ads
ފޮޓޯ: މޯލްޑިވިއަން ޓްވިޓާ
އިތުރު 200 ބަންގްލަދޭޝް ރައްޔިތުން އެނބުރި ގައުމަށް
ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު އަނެއްކާ ވެސް އެނބުރި ގައުމަށް ފޮނުވާލައިފި އެވެ.

ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 200 މީހުން އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ. 

ރާއްޖޭގައި ސައްހަ ލިޔެކިއުމެއް ނެތި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މިހާތަނަށް 2،600 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ އަނބުރާ ގައުމަށް ފޮނުވާލެވިފަ އެވެ.

ނިމިގެން ދިޔަ މެއި މަހުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ކުރެވެމުންދާ ކަމަށެވެ.

މިމަހުގެ ތެރޭގައި އެކަނިވެސް މޯލްޑިވިއަނުން ވަނީ ތިން ފަހަރެއްގެ މަތިން ބަންގްލަދޭޝް ރައްޔިތުންނާއިއެކު އަނބުރާ އެގައުމަށް ދަތުރު ކޮށްފަ އެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު ގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލިއިރު 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުންދިޔަ އިތުރު 400 ބަންގްލަދޭޝް ރައްޔިތަކު އެ ގައުމަށް ފޮނުވާލާފަ އެވެ.

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.  

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބިދޭސީން ނެވެ. ގިނައިން ބިދޭސީން ޕޮޒިޓިވް ވަނީ ތޮއްޖެހިގެން އުޅޭތީ ކަމަށް ބުނެވެ އެވެ. އެފަދަ ތަންތަނުގައި އުޅޭ އެތައް ބަޔަކު، މިހާރު މާލެއިން ބޭރުގައި ހަދާފައިވާ ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް