ads
އަމީން ދީދީގެ ބައިގްރަފީ ލިޔުއްވާފައިވާ ފޮތެއް
ދިވެހި "ޝެކްސްޕިޔަ" ދަންނަންތަ؟
އިނގިރޭސި ވިލިޔަމް ޝެކްސްޕިޔަރ ފަދައިން، ޕާކިސްތާނުގެ އައްލާމާ އިޤްބާލް ފަދައިން، މިސްރުގެ ސައްޔިދު ލުތުފީ ފަދައިން ދިވެހި އަދަބިއްޔާތުގައިވެސް މަޝްހޫރު އެތަކެއް އަދީބުންނެއް އެކުލެވިގެންވެއެވެ. އޭގެތެރެއިން ލާމަސީލު އަދީބަކަށް ނަޒަރު ހިންގާލާއިރު މުހައްމަދު އަމީނަކީ ލާމަސީލު އަދީބެކޭ ދަންނަވާލަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫންނެވެ. މިގޮތުން މި ލިޔުމުގައި މި ފާހަގަކޮށްލަނީ ދިވެހި އަދަބިއްޔާތަށް އަމީން އެކި ރޮނގު ރޮނގުން ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކެވެ.

ފޮތްތެރިކަން 

ދިވެހިންނަކީ ފޮތްކިޔާ ފޮތްތެރި ބަޔަކަށް ހެއްދެވުމަށްޓަކައި މުހައްމަދު އަމީނު މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ ގައުމީ، އަދަބީ، ތާރީހީ، ދީނީ. ސިއްހީ، ޖޯގުރަފީގެ އިތުރުން ޚިޔާލީ ވާހަކައާއި އަދި ކެއްކުމާ ބެހޭ ދާއިރާގެ މައުލޫތަކަށްވެސް ފޮތްތައް ލިއުއްވާފައިވެއެވެ. "ޖޫލިޔަޓުގެ ހުވަފެން"، "ގާނޫނު އަސާސީގެ ހަޔާން"، "ކަރުޔަނާ ނުލާކެއްކުން" ފަދަ ފޮތްތައް އެމަނިކުފާނު ލިޔުއްވިއެވެ. މި ފޮތްތަކަކީ އަދުގެ ދިވެހިންވެސް އޭގެ ބޭނުންކުރަމުން އަންނަ އިލްމީގޮތުން ބުރަދަން ހުރި ފޮތްތަކެކެވެ. ހަމަ އެހެންމެ މުހައްމަދު އަމީނުގެ މާލިމީކަމުގައި ސަރުކާރު ނޫސްފަދަ ނޫސްތަކާއި އައްރަފީޤު ފަދަ މަޖައްލާތައް ނެރުއްވާފައިވުމަކީ އަދަބީގޮތުން ބަލާއިރު ލާމަސީލު މަސައްކަތްތަކެވެ. އަމީން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި އަދަބީގޮތުން އޮއްޓަރުހުރި ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ.

ބަހަށް ކުރެއްވި ޚިދުމަތް

ލިޔުންތެރިކަމުގެ އިތުރުން މުހައްމަދު އަމީން ވަނީ ދިވެހި ބަހަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެމަނިކުފާނުވަނީ 2 ރަމަޟާން 1365ގައި ބަސްކޮމިޓީއެއް އުފައްދަވާފައެވެ. ވަޒީރުލްމައާރިފުގެ ހައިސިއްޔަތުން މިކޮމިޓީގެ ރައީސަކަށް ހުންނެވީ މުހައްމަދު އަމީންކަމަށާއި، މުސްތަޝާރެއްގެ ގޮތުގައި ފަލީލަތުއްޝެއިހް ހުސައިން ސަލާހުއްދީން އައްޔަން ކުރައްވާފައިވާކަމަށް މުހައްމަދު ޖަމީލު ދީދީ ވިދާޅުވެއެވެ. އަދި ދާދި ކުރުމުއްދަތެއްގެތެރޭގައި ބަސްކޮމިޓީއެއްވެސް އުފައްދައި، ދިވެހިބަހުގެ އެކި އަކުރުގެ ރަދީފު ވަކިވަކިން އެކުލަވާލައި ޗާޕުވެގެން ނެރެވިގެން ދިޔައެވެ. މިފަދަ އަގުހުރި އެތަށް ހިދުމަތްތެއް އަމީން ވަނީ ދިވެހިބަހަށް ކޮށްދެއްވާފަ އެވެ.

ޅެންވެރިކަން

"ދިވެހި އަދަބީ ގުލްޝަންގެ ފިނިފެންމާ" މުހައްމަދު އަމީނަކީ  މޮޅު ޅެންވެރިއެކެވެ. ޝާއިރެކެވެ. "މ.އ"،"އ.ގ.އ"،އަދި "އޯކިޑު"ގެ ނަމުގައި އެމަނިކުފާނުވަނީ ވަރަށް އަސަރުގަދަ އެތަކެއް ޅެންތަކެއް ލިޔުއްވާފައި ވެއެވެ. މިގޮތުން "ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާނުދޭން" ކަމަށް ބުނެ ޅެންބަހުން ކުރައްވާފައިވާ އިލްތިމާސް ފާހަގަކޮށްލެވެއެވެ. އަދި "ވަތަންގެ ދަރިންނަށް ގޮވާލުމެއް" މި ޅެމުންވެސް އެމަނިކުފާނަކީ މޮޅު ޅެންވެރިއެއްކަން ހާމަވެގެންދެއެވެ. އެމަނިކުފާނު ޅެން ނުހައްދަވާ ރޮނގެއްނެތެވެ. އަދަބީ، ގައުމީ އަދި އިލްމީ ޅެންތައް އެމަނިކުފާނު ހެއްދެވިއެވެ. ވުމާއެކު މިއީ" މޫރިތި ދިވެހި ބަހުގެ ބާނީ" މުހައްމަދު އަމީން ދިވެހި ބަހަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތެއްކަން ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ.

ވާހަކަދެއްކުމާއި ބަހުސްކުރުން 

މުހައްމަދު އަމީނުގެ އަދަބީ ހިދުމަތުގެ ދައުރުގައި ވާހަކަދެއްކުމުގެ ފަންނު ކުރިއަރުއްވައިފައިވެއެވެ. ވަކި މައުލޫއުތަކަށް އިންފިރާދީކޮށް ވާހަކަދެއްކުމާއި، އަދި ދޭދޭ ބަހުސްތައް ބާއްވަވައިފައި ވެއެވެ. އަހްމަދު ޝާތިރު ވިދާޅުވާ ގޮތުގައި 1 ޝައުބާން 1364 ގައި ނާދީ ތަމައްދުން ހުޅުވުނީ ތަހުޒީބީ ހަރަކާތްތަކުގެ ކުލަބެއްގެ ގޮތުގައެވެ. ނަސޭހަތްދިނުމާއި، ދީނީ ތަގުރީރުތައް ދިނުމާއި، އަދަބީ އެކި އެކި މުބާރާތްތައް މި ނާދީގެ ތެރޭގައި ބޭއްވިގެން ދިޔައެވެ. މީ އަމީނު ދީދީގެ ހިދުމަތްތަކެވެ. ބުނެވޭގޮތުގައި އެމަނިކުފާނު ވަނީ ވާހަކަ ދެއްކުންތެރިންގެ އަޑު ހާނާންވެގެން ފަތިހު އިރު އަރާ ވަގުތު މާލޭގެ މިހާރުގެ ސުނާމީ ބިނާ އެ ހުރި ސަރަހައްދަށް ވަޑައިގެން ތަމްރީނުތަކެއްވެސް ދެއްވާފައިވެއެވެ. އެހެންކަމުން މުހަންމަދު އަމީނުގެ އަދަބީ ހިދުމަތުގެ ދައުރަކީ، ވާހަކަ ދެއްކުންތެރިކަމާއި، ބަހުސްކުރުމުގެ ފަންނުތަކަށް ދިރުމެއް ގެނައި ދައުރެއްކަން އެނގިގެންދެއެވެ.

