ބުރާސްފަތި ދުވަހު ހެނދުން ފެށިގެން ބ. ބޮޑުފިނޮޅުގައި 12 ދިވެއްސަކު ރަހީނުކޮށް، ކުރަމުން ދިޔަ ހަޅުތާޅާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ 19 ބިދޭސީއެއްގެ ބަންދަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވަނީ ޓެރަރިޒަމާއި މަރާމާރީ ހިންގުމުގައި ވައްކަމުގެ ތުހުމަތުގައެވެ.
ބިދޭސީން ވަނީ އެމީހުންގެ ދިފާއުގައި ކޯޓުގައި ވާހަކަ ދައްކާފަ އެވެ. އެމީހުންނަށް މުސާރަ ނުދޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. އެހެން ނަމަވެސް ފުލުހުންގެ އެދުނު ގޮތަށް 15 ދުވަސް ބަންދަށް ޖެހުމަށް ކޯޓުން ނިންމީ ތުހުމަތުތަކުގެ ސީރިއަސްކަމުންނެވެ.
ރަހީނު ކުރި ދިވެހިން ސަލާމަތް ކުރުމަށް ފުރަތަމަ އެރަށަށް ގޮސްފައި ވަނީ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ނެވެ. އެހެން ނަމަވެސް އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ފުލުހުން އެ ރަށަށް ދިއުމުން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން، އިތުރު ފުލުހުންނާއި އެކު، އެދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއް ގައި ފުލުހުން ވަނީ ދެވަނަ ފަަހަރަށް އެ ރަށަށް އަރަން މަސައްކަތްކޮށްފަ އެވެ. ދެވަނަ ފަހަރަށް އެ ރަށަށް އަރަން އުޅުމުން އެރަށުގައި ތިބި ބިދޭސީން ވަނީ ފުލުހުންނާއި ދިމާލަށް އޮއްގަލާއި ދަނޑިބުރި އުކައި ހަމަނުޖެހުން ހިންގާފަ އެވެ. އެހެންކަމުން ދެވަނަ ފަހަރަށް ވެސް އެރަށަށް އެރޭގޮތެއްނުވި އެވެ.
އެންމެ ފަހުން އެ ރަށަށް ފުލުހުން އަރާފައިވަނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއި އެކު އެރަށުގަ އެވެ. ހަމަނުޖެހުންތަކުގައި ޝާމިލްވި ކަމަށް ބެލެވޭ 19 ބިދޭސީއަކު އިއްޔެ ހެނދުނުގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރަހީންކޮށްފައިވާ ދިވެހީން ސަލާމަތް ކުރީ އެމީހުން ހައްޔަރުކޮށްފައިވާތާ 12 ގަޑީރު ފަހުން އެރަށަށް ދިޔަ ފުލުހުންގެ ޓީމަކުންނެވެ.