މޭގަން އާއި ބްރައިން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2004 ވަނަ އަހަރު އެވެ. ހަ އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު 2010 ވަނަ އަހަރު މި ދެތަރިން ވަނީ ކައިވެނިކޮށްފަ އެވެ.
ދިހަ އަހަރު ވެފައިވާ އެ ކައިވަންޏަށް ވަނީ ތިން ދަރިން ވެސް ލިބިފަ އެވެ. އެއީ އުމުރުން ހަތް އަހަރުގެ ނޮއާ އާއި ހަ އަހަރުގެ ބޯދީ އަދި އުމުރުން އެންމެ ތިން އަހަރުގެ ޖާނީ އެވެ.
މި ދެތަރިން ވަރިވާން ނިންމި ސަބަބު ކިޔާ ދެމުން ބްރައިން ބުނީ މިދިޔަ އަހަރު ފަހުކޮޅު ދެ ތަރިންވެސް މަޑު މަޑުން އެކަކު އަނެކަކާއި ދުރުވާން ފެށި ކަމަށެެވެ. އަދި ގިނަ ދުވަސްތަކެއް ފިލްމު ޝޫޓިންގައި ހޭދަކުރުމަށް ފަހު ގެއަށް އައިސް މޭގަން އޭނާ ކައިރީ ތިމަންނަ އެ ދުވަސްކޮޅު ހުރީ މާ ހިތްމަޖެހިފައި ކަމަށް ބުނި ކަމަށެވެ.
އެގޮތަށް ބުނުމުން ފުރަތަމަ ވަރަށް ދެރަވި ކަމަށާއި އެހެން ނަމަވެސް މޭގަން ދެކެ އޭނާ އަށް ރުޅި ނާދެވޭނެ ކަމަށް ބްރައިން ބުންޏެވެ. ދެ މީހުން ވެސް އުޅުނީ ވަރަށް އުފަލުން ވަރަށް ވަފާތެރިކޮށް ކަމަށާއި އެއްވެސް މީހަކު އަނެކާ އަށް ދެރަގޮތެއް ހަދާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް މޭގަން އެހެން ބުނުމުން އެކަމާ ގުޅިގެން ދެ މީހުން މަޝްވަރާ ކުރުމަށް ފަހު ވަކިވާން ނިންމީ ކަމަށް ބްރައިން ބުނެއެވެ.
ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ރަނގަޅު ކަމަށާއި ހަމައެކަނި އޮތް ކަންބޮޑުވުމަކީ ކައިވެނި ރޫޅުމުން ދަރިންނަށް ކުރާނެ އަސަރަކާ މެދު ކަމަށް ބްރައިން ވަނީ ފާހަގަކޮށްފަ އެވެ.
މޭގަން އާއި ކޮލްސޮން ބޭކާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިގެންދާ ކަމުގެ ވާހަކަތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.