ads
އިންޑިއާ އާއި ރާއްޖެއާ ދެމެދު އެގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރުން: ފޮޓޯ: އެމްއެމްއޭ
އިންޑިއާ ރާއްޖެއާ ދެމެދު އަމިއްލަ ފައިސާ ބޭނުންކުރަން އެއްބަސްވުމަކަށް ގޮސްފި
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ކޮންމެ ގައުމަކުން އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ، އާރުބީއައި އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.

ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގުތިސާދީ، މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އާއި އިންޑިއާ ރުޕީސް އިން ކުރުމަށް މި އެއްބަސްވުމުން ބާރުއަޅަ އެވެ.

"މި ގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ، އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ" އެމްއެމްއޭ އިން ބުންޏެވެ

އަދި ގައުމުގެތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ހަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށްވެސް އެމްއެމްްއޭއިން ވަނީ ބުނެ އެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ކޮންމެ ގައުމަކުން އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވަވާފަ އެވެ. އެގޮތުން އިންޑިޔާއާއެކު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.

އިންޑިޔާއަކީ ނިމުނު އަހަރު އެންމެ ގިނައިން މުދާ ރާއްޖެ އިމްޕޯޓުކުރި ގައުމެވެ. ނަމަވެސް މި އަހަރު އިންޑިޔާއިން ރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. 

ނިމުނު އަހަރު އިންޑިޔާއިން 366.6 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މި އަހަރު އެ ގައުމުން އިމްޕޯޓުކޮށްފައިވަނީ 350.4 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު ހަތަރު އިއްސައްތަ ދަށްވުމެކެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް