ads
ފަހިވޯޓް---
ފަހިވޯޓާއި އެކު ހިއްސާދާރުންނަށް ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު
އަހަރީ އާންމު ޖަލްސާއަކީ ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ކުންފުންޏަކުން އަހަރަކު އެއްފަހަރު ބާއްވަން ކުންފުނިތަކުގެ ގާނޫނުން ލާޒިމްކުރާ، ކުންފުނީގެ ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވާ ޖަލްސާއެކެވެ. އެ ޖަލްސާގައި ފާއިތުވި އަހަރުގެ މާލީ ހިސާބު ތަކުގެ ރިޕޯޓު ފާސްކުރުމާއި ހިއްސާދާރުންނަށް ބަހާ ފައިދާ ފާސްކުރުމާއި އަދި ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން އައްޔަން ކުރުން ފަދަ މުހިންމު ކަންކަމަށް ވޯޓުލުމުގެ ފުރުސަތު، ހިއްސާދާރުންނަށް ލިބިގެންދެއެވެ. އޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑާއި ސުވާލުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް، އަހަރީ އާންމު ޖަލްސާ މެދުވެރިކޮށް ހިއްސާދާރުންނަށް ލިބެ އެވެ.

ކުންފުނީގެ ގާނޫނުގެ އިތުރުން ދިވެހި ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކުރެވި އާންމުންނަށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ލިސްޓިން ރޫލްސް އާއި ހިއްސާގެ ބާޒާރުގެ ރެގިއުލޭޓާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ)ގެ ގަވާނަންސް ކޯޑާއި ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާއި ބެހޭ ގަވާއިދުގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. އެގޮތުން އަހަރު ފެށިގެން އަންނައިރު އެންމެ އިސްކަމެއް ދެވިގެން ދަނީ ފާއިތުވި އަހަރުގެ ކުންފުނީގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު ނިންމައި ޝާއިއު ކުރުމަށެވެ. އޭގެ ފަހުން އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ކުރިއަށް ގެންދެ އެވެ. ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްފައިވާ ކުންފުނިތަކުން މާލީ އަހަރު ނިމޭތާ ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭ ކުންފުނީގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު ނިންމައި ޝާއިއުކޮށް، ގިނަވެގެން ފަސް މަސް ދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަންޖެހެ އެވެ. 

އަހަރީ އާންމު ޖަލްސާ ބާއްވާއިރު ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަންކަން އިސްވެ ދެންނެވުނު ގާނޫނާއި ގަވާއިދުތަކުގައި ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާ ތާރީޙުގެ 14 ދުވަސް ކުރިން ޖަލްސާގެ އިއުލާން ނުވަތަ އޭ.ޖީ.އެމް ނޯޓިސް ޝާއިއުކޮށް، ހިއްސާ ދާރުން ޖަލްސާ އަށް ރަޖިސްޓާ ކުރާނެގޮތުގެ ތަފްސީލް އާންމު ކުރަންޖެހެ އެވެ. އަދި ޖަލްސާގައި އަމިއްލަޔަށް ބައިވެރިވުމަށް އުޒުރުވެރިވާ ހިއްސާދާރުން ތަމްސީލްކުރާ ފަރާތްތައް ނުވަތަ ޕްރޮކްސީ ރަޖިސްޓާ ކުރާނެގޮތުގެ ތަފްސީލް ވެސް ހިމަނަންޖެހެ އެވެ. 

މި ދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއްތަނަކަށް ގިނަ މީހުން އެއްވެގެން ކުރެވޭ ކަންކަން މަދުކުރުމަށް އަންގާފައި ވާއިރު، ސީ.އެމް.ޑީ.އޭ އިން ވަނީ ލިސްޓް ކުރެވިފައިވާ ކުންފުނިތަކަށް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފަ އެވެ. އެގޮތުން އަމާނާ ތަކަފުލް އިން އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އޭޕްރީލް މަހުގައި ވަނީ ބާއްވާފައިވެ އެވެ. އަދި ދިރާގުގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށެވެ.

ފަހިވޯޓަކީ ޖަލްސާތައް މެނޭޖް ކުރުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ޑިވެލޮޕްކޮށްފައިވާ ވެބް އެޕްލިކޭޝަނެކެވެ. ޖަލްސާއަށް ރަޖިސްޓަރީ ކުރުމުން ފެށިގެން އެޖެންޑާ އައިޓަމް ތަކަށް ވޯޓު ލުމާއި ހަމައަށް ހުރިހާ ކަމެއްވެސް ފަހިވޯޓުން ކުރެވެ އެވެ. އަދި ވޯޓުގެ ނަތީޖާ ވަރަށް ފަސޭހަކަމާއިއެކު ވަގުތުން ލިބިގެންދެ އެވެ. ޖަލްސާގެ އެޖެންޑާ އާއި ވޯޓު ލުމުގެ ކަންކަން ދިވެހި އަދި އިނގިރޭސި ބަހުން ބައްލަވާ ލެއްވުމުގެ ފުރުސަތު ވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ހިއްސާދާރުންނަށް ލިބިގެންދެ އެވެ. ފާއިތުވި ތިން އަހަރު ވެސް ދިރާގުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ފަހިވޯޓު މެދުވެރިކޮށެވެ. އަދި މިއަހަރުގެ ޖަލްސާ ވަކިން ފާހަގަ ކޮށްލެވެނީ އެ ޖަލްސާ އަކީ ފަހިވޯޓް އެޕްލިކޭޝަން މެދުވެރިކޮށް މުޅިން އިލެކްޓްރޯނިކްކޮށް ބޭއްވުނު ފުރަތަމަ ޖަލްސާ އަށް ވުމުންނެވެ. 

ވާޗުއަލްކޮށް ޖަލްސާ ބޭއްވުމަށްޓަކައި ސްޓޮކް އެކްސްޗޭންޖް އިން ވަނީ ފަހިވޯޓަށް އަޕްޑޭޓްތަކެއް ގެނެސް އިތުރު ފީޗާތަކެއް ވެސް ތައާރަފް ކޮށްފަ އެވެ. އެގޮތުން އޮންލައިންކޮށް ބާއްވާ ޖަލްސާގެ ލައިވް ވީޑިއޯ ފަހިވޯޓު މެދުވެރިކޮށް ހިއްސާދާރުންނަށް ފެންނަގޮތަށް ހަދައި ޖަލްސާ ކުރިއަށް ދާއިރު ސުވާލު ހުށަހަޅާ، ހިޔާލުފާޅު ކުރުމުގެ ފުރުސަތު ވެސް މިހާރު ލިބިގެން ދެއެވެ. އޭގެ އިތުރުން ކުންފުނިން ދައުވަތު ދީގެން ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ނޫން އެހެން ފަރާތްތަކަށް ވެސް ފަހިވޯޓް މެދުވެރިކޮށް ބައިވެރިވެވޭނެ މަގު މިވަނީ ފަހިކުރެވިފަ އެވެ. 

ޓެކްނޮލޮޖީ މެދުވެރިކޮށް އާންމުންނަށް ހިދުމަތްދިނުމުގެ ބޭނުން އިންތިހާއަށް އިތުރުވެފައިވާ މި ހާލަތުގައި، ފަހިވޯޓުފަދަ އެޕްލިކޭޝަނެއް މެދުވެރިކޮށް އޮންލައިންކޮށް އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މަގު ފަހިވެގެން ދިއުމުން ރާއްޖޭ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް އެބޭފުޅުން ހިއްސާވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ މަގު މިހާރު ވަނީ ފަހި ކުރެވިފަ އެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ޑިވެލޮޕްކޮށް އެކުންފުނީގެ ސަބްސިޑިއަރީ އެއް ކަމަށްވާ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއިން އޮޕަރޭޓްކުރާ އެ އެޕްލިކޭޝަނަކީ އެކި ފަހަރު މަތިން ޓެސްޓްކުރެވި، ކާމިޔާބުކަމާއި އެކު ޖަލްސާތަކުގައި ބޭނުންކުރެވުމުގެ ސަބަބުން ހިއްސާދާރުންގެ އިތުބާރު ވެސް ލިބިފައިވާ އެޕްލިކޭޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް