ads
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ހިއްކިބިމެއްގެ ހަތަރެސްކަން ގޮޅިއަކަށް ދިވެހިން ލާން ކުރިން އޯކޭ އެއް ނޫން، މިހާރު އޯކޭ!
މީގެ ހަތަރު އަހަރު ކުރިން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޖަޒީރާ ދިވެހި ގޮތް ނަގާލާ ހިއްކިބިމެއްގެ ހަތަރެސްކަން ގޮޅިއަކަށް ދިވެހިން ގެނެސް އަޅައި އެ ބިމުގެ ވެއްޔާ އެކީ ހިމުންވެ ހަފުސްވެދާ ދިރިއުޅުމަކަށް ދިވެހިންގެ ބޯމަހާ ނުލެވޭނެ ކަމަށެވެ. އަދި އެގޮތަށް ވިޔަ ނުވެސް ދޭނެ ކަމަށެވެ.

އެދުވަހު ރައީސް ނަޝީދު ވިދާޅުވީ ތޮއްޖައްސާ ހިފަހައްޓާ، އޮބަހައްޓާ އަދި ބައްކޮށްގެން ކުރިއަރާ ދިޔަ އެއްވެސް ބަޔަކު އިންސާނީ ތަޖުރިބާއަށް ބަލާލުމުން ވެސް ނެތްކަން ފެނިގެންދާނެ ކަމަށެވެ. އަދި 500 ނުވަތަ 600 މީހުންގެ ކުދި އާބާދީއެއް ނެތީ ކޮން ގައުމެއްގެ ކޮން ހިސާބެއްގައި ތޯ އެދުވަހު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ ވިލެޖް ޓައުންތަކާއި ކުދި ސިޓީތައް ހިމެނޭ ކުދި ރަށް ރަށަކީ ގައުމެއް ކަމަށާއި އެ ގައުމުތައް އެހެރީ ތަރައްގީވެ ކުރިއަރާ ގޮސްފައި ކަމަށެވެ. 

ތިމާވެށި ރައްކާތެރި ކުރުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ އދ. ގެ ޗެމްޕިއަން އޮފް ދަ އާތު އޭރު ދެއްކެވި ވާހަކަތަކާއި މިހާރު ދައްކަވާ ވާހަކަތައް ދިމާވާހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެ އެވެ. 

ލާމަރުކަޒީ ނިޒާމުގެ ލީޑަރު އޭރު ގައުމު ލާމަރުކަޒީ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅެ ވާހަކަ ދައްކަވާފައި އޮތް ނަމަވެސް މިހާރު އެމަނިކުފާނުގެ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ގައުމު މިސްރާބު ޖަހަނީ ޖަޒީރާ ރާއްޖެއަކާއި މެދު ކަމާއި ވެސް އަޅުގަނޑަށް ޝައްކެވެ. 

ތިމާވެށި ރައްކާތެރި ކުރުމަށާއި ތިމާވެއްޓާ މެދު މީހުން ހޭލުންތެރި ކުރުމުގައި ދެމި އޮންނާނެ ކަމަށް ބުނާ ސަރުކާރުގެ މަޝްރޫއުތަކުން ދިވެހިންގެ މި ވެށި ހަލާކުވެގެން ހިނގައިދާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ. ލާމަރުކަޒީ ކުރުމަށް މަސައްކަތްކޮށް މުޅި ރާއްޖެއަށް ގެންނާނެ ކަމަށް ބުނި ތަރައްގީ އަދިވެސް ފެންނަނީ މާލެ ސަރަހައްދުން އެކަންޏެވެ. 

ސަރުކާރުގެ އެންމެ ބޮޑުއެއް މަޝްރޫއު ކަމަށްވާ ގުޅިފަޅުގައި ބަނދަރު ތަރައްގީކުރުމަށް ކުރާ މަސައްކަތުގައި އެ ރަށުގެ ފަޅު ހިއްކުމުން ވަށައިގެންވާ ފަޅުތަކަށް ވަމުންދާ ގެއްލުންތަކުގެ ވާހަކަ ރައްޔިތުން ދަނީ ދައްކަމުން ނެވެ. އެ މަޝްރޫއު އެގޮތަށް ނުގެންދުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ރާއްޖޭގެ ފަޅުތައް ހިއްކައިގެން ކުރާ ތަރައްގީގެ މަޝްރޫއުތަކަށް ދިވެހިން އަންނަނީ ނޫނެކޭ ބުނަމުން ނެވެ. 

އެހެން ނަަމަވެސް މިއަދު، އާތު ޗެމްޕިއަން މި ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. 

މާލެ ސަރަހައްދު ހިތްކަން ޖެހެނީ އެހެން ގޮތެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާކަމަށް ވެސް އެމަނިކުފާނު އެއްބަސްވެވަޑައިގަންނަވަ އެވެ. 

ކުރިން އެމަނިކުފާނު ވެސް ދިޔައީ އެފަދަ މަޝްރޫއުތަކަށް ނޫނެކޭ ބުނަމުން ނެވެ. ކުރީގެ ސަރުކާރުގައި ބްރިޖުގެ މަސައްކަތް ފެށުމުން ވެސް އެކަމާ މާގަޔައެއް ނުވި އެވެ. 

މިހާރު ބަދަލުވީ ކޮން ކަމެއްތޯ އެވެ. މާލެ ސަރަހައްދުގެ އާބާދީ ބޮޑުކޮށް ރަށް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެކެވެނު ވާހަކަތައް ފުލޯކު ވާހަކަތަކަށް ވެގެން މިދަނީ، މިހާރު ތިމާވެށި އެހާ މުހިންމު ނުވީމަތޯ އެވެ. ނޫންނަމަ، ލާމާރުކަޒީ ނިޒާމަށް ވުރެ މަރުކަޒީ ނިޒާމު މާ ކަމުދަނީތޯ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް