ads
ވާހަކަ: މަންތަރު
ވާހަކަ: މަންތަރު
އަހަންނަށް ސިހިފައި ބަލައިލެވުނީ ފައިރޫޒު އަހަރެން ކުރިމައްޗަށް ހުއްޓުމުންނެވެ. އަހަރެން ނިވައިވެގެން ހުރި ދޮރު ފޮތި ގަނޑު ފައިރޫޒު ހިއްލައިލިއެވެ. އެވަގުތު ފައިރޫޒުގެ ފައިގެ ބޮޑުވާ އިނގިލިން ފެށިގެން މޫނާ ހަމައަށް ދަހިގޮތަކަށް ބަލައިލެވުނެވެ. ބޭއިޚްތިޔާރުގައި ހިންދިރުވާ ލެވުނެވެ. އަމިއްލަ ތުންފަތުގައި ވެސް ދަހި ގޮތަކަށް ދައިގަނެވުނެވެ. ހިތްދަތި ކަމުގެ އިހްސާސް ކުރެވެން ފެށީ އެހައި ހިސާބުންނެވެ. ލޮލުތެރޭގައި ތެތްކަން އިތުރުވިއެވެ. ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ. ފައިރޫޒުގެ ކަޅި އުކަމުން ދިޔައެވެ. އަނދިރި ކަމުގެ ތެރެއިން އޭނާއަށް އަހަރެން ނުފެންނަނީ ކަން ޔަގީންވިއެވެ.
އަހަންނަށް ސިހިފައި ބަލައިލެވުނީ ފައިރޫޒު އަހަރެން ކުރިމައްޗަށް ހުއްޓުމުންނެވެ. އަހަރެން ނިވައިވެގެން ހުރި ދޮރު ފޮތި ގަނޑު ފައިރޫޒު ހިއްލައިލިއެވެ. އެވަގުތު ފައިރޫޒުގެ ފައިގެ ބޮޑުވާ އިނގިލިން ފެށިގެން މޫނާ ހަމައަށް ދަހިގޮތަކަށް ބަލައިލެވުނެވެ. ބޭއިޚްތިޔާރުގައި ހިންދިރުވާ ލެވުނެވެ. އަމިއްލަ ތުންފަތުގައި ވެސް ދަހި ގޮތަކަށް ދައިގަނެވުނެވެ. ހިތްދަތި ކަމުގެ އިހްސާސް ކުރެވެން ފެށީ އެހައި ހިސާބުންނެވެ. ލޮލުތެރޭގައި ތެތްކަން އިތުރުވިއެވެ. ހޯސްލައިފައި ކަރުނަތައް އޮހިގަތެވެ. ފައިރޫޒުގެ ކަޅި އުކަމުން ދިޔައެވެ. އަނދިރި ކަމުގެ ތެރެއިން އޭނާއަށް އަހަރެން ނުފެންނަނީ ކަން ޔަގީންވިއެވެ.

"އަހަންނަށް އިހްސާސް ކުރެވޭ. އަހަންނަށް އެބަ އެނގޭ،" ފައިރޫޒު އަހަންނާ ދިމާއަށް އަތްދިއްކޮށްލިއެވެ. "ނިކުމެބަލަ. ދެން ނިކުމަބަލަ."

"އަހަރެން ވެސް ބޭނުންވޭ. އެކަމަކު؟" އަހަރެންގެ އަޑެއް ބޭރެއް ނުވިއެވެ.
އަހަރެން ބުނަން އުޅުނު ވާހަކަ ކަރުބުޑުގައި ތާށިވީ ކަންނޭނގެއެވެ. އަޑު ނުވީއްލުނީ ކީއްވެ ކަމެއް ނުވިސްނުނެވެ.
"ކީއްވެ އަހަންނާ ދުރުވެގެން ތިޔަ އުޅެނީ؟ ކީއްވެ އަހަރެން އެކަނި ކޮށްލީ؟ ކީއްވެ؟" ފައިރޫޒުގެ އަޑު މޮޅިވަމުން ދިޔައެވެ. "ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ؟"

"އަހަރެން އެއްވެސް ކަމެއް ނުކުރަން. މިއީ ފައިރޫޒު ކުރި ކަމެއްނު؟ މިއީ ފައިރޫޒު ނިންމި ނިންމުމެއް.” އަހަރެން ބުނަން ބޭނުންވި ވާހަކަ ހިތުގެ ތެރެއަށް އޮއްބާލަން ޖެހުނެވެ.

