ރަސްމާލެ މަޝްރޫއުގައި ސޮއިކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވާލައި "އަހާބަލަ" ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި، އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، ވެލާނާ އެއާޕޯޓު ތަރައްގީކުރަން ޖީއެމްއާރު ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދިންއިރު އާންމުންގެ ހިޔާލު ނުހޯދީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެ ސުވާލަށް ރައްދު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައްވަނީ އެއާޕޯޓު މައްސަލައިގައި ލިބުނު ތަޖުރިބާގެ އަލީގައި ކަމަށެވެ.
އެއާޕޯޓު ތަރައްގީކޮށް ހިންގަން 2010 ވަނަ އަހަރު ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި މައްސަލަ ވެގެން ދިޔައީ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓުމަށް ދިމާވި މައިގަނޑު އެއް ސަބަބަށެވެ. އިދިކޮޅު ފަރާތްތަކުން ޖީއެމްއާރު ބޭރުކުރަން ގޮވާލައި ވަރުގަދަ މުޒާހަރާތަކެއް ކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލަ ޖީއެމްއާރުން އާބިޓްރޭޝަނަށް ހުށަހަޅައިގެން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަން ޖެހުނެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މި ފަހުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ޒިޔާރަތްކުރެއްވިއިރު، މީހުން ހިޖުރަކުރުމުގެ ސަބަބުން ބައެއް ރަށްރަށުގެ ސްކޫލުތަކުގެ ގްރޭޑްތައް ވެސް ބަންދުވަމުންދާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށާއި، މިފަދަ މަޝްރޫއުތަކުގެ ސަބަބުން އަތޮޅުތައް އިތުރަށް ފަޅުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރެސިޑެންސީ މަޝްރޫއުތައް ހިންގުމަށް އުތުރާއި ދެކުނުގައި ޖާގަ އޮތްއިރު، މާލެ ސަރަހައްދުގައި އެކަން ކުރުމުން މުޅި ރާއްޖެ ހަލާކުވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމާފައިވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްގެ ގޮތުގައި 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.