މިއަދުން ފެށިގެން މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ބަންޑާރަ ނައިބު އަހްމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހްސާންއާއި، ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން ސަފީރުންނާއި އެމްބެސެޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މައުލޫމާތުތައް ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ވަނީ "ގައުމުގެ އަމާންކަން ކަށަވަރުކޮށް މަސައްކަތްތެރިން ބާރުވެރިކުރުމާއި ޑިޖިޓަލް ކުރިމަގު ބިނާކުރުމަށް އަމާންކަމާއި ހިދުމަތްތައް ބަދަލުކުރުމުގެ އައު ޒަމާނެއް 2023-2026" ފޮތްވެސް ނެރެފައެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ، މި އެކްސްޕޯއަށް 35,000 ޒުވާނުން ޒިޔާރަތްކޮށް، ހުށަހެޅިފައިވާ ވަޒީފާތައް ހޯދައި، ވަރައިގެ ބާރުގައި ކުރިއަށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން އަދާކުރަންޖެހޭ އެންމެ މުހިންމު ޒިންމާއަކީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި، މިކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ގާބިލު ޒުވާނުންތަކެއް ބިނާވެގެންދިޔުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.
މިފަހަރުގެ އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ކުންފުނި ސަން ސިޔާމް ރިސޯޓްސްއެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ.
ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ މި އެކްސްޕޯ ބަހާލާފައިވަނީ މައިގަނޑު 4 ޒޯނަކަށެވެ:
ކެރިއަރ ޒޯން: 34 ބައިވެރިން
އެޑިއުކޭޝަން ޒޯން: 32 ބައިވެރިން
ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން
މާކެޓު ޒޯން: 73 ބައިވެރިން
ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން މިއަދު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށްދާ މި އެކްސްޕޯއަކީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުސަތުތައް ހޯދަން އެދޭ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަންސައެކެވެ. އެހެންކަމުން ވީހާވެސް ގިނަ ޒުވާނުންނާއި އާންމު ރައްޔިތުން މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.