"ސަމާ. ސަމާ ކީއްވެތަ އަހަންނާ ފިލައިގެން ތިޔަ އުޅެނީ؟ ބުނެބަލަ! ބުނެބަލަ،" ފައިރޫޒު ބާރަށް ހަޅޭއްލަވާ ގަތެވެ. "ސަމާ، އަޑު އިވޭތަ؟ އޭ ސަމާ!"

"އަހަންނަށް އަޑު އިވެޔޭ. އަހަންނަށް އެބަ ފެނެޔޭ. އެކަމަކު މިއަދު އަހަންނަށް ފައިރޫޒާ ގާތަށް ދެވޭނީ ކިހިނެއް؟ މިއަދު އަހަރެން ކިތައްމެ ބޭނުން ވިޔަސް އަހަންނަށް ފައިރޫޒާ ގާތަށް ދެވޭކަށް ނެތް. ފައިރޫޒަށް ނޭނގި ނަމަވެސް ފައިރޫޒު އަހަރެންގެ އަތްފައިގައި ކަސްތޮޅު އަޅުވައިފި." އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.
ފައިރޫޒަށް އަހަރެންގެ އަޑުތައް އިވުނު ހެން ހިޔެއް ނުވެއެވެ. އޭނާ ބަލަހައްޓައިގެން ހުރީއެވެ.

"ސަމާ ބުނެދިން ހުރިހާ ކަމެއް މިރޭ ވެސް އަހަރެން މިކުރީ. ރޭ ވެސް ކުރިން. މި ދިޔަ މަހުގެ ދެ ރޭ ވެސް ކުރީން. އެއްވެސް ކަމެއް ވައްޓައެއް ނުލަން. ހުރިހާ ކަމެއް ތަރުތީބުން މި ކުރީ ވެސް. އަހަރެން ގާތު ބުނީ ބައްދަލު ކުރަން ބޭނުން ނަމަ މި ގޮތަށް ކަންކުރީމަ ބައްދަލުވާނޭ ނޫންތަ؟ ސަމާ ބުނެބަލަ! ކީއްވެތަ ނުފެންނަ ފަށުގަ ތިޔަ އުޅެނީ؟" ފައިރޫޒު އަޑުގައި ހަރުކަށިކަން އިތުރުވަމުން ދިޔައެވެ. "ބަލައިބަލަ! އަހަރެން މި ހުރީ ސަމާ ބޭނުންވާ ސިފައިގައޭ. މި ސަމާއަށް އެންމެ ރީތި ގޮތަށް ނޫންތަ؟ ސަމާ ޕްލީޒް! އެއް ފަހަރު ނަމަވެސް އަހަންނަށް ފެނިލަބަލަ. މިހާރު ކިހައި ދުވަހެއް އަހަންނާ ފިލައިގެން އުޅޭތާ؟"

"އަހަރެން އެއްވެސް ކަމެއް ނުކުރަން! ކުރި ހުރިހާ ކަމެއް ކުރީ ވެސް ފައި. އަހަރެން ދެކޮޅު ހަދަހަދާ ހުއްޓާ ފައި އެ އަންހެނާއާާ ގުޅުނީނު. އޭނާގެ ވާހަކަތައް ގަބޫލުކޮށް، އަހަަންނަށް ނާދެވޭ ގޮތަށް ބަނދެލީ ފައި އެއް ނޫންތަ؟" އަހަންނަށް ރުޅި އިސްކުރެވުނުވެ.

"ސަމާ. އަހަންނަށް އެބަ އިވޭ. ކޮބައިތަ ސަމާ؟" ފައިރޫޒު ކޮޓަރީގެ އެތަން މިތަން ހޯދަން ފެށިއެވެ.
އޭނާއަށް އަހަރެންގެ އަޑު އިވެން ފެށީއެވެ.

"އަހަންނަށް މި ވަރު ވެސް މި ކުރެވެނީ ވަރަށް ހާލުން. ފައިއަށް އެނގޭތަ؟ އަހަންނަށް މި ހާލު ޖެހުނީ ކީއްވެކަން! ފައިގެ ހަޔާތުން އަހަރެން ނުކުންނަށް ޖެހުނީ ކީއްވެކަން؟" އަހަންނަށް ރޮވެން ފެށުނެވެ.

