ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާތީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

Advertisement
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާތީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މެންދުރު 12:15 އިން 15:15 އަށް ކ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރިފައިވާ ކަމަށެވެ.
އޭގެ އިތުރުން 11:30 އިން ހަވީރު 05:00 އަށް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ވެސް ނެރިފަ އެވެ. ށ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް ނެރުނޫ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭތީ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވެ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައި ވާއިރު، މިއަދު ހެނދުނު ގަޑިއެއް ހާއިރު މެދުނުކެނޑި މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވި އެވެ.