ads
ފޮޓޯ: މަންޓާ އެއާ
މަންޓާ އެއާގެ އޭޓީއާރު އޮޕަރޭޝަންސް ހުއްޓާލައި މުވައްޒިފުން ވަކިކޮށްފި
ރާއްޖޭގެ ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ މަންޓާ އެއާ އިން އެ ކުންފުނީގެ އޭޓީއާރު މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި، އެ ފްލީޓްގައި މަސައްކަތްކުރާ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
Advertisement

މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި އެ ކުންފުނީގެ އޭޓީއާރު ކްރޫންނަށް ފޮނުއްވި ރަސްމީ ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންތައް ހުއްޓާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. މަންޓާ އިން ބުނި ގޮތުގައި، އޭޓީއާރު އޮޕަރޭޝަންގެ އޮނިގަނޑަށް ބަދަލުތައް ގެނެސް، ވީހާ ވެސް ގިނަ ދުވަހަކު މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ވިޔަފާރީގެ ދެމެހެއްޓެނިވިކަން އަލުން މުރާޖައާ ކުރުމަށް ފަހު އެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ހާލަތެއް މިހާރު ނެތެވެ.

މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ދެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޕާކިސްތާނުގެ ސައުތު އެއާ އާއެކު ކުރިއަށް ގެންދިޔަ ވެޓް-ލީޒް އޮޕަރޭޝަން ނިމުމަކަށް އައުމާއި، ކުންފުނީގެ އޭޓީއާރު ފްލީޓްގެ އިންޖީނުތަކަށާއި ޓެކްނިކަލް ގޮތުން ތަކުރާރުކޮށް މެދުވެރިވަމުންދާ މައްސަލަތަކެވެ.

އޭޓީއާރު ފްލީޓުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވިޔަފާރީގެ އޮޕަރޭޝަން ހުއްޓާލުމާ ގުޅިގެން މުވައްޒަފުން ވަކިކުރާ ވަކިކުރުމެއްގެ ގޮތުގަ އެވެ. އަދި މުޅި އޮޕަރޭޝަން އެއްކޮށް ހުއްޓާލާތީ، މުވައްޒަފުން ވަކިކުރުމުގައި ވަކި ސިލެކްޝަން ކްރައިޓީރިއާއެއް ނުހިނގާނެ ކަމަށް ވެސް ނޯޓިސްގައިވެ އެވެ.

ނަމަވެސް، ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން ލުއި ދިނުމުގެ ގޮތުން، މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އަމިއްލައަށް އިސްތިއުފާ ހުށަހެޅުމުގެ ފުރުސަތު ކުންފުނިން ވަނީ ދީފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، އިސްތިއުފާގެ އެއްބަސްވުމުގެ ދަށުން ވަކިވާ މުވައްޒަފުންނަށް، ވަކިކުރުމުގެ ނޯޓިސް މުއްދަތުގައި ލިބެންޖެހޭ ފައިސާއާ އެއްވަރުގެ އަދަދެއް ދޭނެ ކަމަށް މަންޓާ އިން ބުންޏެވެ. އަދި މި ނިންމުމުގެ ސަބަބުން އަސަރުކުރާ ކޮންމެ މުވައްޒަފަކާ އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓުން ވަކިވަކިން މުއާމަލާތުކޮށް، ނޯޓިސްގެ ޝަރުތުތަކާއި ފަހުގެ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

މިއީ އޭޓީއާރު ކްރޫންގެ ގާބިލުކަން ނެތިގެން ނިންމި ނިންމުމެއް ނޫންކަން ފާހަގަކޮށް، އުނދަގޫ ހާލަތްތަކުގައި ވެސް މުވައްޒަފުން ދިން އެއްބާރުލުމާއި ޚިދުމަތަށް މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށް މާފަށް އެދިފަ އެވެ.

ދ. ކުޑަހުވަދޫ އެއާޕޯޓަށް މަންޓާ އިން އޭޓީއާރުގެ ދަތުރުތައް ފެށީ ފެބްރުއަރީ 2019 ގަ އެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ ދަރަވަންދޫ، މަޑިވަރު، ކޫއްޑޫ އަދި އިފުރަށް ވެސް އޭޓީއާރުގެ އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް