ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ޔުގީތު އިބްރާހީމާއި، ނޭޕާލްގެ އުމުރުން 20 އަހަރުގެ އަންހެނެއް ކަމަށްވާ ސްނޭހާ ރިމާލް އެވެ.
ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން ހިންގި މި އޮޕަރޭޝަނުގައި، އެ ދެ މީހުން ތިބި ކޮޓަރިން ތިން ގައުމެއްގެ ފައިސާ ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
5.05 މިލިއަން ނޭޕާލީ ރުޕީސް (ގާތްގަނޑަކަށް 526,750 ދިވެހި ރުފިޔާ)
4,215 އޮމާނީ ރިޔާލް (ގާތްގަނޑަކަށް 169,189 ދިވެހި ރުފިޔާ)
55 ޔޫއޭއީ ދިރުހަމް (ގާތްގަނޑަކަށް 231 ދިވެހި ރުފިޔާ)
ފުލުހުން އަތުލައިގަތް ފައިސާގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 696,170 ރުފިޔާއަށް އަރަ އެވެ.
ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ ކައިވެނި ކުރަން އުޅޭ ބައެއް ކަމަށް ފުލުހުންގެ ގާތުގައި ބުނެފައި ވީނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. އަދި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ގޮތުގެ ސައްހަ ލިޔެކިޔުމެއް ނުވަތަ ހެއްކެއް ވެސް އެ މީހުންނަށް ދެއްކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިހާރު ތިބީ ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި މަނީ ލޯންޑަރިންގެ ތުހުމަތުގައި އިތުރު ތަހުގީގު ހިންގުމަށްޓަކައި، އެ މައްސަލަ ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.