"ނޭނގޭ! ތިޔަ ސުވާލުގެ ޖަވާބު ހޯދަން މި ހުރިހާ މަސައްކަތެއް މި ކުރަނީ؟" ފައިރޫޒުގެ އަޑު ވެސް މަޑުވިއެވެ.
"އަހަންނަށް ހެދުނުހާ ވެސް ގޯހަކީ އެއީ،" އަހަރެން ފައިރޫޒުގެ ކުރިމައްޗަށް ހުއްޓުނީމެވެ. "ނުބައި ގޮތަކަށް ފައިގެ ހަޔާތަށް އައުން."

"ނުވިސްނުނު. ކީކޭތަ ތި ކިޔަނީ؟" ފައިރޫޒު އަހަރެންގެ އަޑު އިވެމުން ދިޔަ ދިމާއަށް ތިރިވެ ދެ ކަކޫ ޖެހިއެވެ.
"އާނ! އަހަރެން މީ ފައި ހީކުރާ ކަހަލަ މީހެއް ނޫން. އަހަރެންގެ ޒިންމާއަކަށް އޮތީ ފައިގެ ހަޔާތް ބަރުބާދުކޮށްލުން. ދިރިއުޅުން އަންދާ އަޅިއަށް ހަދައިލުން. އަހަންނާ މަތިކުރީ އެ މަސައްކަތް." އަހަންނަށް ގިސްލެވެން ފެށުނެވެ.
"ކީކޭ؟ ކީކޭތަ ތި ކިޔަނީ؟" ފައިރޫޒު ހައިރާން ކަމާއެކު އަހައިލިއެވެ.

"އާނ! މިއީ ފައިރޫޒުގެ ލޯބީގެ ދަހިވެތި ކަމުގައި ފައިރޫޒުގެ އޮފީހުގައި އުޅުނު ޒުލްފިޝާން ހެދީ މަންތަރުގެ ނަތީޖާ. އޭނާގެ ހުށަހެޅުމަށް ފައި ދެ ކޮޅު ހެދުމުން އޭނާ ކުރި މަސައްކަތުގެ ނަތީޖާ. އޭނާގެ ވާގިވެރިޔާ އޭނާގެ އަތުން ފައިސާ އަތުލުމަށްފަހު ކުރީ އެހެން ކަމެއް. ހެދީ އެހެން މަންތަރެއް. ފައިއަކީ ދުނިޔޭން މޮޔަ ވެފައިވާ މީހަކަށް ބަދަލުކޮށްލުން. އެކަން ހަވާލުކުރީ އަހަންނާ. އެ މަސައްކަތް ތަންފީޒުކުރަން އަހަންނަށް ދަތިވި. ފައި އަކީ ސާލިހް މީހެއް ވީމަ. ނަމާދު ކުރުމާއި ގުރުއާން ކިޔެވުގައި ދުވަސްތައް ހޭދަކުރި މީހެއް ވީމަ،" އަހަންނަށް ގިސްލެވެން ފެށުނެވެ. "އެކަމަކު ހުޅުމާލޭ ބުރިޖު މަތީގައި ހިނގި ސައިކަލު އެކްސިޑެންޓުގައި ފައިގެ މަންމައާއި ބައްޕަ ނިޔާވުމުން، ފައި ރަށަށް ގޮސް އާވާރާވެގެން އުޅުނު ދުވަސްވަރު އެކަންކަމާ ދުރުވެވުނު. އަތިރިމަތީގައި ވަގުތު ހޭދަކުރަން ފެށުނު. ގުރޫޕު ހަދައިގެން ރަށުގެ ފަޅު ތަންތަނުގައި މަޖާ ކުރަން އުޅެވުނު. ދެ ނަމާދު ދޭތެރޭ ރަށުގެ ހިންނައިން ފުއްޓަރާ ދިމާއަށް ކޮންމެ ދުވަހަކު ދާން ފެށުމުން އަހަންނަށް ފުރުސަތު ފަހިވި. އަހަރެން ހުރީ އެ ފަދަ ފުރުސަތަކަށް ބަލަބަލައި."
"މާނައަކީ ތީ ސަމާއެއް ނޫނޭތަ؟" ފައިރޫޒު ހައިރާން ކަމާއެކު އަހައިލިއެވެ.

"އާން. އަހަންނަނީ ކަރީޘާ. އަހަންނަކީ ތިޔަ ހީކުރި ގޮތަށް އިންސިއެއް ނޫން. އަހަންނަކީ ފައިއަށް ހަދައިފައި ހުރި ސިހުރު ތަންފީޒުކުރުމަށް ހަވާލުވެ ހުރި ޖިންނީންގެ ލަޝްކަރުގެ ވާގިވެރިއެއް. ސަމާގެ ސިފައިގައި އަހަރެން އައީ އެކަން ކާމިޔާބު ކުރުމަށް. އެކަމަކު މިއަދު އަހަރެންގެ މައްޗަށް އޭނާ ކުރި ހޯދައިފި."
"ފައީ. ފައީ." ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ތަޅައި ގަތެވެ.
އަހަރެން ފަހަތަށް ޖެހިލީމެވެ. ފައިރޫޒު ވެސް ސިހިފައި ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރީގެ ތެރެއަށް ވަދެގެން އައީ ސަމާއެވެ. އޭނާ ކޮޓަރީގެ ހޮޅިބުރި ދިއްލައިލިއެވެ. ހައިރާން ކަމާއެކު ސަމާއަށް ބަލައިލެވުނީ ކޮޓަރި ތެރެއަށެވެ. މުށިގަނޑު މަތީގައި ހުރީ ހުދު ކުލައިގެ ދޫނިފަތްތަކެވެ. ބައެއް ފަތްފަތުގައި ލޭ ހޭކިފައި ހުރިތަން ފެނުމުން އޭނާ ދެ ލޯ ބޮޑުވިއެވެ. ސަމާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އޭނާއަށް ސިހުން ލިބުނެވެ.

މުށިގަނޑުމަތީގައި ކަރު ކަނޑައިލައިފައި އޮތް ހުދު ކުކުޅެއް ފެނުމުންނެވެ. ސަމާ ނޭވާ އެތެރެއަށް ހިފަހައްޓައިލިއެވެ. އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ފައިގައި އެއްޗެއް ޖެހުމުންނެވެ. އޭނާއަށް ތިރި ބަލައިލެވުނެވެ. އެއީ ރަތް ގޮޅި ޖެހި ސޯޓެކެވެ. ސޯޓު މަތީގައި ވެސް ހުދު ފަތްތައް ހުއްޓެވެ. އޭރު ވެސް ހުދުކުލައިގެ ފަތްތައް ކޮޓަރި ތެރޭގައި އުދުހެމުން ދިޔައެވެ.
"ފައި." ހައިރާން ކަމާއެކު ސަމާ ގޮވާލީ ފައިރޫޒަށެވެ.

ދޫލަމަތީގައި ކަކޫ ޖަހައިގެން އިށީނދެ އިން ފައިރޫޒު ފެނުމުންނެވެ. ސަމާއަށް ފެންނަމުން ދިޔައީ ފައިރޫޒުގެ ބުރަކަށިން ބައެކެވެ. ފައިރޫޒު ސިހިފައި ފަހަތް ބަލައިލިއެވެ. ސަމާ ފަހަތަށް އެއްލިިގެން ދިޔައެވެ. ފައިރޫޒުގެ މޫނުމަތީގައި ހިކިފައި ހުރި ލޭގެ ފަލަ ރޮނގުތައް ފެނުމުންނެވެ. އޭނާގެ ހިތުގައި ބިރުވެރިކަން ވެރިވެގަތެވެ. ފައިރޫޒު ކޮޅަށް ތެދުވިއެވެ. އޭނާ ސަމާއާ ދިމާއަށް އެނބުރިލިއެވެ. ސަމާގެ މޫނު މަތީގައި ދެއަތް އަޅައިލިއެވެ. ފައިރޫޒު ހުރި ގޮތް ފެނިފައި އޭނާ ބިރުގަތީއެވެ. އެ މަންޒަރު ބަލަން ނުކުރުނީއެވެ. ލަދު ވެސް ގަތީއެވެ.

ސަމާ މަޑުމަޑުން ތިރިވެލިއެވެ. މުށިގަނޑު މަތީގައި އޮތް ރަތްގޮޅި ޖެހި ސޯޓު ނަގައި ފައިރޫޒަށް ދިއްކޮށްލަމުން އޭނާ މޫނު އެއްފަރާތަށް އަނބުރައިލިއެވެ.

"އޯކޭ. އަހަންނަށް އެނގިއްޖެ. ވިސްނިއްޖެ،" ސަމާ ފުންނޭވާއެއް ދޫކޮށްލިއެވެ. "ހުރިހާ ކަމެއް ފައިއަށް މިހާރު ވިސްނެންވާނެ. އަހަރެން ފައިއަށް އެ ފުރުސަތު މި ދިނީ ފައި ގަބޫލު ކުރަން އުނދަގޫވީމަ. މިއަދު ފައިއަށް ހުރިހާ ކަމެއް ހާމަވެއްޖެ ކަމަށް މި ބަލަނީ. އާދަންބޭ ބުނި ލަސް ނުކޮށް ފައި ގޮވައިގެން ނުކުންނަން."

"ތޭންކްސް،" ފައިރޫޒު ސަމާގެ އަތުގައި ހިފައިލަމުން ހިިނިތުންވެލިއެވެ. "ކައިވެނީގެ ކުރިން ވިސްނައި ދިނީތީ. އަހަންނަށް މި ކަން ޤަބޫލުކުރެވޭނެހެން ހުރިހާ ކަމެއް ތަރުތީބުކޮށް ދިނީތީ. އާދަންބޭގެ ވާހަކަ ވެސް މި ހާރު ގަބޫލުކުރެވިއްޖެ."

އަހަންނަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. ކުރެވުުނު ކަންތަކާއި އުޅެވުނު ގޮތްތައް ހަނދާންވާން ފެށުމުންނެވެ. އެމަންޒަރުތައް ފެންނާން ފެށުމުުންނެވެ. ހަވާލުކުރެވުނު ޒިންމާއަށް ޣައްދާރު ވެވުމުންނެވެ. ފައިރޫޒާ އެކު އަބަދުމެ އުޅެން ބޭނުންވުމުންނެވެ. އޭނާގެ މައްޗަށް އަހަރެންގެ ހިތް ލެނބުމުންނެވެ. ކުރާނެ ކަމެއް ނެތެވެ. ދެން އޮތީ ވެރިޔާގެ އަނިޔާތަކަށް ކުރިމަތި ލުމެވެ.

"މިއަދު އަސްލު ސަމާއަކީ ކޮބައިކަން އެނގިއްޖެ. ސަމާގެ ގޮތުގައި އަހަރެންގެ ހަޔާތުގެ ސަފުޙާތައް އުކީ ކާކުކަން އެއީ ކީއްވެ ފާވި މީހެއްކަން އެނގިއްޖެ. ދެން އަހަރެން ހައްލައެއް ނުލެވޭނެ،" ފައިރޫޒު މޭ ފުއްލާލަމުން ދެއަތް ދުރުކޮށްލިއެވެ. "ހަނި ފުރުސަތަކަށް ދަހިވެތިވެފައި ތިބޭ ފާރަވެރިންނަށް ފުރުސަތެއް ނުދޭނަން. އެކަން އެހެން މީހުންނަށް ވެސް ވިސްނައިދޭނަން. އަހަރެން ހުއްދަ ދީފިން. އާދަންބޭއަށް ހުރިހާ ކަމަކަށް ހުއްދަދީ. ސަމާ މިކަން ނިންމާލަދީ."
ފައިރޫޒު އަހަންނާ ދިމާއަށް ބަލައިލިއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު ގައެވެ. އަހަރެން ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ދެ ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެއާއެކު އަހަރެންގެ ބަނޑުގައި އަތް ޖައްސައިލެވުނެވެ. ބަދަލުގައި އަހަންނަށް ވެސް މަލާމާތުގެ ހިނިތުންވުމަކާއެކު ފައިރޫޒަށް ބަލައިލީމެވެ.

"މަންތަރު އަދި މި ފެށުނީ!" ފައިރޫޒަށް އިވޭ ވަރަށް އަހަރެން ބުނެލީމެވެ.
ނަމަވެސް ފައިރޫޒު އަޅައެއް ނުލިއެވެ. އޭނާ ދިޔައީއެވެ. ސަމާއާއެކު ގައެވެ. ބާކީވީ އަހަރެންނެވެ.


(ނިމުނީީ)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް