ޕޭޕެލްއިން ފައިސާ ލިބުމުގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމާއި ގުޅޭ ގޮތުން ގިނަ ބަޔަކު ޓްވިޓާގައި ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައި އަލީ ސޯލިހް ސީއެންއެމްއަށް ވިދާޅުވީ ޕޭޕަލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ގޭޓްވޭތަކެއް ރާއްޖެ ގެނައުުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އެފަރާތްތަކާއެކު މަޝްވަރާކުރެވެމުންދާ ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ.
އިންޓަނޭޝަލް ޕޭމެންޓް ގޭޓްވޭއެއް ރާއްޖެ ގެނައުމުގެ މަސައްކަތް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އޭގެ އަމަލީ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށާއި ގޭޓްވޭގެ ހިދުމަތް އެކަނި ތައާރަފު ކުރުމުގެ ބަދަލުގައި އެކުންފުންޏަކުން ދޭ އެހެނިހެން ހިދުމަތްތަކާއި އެކު މި ހިދުމަތް ރާއްޖެ ގެނެވޭނެ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ހިދުމަތާއި އެކު ފަތުރުވެރިކަމުގެ ވިޔަފާރިތައް ކުރަމުން ގެންދާ ފަރާތްތަކަށާއި، ގެސްޓް ހައުސް ވިޔަފާރީ ކުރާ ފަރާތްތަކުގެ އިތުރުން ކުދި އެހެނިހެން ވިޔަފާރީ ކުރާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށެވެ. އަދި އިންޓަރނެޓް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތައް ނުވަތަ އީ-ޓްރާންސެކްޝަން އާއި ބެހޭ ގާނޫނެއް ހެދިގެން ދާން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭއެއް ރާއްޖެއަށް ގެނައުމުގެ ކުރިން ގާނޫނުން އެކަމަށް ތަން ދިނުމުގެ ގޮތުން ހަދަން ޖެހޭ އީ-ޓްރާންސެކްޝަން ގާނޫނު މިހާރު މިނިސްޓްރީ އިން ޑްރާފްޓް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޓަރނެޓްގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެކި ފަންނުތަކުގެ ޒުވާނުންނަށް އާމްދަނީ ހޯދުމުގެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އަދި އަދި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްވެއްޖެ ނަމަ ދިވެހި އަތްތެރި މަސައްކަތާއި، ދިވެހި ފަންނާނުންގެ އުފެއްދުންތައް ބޭރުގެ ބާޒާރުގައި ދައުރުކޮށް އާމްދަނީ ހޯދޭނެ ކަމުގައިވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މި ހިދުމަތާއި އެކު ފަސޭހައިން ޒުވާނުންގެ ޖީބަށް ފައިސާ ވަންނާނެކަމުގައި އެފަރާތްތަކުން ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ ގިނަ މީހުން ވިޔަފާރި އާއި ފައިސާގެ މުއާމަލާތް ކުރަން ބޭނުން ކުރާ "ޑިޖިޓަލް ވޮލެޓް" ޕޭޕެލްގެ ހިދުމަތް ބޭނުންކޮށްގެން ރާއްޖޭގައި ތިބެގެން ޚިދުމަތަކަށް ނުވަތަ މުދަލަކަށް ފައިސާ ދެއްކުނު ނަމަވެސް މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކައިގެން ފައިސާ ލިބިގަންނާނެ ފުރުސަތެއް ނޯވެއެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުގައި ބީއެމްއެލްގެ މާސްޓަ ކާޑު ރަސްމީކޮށް ލޯންޗް ކުރަން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވިގެން ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ގައުމީ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފައްޓަވާފައިވާ ކަމަށާ، އެ މަސައްކަތް އެއްކޮށް ނިމޭނީ 2021 ގައި ކަމަށެވެ. އަދި ޕޭޕަލްގެ ހިދުމަތް ލޯންޗް ކޮށްފައި ހުރީ ޖަޒީރާ ގައުމުތަކުގެ ތެރެއިން ވަރަށް މަދު ގައުމެއްގައި ކަމަށާއި އެހެންކަމުން އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.