ads
ސިޔާސީ ހަރަކާތް: ސިޔާސީ މީހުންގެ ގަބޫލު ކުރުން ދެއިރު ދެ ދަޅަކަށް ބަދަލުވަނީ ކީއްވެ--
ލަދުގެ ކަންފުޅެއް ވެސްނެތީ ތޯ؟
ރާއްޖެ ދަނީ ބަދަލަކާ ދިމާލަށެވެ. މި ބަދަލު ފެށުނީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ޒަމާނާއި ހާލަތާ ގުޅޭ ގޮތުން އަންނަންޖެހޭނޭކަމަށް ދިވެހިން ގަބޫލު ކުރި ޝަރަފުވެރި ދިވެހި މީހާ އާއި ގިނަ ބަޔަކަށް ގަބޫލު ކުރެވުނު އިންސާފުވެރި އިޖުތިމާއީ އަދާލަތު ގާއިމް ނުކުރުވުމުންނެވެ.

ދިވެހިންގެ ގިނަ ބަޔަކަށް އުއްމީދު ކުރި ޝަރަފުވެރި ދިވެހި މީހާ އާއި ގިނަ ބަޔަކަށް ގަބޫލު ކުރެވުނު އިންސާފުވެރި އިޖުތިމާއީ އަދާލަތު ގާއިމް ނުކުރުމުން އެކަމުގެ ފައިދާ ނަގައި ރާއްޖެ ބަދަލުކޮށްމުގެ މަސައްކަތް މީގެ އެތައް އަހަރެއްގެ ކުރިން ފެށި އެވެ. ކަންކަން ދިމާވިގޮތުން ރާއްޖެ ބަދަލަކަށް މިސްރާބު ޖެހީ، ރާއްޖޭގެ ފަހުގެ ތާރީހުގައި ޖަލުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާ ކަމުގައިވާ އީވާން ނަސީމުގެ މަރާ ގުޅިގެންނެވެ.

އޭރު ވެސް ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. ސަރުކާރުން ގަބޫލު ކުރާ ހަމަތަކާއި މިންތަކުގައި ރައީސް މައުމޫނު ގެންދެވީ ރާއްޖެ ބަދަލުކުރަމުންނެވެ. އެ ބަދަލަކީ ހާލަތަށް ބަލާއިރު އަންނަށް ޖެހޭ ބަދަލާ ގާތަށް ވެސް ގެންނަ ބަދަލެއް ނޫން ކަމަށް ދެކި އެ ބަދަލު ގަބޫލުނުކޮށް ބާރު ސްޕީޑުގައި ރާއްޖެ ބަދަލުކުރުމުގެ މަސައްކްތް ކުރި ބަޔަކު ވެސް އޭރު ވެސް އުޅުނެވެ.

އިވާން ނަސީމުގެ މަރުގެ ހާދިސާއަށް ފަހު ކުރި އާ އަޅާ ބަލާއިރު ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް ތަންކޮޅެއް ބާރު ސްޕީޑުގައި ކުރެވެމުންދިޔަ އެވެ. ދަނޑިވަޅު ބަލައި ވެރިކަމަށް ދަހިވެތިވެފައި ތިބި މީސްމީހުން އެމީހުންގެ ލީޑަ ޝިޕް ދައްކާ އެ މީހަކަށް ކުރެވުނު މަސައްކަތެއް ކުރި އެވެ. ނަމަ ވެސް އޭރު އެމީހުން ބުނަމުންދިޔަ އެއް ވާހަކަ އަކީ ވެރިކަން ބޭނުން ނުވާ ވާހަކަ އެވެ. އެ ދުވަސްވަރަކީ، އިންސާފުގެ ތަރާދުން އިންސާފު ލިބޭ ދުވަސްވަރެއްކަމަށް ގަބޫލުނުކޮށް އެ މީހަކަށް ވީކަމެއް ކުރަމުން ދިޔައީ ވެރިކަން ބަދަލުކުރުމަށް އޮތް މަގަކުން އެ މީހަކަށް ކުރެވުނު ކަމެއް ކުރަމުން ދިޔަ ކަހަލަ ގޮތަކަށެވެ. ނަތީޖާއަކަށްވީ "ސިޔާސީ" ކަމެކޭ ކިޔާ ހިތުހުރި އެއްޗެއް ކިޔާ ހެދުމެވެ. އެއް ދުވަހު އެއް ކަމަކާ ގުޅޭ ގޮތުން މެދު ދައްކާ ވާހަކަ އާ އުޑާ ބިމާ އާ ތަފާތުކޮށް، އެއްކަމެއްގައި ދެތިން ހަތަރު ގޮތަށް ވާހަކަ ދައްކަން ފެށުމެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލެއްކޮށްފިނަމަ އެ ދުވަހު ވެސް އެ މީހުން ބުނަނީ މިއީ "ސިޔާސީ" ކަންކަން ކަމަށެވެ. މާނައަކީ އެ މީހުން ހިތުން ސިޔާސީ ކަމަކީ ހަމައެއް ލަމައެއް ނެތް ހަރަކާތެކެ އެވެ. ތިމާއަށް ފައިދާވާ ގޮތަށް ކަންކަން ވެ ނިމުމެވެ. އިއްޔެ ގަބޫލު ކުރި ކުރުން މިއަދު ބަދަލުކޮށް އިއްޔެ ބުނި ވާހަކަ ދިފާއު ކުރަން އުޅުމެވެ. މިއީ މީގެ 40 އަހަރުކުރިން ވެސް އަދި އޭގެ ކުރިން ވެސް މިކަން ހިނގާފައިވާނެ ގޮތަކީ މިއީ ކަމަށް ފެނެ އެވެ. ޔަގީނުންވެސް މިދިޔަ 30 އަހަރުކަން ހިނގާފައިވަނީ މި މަގުންނެވެ.

މީގެ 30 ވަރަކަށް އަހަރު ކުރިން، ވެސް ދެއްކި ގޮތަށް މިއަދު ވެސް ދައްކާ ވާހަކަތައް ދެ އިރު ދެ ދަޅައަކަށް ތިމާ ދެކޭ ގޮތާއި ގަބޫލު ކުރާ ގޮތް ބަދަލުވުމަކީ މޮޅުކަމެއްތޯ އެވެ. އެއީ މޮޅު ސިޔާސީ މީހުންގެ ސިފައެއް ތޯ އެވެ. އެއީ އަމާނާތްތެރިންގެ ގޮތް ތޯ އެވެ. އެއީ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކުރާ ވެރިންގެ އަހުލާގު ތޯ އެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަން ގޯހުން ގޯހަށް ހިނގައްޖެކަން ގަބޫލުކޮށް، ދިވެހިން ގަބޫލު ކުރި ޝަރަފުވެރި ދިވެހި މީހާ އާއި ގިނަ ބަޔަކަށް ގަބޫލު ކުރެވުނު އިންސާފުވެރި އިޖުތިމާއީ އަދާލަތު ގާއިމް ކުރަން ނިކުންނަ މީހާގެ ގައިގައި ހުންނަށް ޖެހޭ ސިފައެއް ތޯ އެވެ.

އެހުރިހާ ސުވާލެއް ފަތިފައްޗަށް އަމުނާލާން ޖެހުނު ސަބަބު ކޮންމެވެސް ވަރަކަށް މިހާރު އިހްސާސްވާނެއެވެ. ތިޔަ އިހުސާސްވީ ރަނގަޅަށެވެ. މިއުޅެނީ މި ރާއްޖޭގައި ނަގާ މިކިޔާ އިސް މީހުންގެ ބަހުގެ އިތުބާރު ނެތް ވާހަކަ އާއި އެ މީހުންގެ ގޮތެއް ނެތްކަމުގެ ވާހަކަ ބުނާށެވެ. ނަމަވެސް އެއީ ދިވެހިން ހެޔޮ ހޮތުން ގަބޫލު ކުރާނެ ސިފަތަކެއް ނޫނެވެ. ނަމަވެސް މިއަދު އޮތީ އެ ހަގީގަތާ ކުރިމަތިވެފައެވެ.

އިއްޔެ ކުށްވެރިވި މީހާ، ކުށްވެރިވެ ޖަލަށް ލީ ތަހުޒީބީ ނިޒާމުގެ ތެރެއިން އިންސާފުވެރި ޝަރުއީ ނިޒާމަކުން ހަމަ އާއި ލަމާއި އިންސާފުންކަމަށް ކަމަށް ގަބޫލު ކުރި މީހާ މިއަދު މިވަނީ މީގެ އަހަރެއްގެ ކުރިން ގަބޫލު ކުރި ކުރުން، އެއީ  ގޯހެއްކަމަށް ދެކި އެ ކުށްވެރިވި މީހާ ދޫކޮށްލަން ޖެހޭނެކަމަށް ބުނެފައެވެ. ސިޔާސީ ކަންކަން ކަމަށް ބުނެ އިއްޔެ ގަބޫލު ކުރި ހަމަ އާއި އިންސާފާއި ގޮތް ދޫކޮށް މިއަދު އެހެން ވާހަކަ އެއް އެ ދައްކާ މީހާއަށް  ދިވެހިންގެ އިހުސާސް އާއި ދިވެހިންގެ މަގާމު ހަމަ ނޭނގެނީ ބާއްވައެވެ. ނުވަތަ އަމިއްލަ ފައިދާއެއް އެކަމުގައި އޮތުމުން ޝަރަފްވެރި ދިވެހި މީހާ ބިނާ ކުރަން ދެއްކި ވާހަކަ ހަނދާން ނައްތާލާފައި، އިއްޔެ ކީ ޅެން ފަރިއްސަށް ވެ ނިމުނީ ބާއްވައެވެ.

އިއްޔެ ކީ ޅެން ފަރިއްސަށް ވެގެން ނިންމާލާ ނަމަ، ޝަރަފްވެރި ދިވެހި މީހާ އުފައްދަން ނުކުން ނުކުތުމުގައި ތިމާގެ އަމިއްލަ އެދުން ފިޔަވާ އިތުރު އެއްވެސް އެއްޗެއް އޮންނާނެ ބާއްވައެވެ. ރާއްޖޭ ސިޔާސީ ބައެއް ލީޑަރުން ގަބޫލު ކުރާގޮތުގައި ވިޔާނުދާ މަގަކުން ގޮސްގެންވެސް އޭނާ ބޭނުންވާ ކަމެއް ފުރިހަމަ ވެއްޖެ ނަމަ އެމީހަކީ ވަރަށް ބުއްދިވެރި މީހެކެވެ. 

ނަމަވެސް ސުވާލަކީ ތިމާ ގަބޫލު ކުރާ ހަމަ އާއި ދުނިޔެ ދެކޭ ތަހުޒީބީ އުސޫލުތައް ދޫކޮށްލައިގެން ހޯދާ މޮޅާއި ޝަރަފަކީ ހަގީގީ ޝަރަފެއްތޯ އެވެ. އަދި އެ މޮޅަކީ ހަމަ މޮޅެއް ތޯ އެވެ. އެހެން ވެއްޖެ ނަމަ އެ ބުނަނީ އިންސާފާއި ހަމައިން ދަތުރު ކުރުމަކީ އިންސާނީ ރީތި ސިފަ އަކަށް ވިޔަސް، ތިމާއަށް މަންފާއަށް ކުރާކަންކަމުގައި "އިންސާފާއި ހަމަ، އަދި ތަހުޒީބީ އުސޫލު" ގެ އެއްވެސް ބޭނުމެއް ނެތްކަމަށް ތޯ އެވެ.

ތިމާ ގަބޫލުކުރާ ގަބޫލު ކުރުން، ދެ އިރު ދެ ދަޅައަށް ބަދަލުކޮށްގެންވެސް ތިމާ ބޭނުންވާ ކަންކަން ކާމިޔާބު ވެއްޖެ ނަމަ އެ ބުނަނީ ޖައްގަލީގެ އުސޫލުން ލިބޭ ކާމިޔާބަކީ ހަމަ ޝަރަފެއް ތޯ އެވެ. ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށެވެ. ތިމާ ބޭނުންވާ ކަންކަން ކުރުމަށް ހަމަ އާއި އިންސާފާއި ތިމާ ގަބޫލުކުރާ ކުރުން ދޫކޮށް ކާމިޔާބު ހޯދުމަކީ ކާމިޔާބެއްކަމަށް ދެކޭ ނަމަ މި ގައުމުގެ ރައްޔިތުން ތިޔަ ވައްދަނީ ހަމައެއް ލަމަ އެއް ނެތް އަދި ބޮޑު އެތި ކުޑަ އެތި ކާލަމުންދާ ޖަނަވާރުން ދިރިއުޅޭ ޖައްގައްޔަށް ތާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް