2801
CONFIRMED
14
DEATHS
2302
RECOVERED
🌏13,177,855
INFECTED
🌏7,303,490
RECOVERED
🌏574,793
DEATH
🌏55%
RECOVERY RATE
މަޖިލިސް ކުރާ ގެ: އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުން ހިދުމަތުގެ އަގުތަކަށް ވާނީ ކިހިނެއް--
މިނިމަމް ވޭޖު މުހިއްމު ތަ؟
Share
މިނިމަމް ވޭޖު، ނުވަތަ "އެންމެ ކުޑަކޮށް ލިބޭ އުޖޫރަ"، އަކީ ވަރަށް ގިނަ ގައުމުތަކުގައި ގާނޫނަކުން ބާރު ލިބިގެން ކަނޑައަޅާފައި އޮންނަ މިންވަރެކެވެ. އެމެރިކާގައި މިނިމަމް ވޭޖަކީ ގަޑިއިރަކަށް 7.25 ޑޮލަރެވެ. އިގިރޭސި ވިލާތާއި، ޔޫރަޕުގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި މިނިމަމް ވޭޖުގެ ގޮތުގައި ގަޑިއިރަކަށް ގާތްގަޑަކަށް 10 ޑޮލަރު ނުވަތަ އެއަށްވުރެ މަތިން ލިބެއެވެ.
Advertisement

މިފަދައިން އެންމެ ކުޑަކޮށް ލިބެންޖެހޭނެ އުޖޫރައެއް ސަރުކާރުން ކަނޑައެޅުމުގެ މައިގަޑު މަގްސަދަކީ ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަކުރުމާއިއެކު ފަގީރުކަން ނައްތާލުމެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ފައިދާތަކެއް މިނިމަމް ވޭޖްގެ ސަބަބުން ލިބިގެންދެއެވެ.

ގާނޫނަކުން، ނުވަތަ ސަރުކާރުން މިގޮތަށް، އެންމެ ކުޑަކޮށް ދެވޭނެ އުޖޫރައެއް ކަނޑަނާޅާނަމަ، މަސައްކަތްތެރިންނަށް ނުވަތަ މުވައްޒިފުންނަށް ލިބޭނެ އުޖޫރައެއް ނިންމަނީ ވަޒީފާ ދޭ ފަރާތުންނެވެ. އެހެންނަމަވެސް، ކޮންމެ ވަޒީފާއަކަށްވެސް މަސައްކަތްތެރިން ކުރިމަތިލަނީ ނުވަތަ ވަޒީފާ އަދާކުރަން ފަށަނީ، މަސައްކަތުގެ ގަޑިއާއި އުޖޫރައާއި މިފަދަ ކަންތައްތަކަށް ދެފަރާތުން އެއްބަސްވެ، އަދި ގިނަ ފަހަރަށް ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހުގައެވެ. މިފަދަ ކަންތައްތަކަކީ ވަޒީފާއާބެހޭ ގާނޫނުގައިވެސް ބަޔާންކޮށްފައިވާ ކަންތައްތަކެކެވެ. 

ކޮންމެއަކަސް، މުސާރައާއި އުޖޫރަ ކޮންޓްރޯލް ކުރެވިފައި ނުވާނަމަ، މުސާރައަކީ ދެފަރާތުން އެއްބަސްވެވޭ އެއްޗަކަށް މިވަނީ ވެފައެވެ. މަސައްކަތްތެރިންނަށް އޮންނަ ޑިމާންޑްއާއި، މަސައްކަތްތެރިންގެ ސަޕްލައި، ނުވަތަ މަސައްކަތްތެރިން ލިބުން ފަސޭހަ މިންވަރަށް ބިނާކޮށް، މުސާރައާއި އުޖޫރަތައް ކަނޑައެޅިގެންދެއެވެ.

އެހެން ނަމަވެސް، މިއުސޫލުން އުޖޫރަ ކަނޑައެޅުމަށް ދޫކޮށްލުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ބައެއް ވިޔަފާރިވެރިން، ނުއަގުގައި މީހުން ލައްވައި މަސައްކަތް ކުރުވުމާއި، މަސައްކަތާއި ނުބައްދަލު ނުވަތަ ހައްގު މިންވަރަށް ވުރެ ކުޑަ އުޖޫރައެއް ދިނުމެވެ.

 އަދި މުޖުތަމައުގައި ފަގީރުންގެ އަދަދު ގިނަ ނަމަ، ކިތަންމެ ކުޑަ އުޖޫރައަކަށް ނަމަވެސް ވަޒީފާއެއް އަދާކުރުމަށް ގިނަ ބަޔަކަށް މަޖުބޫރުވެގެންދެއެވެ. މިފަދަ ހާލަތަކަށް ނުދިއުމަށްޓަކައި، މަސައްކަތްތެރިންގެ ހައްގުގައި، އަދި އެގައުމެއްގެ ދިރިއުޅުމުގެ ހަރަދުތައް ހުރި މިންވަރަކަށް ބަލައި، ސަރުކާރުތަކުން މިނިމަމް ވޭޖެއް ކަނޑައަޅައެވެ.

އެންމެ ކުޑަކޮށް ލިބޭ އުޖޫރައެއް ކަނޑައެޅުމުގެ އަނެއް ފައިދާއަކީ، ޒުވާނުން ވަޒީފާއަށް ނިކުތުމަށް ބާރަކަށް ވެގެން ދިއުމެވެ. މުޅި މަސް ދުވަހު މަސައްކަތުގައި އުޅެ، ކުޑަ މުސާރައެއް ލިބޭ ނަމަ، ވަރަށް ގިނަ ބަޔަކު ވަޒީފާއާއި ދުރުވެ، ގާނޫނާއި ހިލާފު ގޮތްގޮތުން ފައިސާ ހޯދުމުގެ ވިސްނުން ގެންގުޅުން އެކަށީގެންވެއެވެ. ހަމަ މިއާއެކު، ވަޒީފާ އަދާކުރާ ކޮންމެ މީހަކީވެސް އަގުހުރި މަސައްކަތެއް ކުރާ މީހެއްކަމުގެ އިހުސާސް ލިބިގެންދާނެއެވެ. މިއާއެކު، މަސައްކަތް ކުރުމުގައި ހުނަރާއި ގާބިލްކަން އިތުރުކުރުމަށް، އަދި ވިޔަފާރިތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގު ފަހިވެގެންދާނެއެވެ. ވިޔަފާރިވެރިޔާވެސް މަސައްކަތް ކުރާނީ ގިނަ މުވައްޒިފުންތަކެއްގެ ބަދަލުގައި، އުފެއްދުންތެރި ހުނަރުވެރި މަދު މުވައްޒިފުން ލައްވައި މަސައްކަތް ކުރުވައި، އަދި ވީހާ ވެސް ބޮޑަކަށް އާ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މަސައްކަތްތައް ރޭވުމަށެވެ.

ކުރިންވެސް ދެންނެވި ފަދައިން، މިނިމަމް ވޭޖުގެ ސަބަބުން އެންމެ ފަގީރު ފަންތީގެ މީހުންނަށް އެންމެ މަދުވެގެން ވަކި މިންވަރެއް ލިބުމަށް މަގުފަހިވެ، އާމްދަނީ ކަށަވަރުވެގެންދެއެވެ. އަދި ފަގީރުކަމާއި މުއްސަނދިކަމުގެ ފަރަގު ކުޑަކުރުމަށް އިތުރު ބާރަކަށް ވެގެންދެއެވެ. މިއާއިއެކު ގައުމުގެ މުއްސަނދިކަން ވީހާވެސް ގިނަ ބަޔަކަށް ބެހިގެން ދިއުމަށް މަގުފަހިވެގެންދެއެވެ.

އެހެން ނަމަވެސް، މިނިމަމް ވޭޖުން އެކަނި ގައުމުގައި ފަގީރުކަން އަދި ނައްތައެއް ނުލެވޭނެއެވެ. ވަރަށް ކުދި ވިޔަފާރި ހިންގާ ފަރާތްތަކަށް، މިނިމަމް ވޭޖުގެ ސަބަބުން އިތުރުވާ ހަރަދުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެ، ވަޒީފާއަށް ނަގާ މީހުންގެ އަދަދު މަދުކޮށްލަންޖެހެ އެވެ. އަދި އިންސާނީ ވަސީލަތުގެ ބަދަލުގައި ޓެކްނޮލޮޖީގެ އެހީގައި ބައެއް ހިދުމަތްތައް ދިނުމަށް ރޭވިގެންދެއެވެ. މިގޮތުން ބައެއް ގައުމުތަކުގައި، ފިހާރަތަކުގައި ކައުންޓަރުގައި ކޭޝިއަރެއް ބެހެއްޓުމުގެ ބަދަލުގައި، ކަސްޓަމަރުން އަމިއްލައަށް ޗެކައުޓް ކުރެވޭ ގޮތަށް ޗެކައުޓް މެޝިންތަކެއް ބޭނުން ކުރެއެވެ. ބައެއް އެއާޕޯޓްތަކުގައިވެސް، އެއްވެސް މީހަކާއި މުއާމަލާތް ކުރަން ނުޖެހި، އަމިއްލައަށް ޗެކިންކޮށް، ލަގެޖްވެސް ބެލްޓަށް ލެވޭގޮތް ވަނީ އިންތިޒާމްކޮށްފައެވެ.

ރާއްޖޭގައިވެސް މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަކޮށް ދެވޭނެ އުޖޫރައެއް ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ. އަދި ހަމަ އެއާ އެކު، ވިޔަފާރިތަކާއި އަދި ސަރުކާރުގެ އިދާރާތަކުގައިވެސް، "އަން ޕްރޮޑަކްޓިވް" ނުވަތަ މަސައްކަތަށް ފަރުވާކުޑަ މީހުން އެގޮތް ބަދަލުކޮށްލަން މަޖުބޫރުވާނެއެވެ. އެހެންނޫން ނަމަ އެފަދަ މީހުންގެ ވަޒީފާ ގެއްލޭނެއެވެ.

ރާއްޖޭގެ ހާލަތާ މެދު ވިސްނާލަންޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. ދިވެހި މަސައްކަތްތެރިން ބޮޑު އުޖޫރައެއްގެ ވާހަކަ ދައްކާ އެންމެ މައިގަނޑު ސަބަބަކީ، އެމީހުންނަށް ލިބޭ މުސާރައިން ހަރަދުތައް ދެކޮޅު ނުޖެއްސޭތީއެވެ. އެހެންކަމުން، ލިބޭ މުސާރަ އިތުރުކުރާ ވާހަކަ ދެކެވެނީ އެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މީގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. މަހު މުސާރައިން ދެކޮޅު ޖެއްސުމުގެ ވާހަކަ ދައްކާއިރު ދެވަނަ ކަމަކީ ކުރަންޖެހޭ ހަރަދުތަކެވެ. ރާއްޖޭގައި ކުރަންޖެހޭ ހަރަދުތަކުގެ ވާހަކަވެސް އެބަ ދައްކަންޖެހެ އެވެ. ހާއްސަ ގޮތެއްގައި މާލޭ ސަރަހައްދުގައި އާއިލާގެ ދިރިއުޅުން ހަމަޖައްސައިގެން ތިބޭ މީހުންނަށް، ދިރިއުޅޭ ތަނުގެ ކުލި އެއީ އެންމެ ބޮޑު އެއް ހަރަދެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާފަށުގައި ގެދޮރު ލިބޭ ނަމަ، ނުވަތަ ދައްކަންޖެހޭ ކުލި ކުޑަ ކުރެވިއްޖެނަމަ، މުސާރަ ބޮޑުކުރުމަކަށް މާބޮޑު ޕްރެޝަރެއް ނޯންނާނެއެވެ. މިހާރު ގިނަ އާއިލާތަކަށް ލިބޭ މުސާރައިގެ އެންމެ ބޮޑު ބައެއް ހޭދަވެގެންދަނީ ކުލި ދެއްކުމަށެވެ.

އަދި އުޅެންޖެހޭ ތަނުގެ ކުޑަކަމާއި ދަތިކަމުގެ ސަބަބުން ބޭރުން ކެއުމުގެ އާދަ މިވަނީ އަށަގަނެ، އިތުރަށް ހަރަދުތައް ބޮޑުވެފައެވެ. މިހެންކަމުން، ގެދޮރު ނެތް ހުރިހާ ރައްޔިތުންނަށް އަމާޒުކުރެވިގެން، އަތްފޯރާފަށުގައި ގެދޮރު ލިބޭނޭ އަވަސް ހައްލެއް ހޯދަންޖެހެ އެވެ. މީގައި ވަކި މުއައްސަސާއަކަށް، ވަކި ފަންތިއެއް ހާއްސަ ކުރުމެއް ނެތި އެވެ.

ފްލެޓެއް ނުވަތަ ގެއެއް ހައްގުވަނީ ވަކި ފުލުހަކަށް ނުވަތަ ސިފައިންގެ މީހަކަށް ވީތީއެއް ނޫނެވެ. ޓީޗަރަކަށް، ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ވީތީއެއް ނޫނެވެ. ދިވެހި ރައްޔިތަކަށް ވީތީ އެވެ. ބޯހިޔާވަހިކަމުގެ ހައްގަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގެކެވެ. މި ހައްލު ހޯދެންޖެހޭނީ އެންމެނަށް ހަމަހަމަ އުސޫލުންނެވެ.

މީގެ އިތުރުން، މުދަލާއި ހިދުމަތްތަކުގެ ހަރަދުތައްވެސް ރާއްޖޭގައި ނިސްބަތުން ވަރަށް ބޮޑެވެ. ހަރަދުތައް ކުޑަ ކުރުމަށްޓަކައި، ގެދޮރުގެ މައްސަލައަށް ހައްލު ހޯދާފަދައިން މުދަލާއި ހިދުމަތްތަކުގެ އަގުތައް އަތްފޯރާފަށަށް ގެނައުމަށް ވެސް މަސައްކަތް ކުރަންޖެހެ އެވެ. މިގޮތުން، އިމްޕޯޓްކުރެވޭ މުދަލުގެ އަގު ކުޑަކުރެވޭނޭ ގޮތްތައް ބަލަންޖެހެ އެވެ. ގުދަން ކުރުމުގެ ހަރަދާއި، ފިހާރަތަކުގެ ކުލިތައް ކުޑަކުރެވޭނޭ ގޮތްތައް ހޯދަންޖެހެ އެވެ. އިމްޕޯޓް ޑިއުޓީ ކުޑަކުރަންޖެހެ އެވެ. ޖީއެސްޓީވެސް ކުޑަކުރަން، ނުވަތަ އުވާލަން ޖެހެއެވެ. މިހާރު ކަންތައްތައް ހުރި ގޮތަށް ބަލާއިރު، މީހުންގެ މުސާރަތައް ބޮޑުވެގެން އާހިރުގައި، މުދަލާއި ހިދުމަތްތަކުގެ އަގުތައް މައްޗަށް ދާނެ އެވެ. ކުލިތައް މައްޗަށް ދާނެއެވެ. އެންމެ ފަހުން މިނިމަމް ވޭޖަކުން ކުރާނޭ ފައިދާއެއް ނެތެވެ. އަގުތައް މައްޗަށް ދާވަރަކަށް އޭރުން ޖެހޭނީ ކޮންމެ އަހަރަކު މިނިމަމް ވޭޖުވެސް މައްޗަށް ޖައްސާށެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް