ads
ރޭޕް ވިކްޓިމްސް އަށް އިންސާފު ނުލިބެނީ ކީއްވެ؟
ރާއްޖޭގައި ރިޕޯޓު ކުރެވޭ ރޭޕް ކޭސްތަކުގެ އަދަދު މިވަނީ އިތުރުވާން ފަށާފަ އެވެ. އެހެން ނަމަވެސް މި ކޭސް ތަކާއި ގުޅިގެން އަދަބު ދެވޭ މީހުންގެ އަދަދު އިތުރުވާތަނެއް ނުފެނެ އެވެ. މިއީ ހަމަގައިމުވެސް އިންސާފު ލިބުމުގެ މަރުހަލާގައި ހުރި މައްސަލަތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ވަގުތުން ފެށިގެން އެކަމަށް އިންސާފު ހޯދުމަށް މަސައްކަތްކުރާ ނަމަ އެ އަނިޔާ ލިބުން ހުއްޓޭ ވަގުތު ފެންވަރާ ދަތް އުނގުޅާ ކަންތައް ކޮށްގެން ނުވާނެ އެވެ. ލައިގެން ހުންނަ ހެނދުން ބަދަލުކޮށް، އެއަނިޔާ ލިބުނު ތަން ސާފުކުރާކަށް ނުވާނެ އެވެ. އަދި އެ ގަޑީގައި ފާހަނައަށް ނުގޮސް ހުރުންވެސް މުހިންމެވެ. 

މިގޮތަށް މިކަންތައް ކުރަން މިހެން ލިޔެލުން، ނުވަތަ މީހުން ކައިރީ ބުނެލުން ފަސޭހަ ވާނެ އެވެ. އެހެން ނަމަވެސް އެވަގުތު މިގޮތަށް ވިސްނާ ކަންތައް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި އެހާލަތުގައި އެންމެ ފުރަތަމަވެސް ބޭނުން ވާނީ ފެންވަރާ ގައިން ތާހިރުވާންށެވެ. 

ގިނަ ފަހަރު މިފަދަ އަނިޔާއެއްގެ ޝިކާރައަކަށްވާ މީހާއަށް އެ އަނިޔާގެ ވާހަކަ ދައްކާކަށް ނުކުރެ އެވެ. އަނެއް މީހާ ކުރި ފާފައިގެ ބައެއް އަމިއްލަ ބޮލުގައިވެސް އެޅިފައި އޮންނަހެން ހީވެ އެވެ. މިގޮތަށް އެތައް ދުވަހެއް، ބައެއް ފަހަރު އެތައް އަހަރެއް އެ އަނިޔާ ސިއްރުކޮށްގެން ހޭދަކުރާ މީހުން އުޅެ އެވެ. 

މިއަދާ ހަމައަށް އައިރު ވެސް މިފަދަ ޖިންސީ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ގިނަ މީހުން އެ ވާހަކަތަކެއް ނުދައްކަ އެވެ. މިހާރު ރާއްޖޭގައި އެފަދަ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލުން އިތުރުވެފައި ވީނަމަވެސް އަދިވެސް އެ މައްސަލަތައް ހުށަހަޅަނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ގުނާލެވޭ މަދު ބައެއްކަމަށް ވެދާނެ އެވެ.. 

އަނިޔާ ލިބުނު މީހާ އެކަންތައްތައް ކަމާބެހޭ މީހުންނަށް ހުށަހަޅަން ބޭނުންވިޔަސް އެތައް ފަހަރަކު އެކަން އެގޮތަށް ކުރަންވެސް ހުރަސް އެޅޭ ފަހަރުތައް އާދެ އެވެ. އެ އަނިޔާގެ ވާހަކަ އެނގޭ އެހެން މީހުން އެކަން ފޮރުވަން އުޅުމަކީ އާންމު ކަމެކެވެ. އަދި އެ އަނިޔާއަކީ އަނިޔާ ލިބުނު މީހާގެ ސަބަބުން އެމީހާއަށް ލިބުނު އަނިޔާއެއް ކަމަށް ވިސްނައިދޭ މީހުންވެސް އުޅެ އެވެ. 

އުމުރުގެ ކޮންމެސް ހިސާބެއްގައި އެންމެ ފަހަރަކު ނަމަވެސް ޖިންސީ ފުރައްސާރަ އާއި، ޖިންސީ ގޯނާ އާއި ކުރިމަތިލާން ނުޖެހޭ މީހަކު މި ކުޑަ ކުޑަ އާބާދީގައި މަދުވާނޭކަމަށް ބުނާ މީހުން ގިނަ އެވެ. އެހެން ނަމަވެސް އެ ކަންތައްތަކުގެ ވާހަކަ ދައްކާ މީހުން ވެސް މި ކުޑަކުޑަ އާބާދީގައި ހަގީގަތުގައި މަދެވެ. 

ހިތްވަރު ގަދަ މަދު ބަޔަކު އިސްވެ، މިގޮތްތައް ބަދަލުކޮށް، ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދުމަށް ވާހަކަ ދައްކަން މިހާރު ފަށާފައި ވާއިރު، ކުރިއާ ހިލާފަށް މިފަދަ ކޭސްތައް ރިޕޯޓް ކުރާ ވަރުވެސް ވަނީ އިތުރުވާން ފަށާފަ އެވެ. 

އެފަދަ ކޭސް އެއް ފެންމަތި ވެއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރެވި މައްސަލަ ތަހުގީގު ކުރަމުންދާ މައުލޫމާތު ފުލުހުންގެ ފަރާތުން ލިބިގެންދެ އެވެ. ކަމާ ބެހޭ އިތުރު އިދާރާތަކުން އެކަންތައް ކުށްވެރިކޮށް އިތުރު ތަހުގީގުތައް ކުރާ ވާހަކަތައް ފެންމަތިވާނެ އެވެ. މައްސަލަ ބަލާ ނިމެންދެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓު އަމުރު އަންނާނެ އެވެ. ބައެއް ފަހަރު މައްސަލަ އިތުރަށް ބަލަމުން ދިޔައަސް ތުހުމަތުކުރެވޭ މީހާ މުޖުތަމައުގައި މިނިވަންކަން މަތީ އުޅެމުންދާނެ އެވެ. 

ކޭސްތައް ރިޕޯޓް ކުރެވޭ ވަރު އިތުރުވާއިރު، އެފަދަ އަނިޔާވެރިންނަށް ހައްގު އަދަބު ލިބިގެންދާތަން ހަމަ އެއްގޮތަކަށްވެސް ފެނިގެނެެއް ނުދެ އެވެ. ކޮންމެ ފަހަރަކުވެސް ދައްކަނީ ކުލަ ނުޖެހޭ ހުވަފެންތަކެއްކަމަށް ވެ އެވެ. 

ހަމަ ގައިމުވެސް ރާއްޖޭގެ ފުލުހުންނަކީ މައްސަލަތައް ތަހުގީގުކުރަން ނާގާބީލު ބައެއް ނޫނެވެ. ޕްރޮސެކިއުޓާ ޖެނެރަލުގެ އޮފީހަކީ ކަމަށް އެކަށޭނަ ނޫން އޮފީހެކޭވެސް ސީދާ ބުނެވޭކަށް ނެތެވެ. ކޯޓުތަކަކީ ފެއިލްވެފަ އޮތް ތަނެކޭ ބުނާކަށް ނެތީމެވެ. 

ވަރުގަދަ ގަނޫނޫ ހަދާ ގެއެއް އޮވެ އެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަތަކާމެދު ބަހުސްތައް ކޮށް ބިލްތައް ފާސްކުރެ އެވެ. އިންސާނީ ހައްގުތަކަށާއި، ކުޑަކުދިންގެ ހައްގުތަކަށާއި، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެތައް ބަޔަކު އުޅެ އެވެ. އެ ހައްގުތައް ހިމާޔަތްކޮށްދޭ އެތައް ގާނޫނެއް މިހާރުވެސް އެބަ އޮތެވެ. މިނިސްޓްރީ ތަކާއި މިނިވަން މުއައްސަސާތައްވެސް މި ގައުމުގައި ނެތީއެއް ނޫނެވެ.

މިކަންތައް މިހެން ހުރި ނަމަވެސް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދޭން މުޅި ގައުމު ފެއިލްވެފައި އޮތް ފަދަ އެވެ. އެ މައްސަލަތައް ކުރިމަތީގައި ގާބިލު ހަމަ އެއްވެސް އިދާރާއެއް ނެތް ކަހަލަ އެވެ. އަނިޔާވެރިންނަށް މިނިވަންކަމެވެ. އެމީހުންގެ ޝިކާރައަށްވާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ފަދަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް