މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ޔަމަނުގައި ދިމާވެފައިވާ ހިއުމެނިޓޭރިއަން ކްރައިސިސް އިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށްވެފައިވާކަން ފާހަގަކުރައްވައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައި ވެއެވެ. އަދި ޔަމަނުގައި ސުލްހަ ޤާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި މިނިސްޓަރު ފާހަގަކުރެެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ޔަމަނުގައި ބައިނަލްއަޤްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ހާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ގުޅިގެން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދގެ ހިއުމެނިޓޭރިއަން އެފެއާޒް އާއި ބެހޭ އަންޑާ ސެކްރެޓަރީ ޖެނެރަލް އަދި އިމާޖެންސީ ރިލީފް ކޯޑިނޭޓާ މާކް ލޯކޮކް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.