އަދީބުން އުފެއްދުން

މުހަންމަދު އަމީނުގެ އަދަބީ ހިދުމަތަކީ،  ކިޔެވުމުގެ ފުރުސަތުން މަހްރޫމުވެފައި ތިބި އެތައް ދިވެހި ދަރީންނެއް، ދިވެހި އަދަބުގެ ބޮޑެތި އުސްތާޒުންކަމުގައި ހަދައިދިން ހިދުމަތްތަކެވެ. ހުދު އެމަނިކުފާނު ރަށްފުށަށް ވަޑައިގެން، ކިޔަވައިދިނުމަށްޓަކައި ދާރުލްއިގާމާއަށް ކުދިން ގެންނެވި ދުވަސްވަރަކީ، ތައުލީމު ހާސިލްކުރުން، ރަށްފުށުމީހުންނަށް "ހަރާމްކަމެއް"ގެ ގޮތުގައި ދިވެހިންނަށް ގަބޫލުކުރެވިފައިވާ ޒަމާނެކެވެ. ރާއްޖޭގެ މިފަހުގެ ތާރީހު ދުށް މަޝްހޫރު އަދީބުން ނުވަތަ ޅެންވެރިންކަމުގައިވާ، މުލީ އަބްދުﷲ ސާދިގާއި، ދަރަވަންދޫ ޔޫސުފު އަލިފުޅާއި، ހޯރަފުށީ އާދަމް ސަލީމާއި، ގުޅީ މުހަންމަދު ވަސީމާއި، އަދި މަޑުލު މުހަންމަދު ވަހީދު ފަދަ ބޭފުޅުންނަކީ، މުހަންމަދު އަމީނުގެ އަދަބީ ހިދުމަތުގެ މޭވާތަކެކެވެ. އިސްވެދެންނެވުނު އަދީބުން އެދުރުކުރުވި އެދުރަކީ މުހައްމަދު އަމީނެވެ. އަމީންއަކީ އަދީބުން އުފެއްދެވި އަދީބެކެވެ.

މުޙަންމަދު އަމީނު ދިވެހި އަދަބިއްޔާތަށް ކޮށްދެއްވި ޚިދުމަތްތައް ވަރަށްވެސް ގިނައެވެ. އަމީނަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި، ޅެންވެރިކަމާއި، މި ފަދަ ކަންކަން ދިރުވައި އާލާ ކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން ކުރިން ދެންނެވުނު ފަދައިން ނާދީ ތަމައްދުންގެ ހަރަކާތްތަކާއި، ވާހަކަ ކޮމިޓީގެ މަސައްކަތްތަކާއި، ދާރުލްއިގާމާގެ ނަތީޖާއިން މިކަން ކަން ދޭހަވެއެވެ. އަމީނަކީ ލާމަސީލު އަދީބެކޭ މިދަންނަވަނީ އެ ދުވަސްވަރުގެ ހަރަކާތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ލިޔެ ކިޔުމާއި އިބާރާތްކުރުންތައް ތަރައްގީވެފައިވާތީއެވެ. ޅެންވެރިކަމުގައި އާ ހިޔާލުތަކާ ފަލްސަފާތައް ފެންނަން ހުރީތީވެ އެވެ. ތަރުޖަމާ ވާހަކައަށް ބަރޯސާވެފައި ތިބި ތިބުން ދޫކޮށް ދިވެހި އާ ވާހަކަތައް އުފަންވެފައިވާތީ އެވެ. ބަހުގެ އަދަބީ ފެންވަރު މޮނީޓަ ކުރެވި ބެލެހެއްޓިފައިވާތީ އެވެ.  އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން މި އަދަބީ ހަރަކާތްތަކުގެ ތެރޭން ކުޅަދާނަ އެތައް އަދީބުންނަކާއި އަދީބާއިންނެއް، ޝާޢިރުންނަކާއި، ޝާޢިރާއިންނެއް އުފެދިގެން އައީތީވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް