ads
ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް--
ޕޮލިޓެކްނިކުން ހިލޭ ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީންކުރަން ކޯސްތަކެއް
މޯލްޑިވްސް ޕޮލިޓެކްނިކުން ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ތަމްރީންކުރުމުގެ ގޮތުން ފަސް ކޯހެއް ހިލޭ ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.

އެތަނުގެ ސީއީއޯ، އަހުމަދު ނާސިރު، މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިއީ ޕޮލިޓެކްނިކުން ފަތުރުވެރިކަމުގެ ދާއިރާގެ ކޯސްތަކެއް ފެށުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. 

އެގޮތުން މިފަހަރު ހުޅުވާލި ފަސް ކޯހުގެ ތެރޭގައި ހިމެނެނީ ޕޭސްޓްރީ އެންޑް ބޭކަރީ އާއި ފުޑް ޕްރެފަރޭޝަނާއި ފްރޮންޓް އޮފީސް އަދި ރޫމް އެޓެންޑެންޓުންގެ ފުޑް އެންޑް ބެވަރޭޖްއާ ގުޅޭ ކޯސްތަކެކެވެ.

މިހާރު އެ ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލިތާ ގާތްގަނޑަކަށް ތިން ހަފުތާވިއިރު އެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެގޮތުން އެތަނުގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

ނާސިރު ވިދާޅުވީ މިދަނޑިވަޅުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުން ވަރަށް މުހިއްމުކަމުން، އެ ކޯސްތައް ހިންގާނީ ސަރުކާރުގެ ހަރަދުގައި ކަމަށެވެ. އަދި އަލުން ފަތުރުވެރިކަމުގެ ދާއިރާ ހުޅުވާލާއިރު ތަމްރީން ލިބިފައިވާ މީހުން ތިބުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ނާސިރު އިތުރަށް ވިދާޅުވި ގޮތުގައި އެ ފަސް ކޯހަށް ހުޅުވާލާފައި ވަނީ 600 ޖާގަ ނަމަވެސް އެއަށް ވުރެ އިތުރަށް ދަރިވަރުން ކުރިމަތިލައިފިނަމަ އެ ދަރިވަރުންނަށް ވެސް އިންތިޒާމުތަކެއް ހަމަޖައްސަވާނެ އެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ދެވަނަ ބުރެއް ވެސް ފަށާނެ ކަމަށެވެ.

އޭގެ އިތުރުން ނާސިރު ވިދާޅުވި ގޮތުގައި އެ ކޯސްތަކުގެ އެއް ބައި ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ. އަދި މަސައްކަތުގެ މައިދާނަށް ނެރެ ތަމްރީންކުރުން ވެސް ކުރިއަށް ގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް