބިހުގެ އެތެރެއިން ދޫނި ނެރުމަށް އެހީތެރިވެދީފައެވެ. ގީޑާ ފާހަގަކުރި ގޮތުގައި އެއީ ވަރަށް ނުތަނަވަސް އަދި ވޭންދެނިވި 28 ދުވަސް ކަމަށާއި، ބިހުގެ އެތެރޭގައި ދޫނި އޮތް ގޮތް ރަނގަޅު ނުވުމުގެ ސަބަބުން އެމީހުންގެ ސީދާ އެހީތެރިކަމާއެކު ނޫނީ އެ ދޫންޏަށް ބޭރަށް ނުނިކުމެވުނީހެވެ.

ބްރެޒީލްގެ އިރުއުތުރު ކާޓިންގާ ސަރަހައްދަށް ނިސްބަތްވާ އަދި އެ ގައުމުގައި "އަރަރީންޏާ-އަޒޫލް" ގެ ނަމުން މަޝްހޫރު މި ދޫނި މުޅި ދުނިޔޭގެ ސަމާލުކަމަށް އައީ 2011 ވަނަ އަހަރު ނެރުނު މަޝްހޫރު އެނިމޭޓެޑް ފިލްމު "ރިއޯ" ގެ މައިގަނޑު ކެރެކްޓާ "ބްލޫ" އުފެއްދުމަށް މި ދޫނި އިންސްޕިރޭޝަނަކަށް ވުމާ ގުޅިގެންނެވެ. ނަމަވެސް ޖަންގަލިތައް ކެނޑުމާއި، ގަވާއިދާ ހިލާފަށް ގޭގައި ގެންގުޅޭ ޖަނަވާރުގެ ވިޔަފާރިކުރުމަށް ދަންތުރަ ޖަހައިގެން ހިފުމުގެ ސަބަބުން މި ދޫނީގެ އާބާދީ ވަނީ ޤުދުރަތީ ވެށިން އެއްކޮށް ނެތިގޮސްފައެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައި.ޔޫ.ސީ.އެން) ގެ ރެޑް ލިސްޓުގައި މި ބާވަތް މިހާރު ގިންތިކޮށްފައިވަނީ ޖަންގަލީގައި އުޅުން މުޅިން ނެތިގޮސްފައިވާ (އެކްސްޓިންކްޓް އިން ދަ ވައިލްޑް) ބާވަތެއްގެ ގޮތުގައެވެ. އެހެންކަމުން މި ދޫނީގެ ދިރުން މުޅިންހެން ބިނާވެފައިވަނީ އިންސާނުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްގެން ގެންގުޅޭ ދޫނިތައް ދަރިމައިކުރުމުގެ މައްޗަށެވެ.

ގީޑާ ބުނި ގޮތުގައި މިއީ ސްޕިކްސް މަކާއޯ ހިމާޔަތްކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މި ބާވަތް އަލުން އާލާކުރުމުގައި ކުރިމަތީގައި އަދިވެސް ދިގު މަގެއް އޮތް ނަމަވެސް، މިއީ ވަރަށް ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް