ads
ނޭނގި ހިތް ގެއްލުނީ - 17 ވަނަ ބައި
އެޕިސޯޑް 17
Advertisement

 އަމާރާގެ ތީރި ހަށިގަނޑަށް ފަރުމާކޮށްފައިވާ ހެދުމުގެ ފުރިހަމަ ތަފްސީލް ފޮޓޯ ޝައްޔާންގެ ލޮލުގެ ކެމެރާގައި ރައްކާކޮށްފި އެވެ. މުޅި ހަފްލާގައިވެސް އެފަދަ ރީތިކަމުގެ ދެވަނަ މިސާލެއް ދެއްކޭނެ އެންމެ ޒުވާނެއްވެސް ޝައްޔާންއަށް ނުފެނުނެވެ.. 

ނުތަނަވަސްކަމާއެކު ނިއްކުރި ފޮހެލެވުނީ ކިތައްފަހަރުކަމެއް ނޭގެ އެވެ.

ހިތް ނުތަނަވަސްވެ، އަތްފައި ދާހިއްލާން ފަށައިފި އެވެ. މިވަރުގެ ބަދަލެއް އަންނާންޖެހޭ ސަބަބެއް ޝައްޔާންއަކަށް ނުވިސްނުނެވެ. އަމާރާއާއި ދުރަށް އޭނާގެ ނަޒަރު އަނބުރައިނުލެވުނެވެ.

............................

އަމާރާއާއި ދުރަށް ޑޮކްޓަރ ޝާހް އެންމެ ހިނދުކޮޅަކަށްވެސް ޖެހިނުލަ އެވެ.

ހަގީގަތުގައި އެއީ އަމާރާގެ އަމިއްލަ ކަމެކެވެ. 

އެއީ ޝައްޔާންއާއި ބެހޭކަމަކަށްވެސް ވެގެންނުވާނެ އެވެ.

ދެ ލޯ މަރައިލާފައި ހިންދިރުވާލެވުނެވެ.

އާރެއް ބާރެއް ނެތި އިހްތިޔާރުން ބޭރުން ދެފައި ހަރަކާތްކުރާން ފަށައިފި އެވެ.

ލޮލުގެ މިސްރާބު އަމާޒުވެފައިވަނީ އެންމެ ދިމާއަކަށެވެ.

އަމާރާގެ މޫނާއި ދިމާއަށް ޑޮކްޓަރ ޝާހް ގުދުވެގެން ކުރަމުންދިޔަކަމެއް، ސާފެއް ނުވެ އެވެ. 

ސިކުނޑީގައި ޖަހަމުންދިޔަ ވިންދުގެ އަޑު ބާރުވެއްޖެ އެވެ.

"އަމާރާ!!!" ޝައްޔާންގެ އަޑު މަޑެވެ. ނަމަވެސް އިންސާނެއްގެ ކަނދުރާއިން ހީބިހި ހިލުވާލުމަށް އެ ގޮވާލުން ފުދުނެވެ.

ލިބުނު ހައިރާންކަމުގައި ދެލޮލުގެ އެސްފިޔަތައް ތަޅުވާލަމުން އަމާރާ ބަލައިލީ އެއަޑު އައި ދިމާއަށެވެ.

"ޝައްޔާން..؟ މިތާ ކީއްކުރަނީ؟"

ބުނާނެ އިތުރުއެއްޗެއް ނެތެވެ. ކުރާނެ އިތުރު ސުވާލެއްވެސް ނެތެވެ.

"ވަޓް!!؟ މިތަނަށް އަހަރެން އައުން މަނާތަ؟" އަމާރާއަށްވުރެން ބޮޑަށް ހައިރާންވެފައިވާކަން ދައްކާލަމުން ޝައްޔާން ސުވާލުކޮށްލި އެވެ.

ވާހަކައިގެ މެދުތެރެއިން 'ހުއްޓާލަންޖެހުމުން' މަޑުޖެހުނު ޖުމުލައާއެކު އާޝޯހްވެފައި ބަލައިލީ ޝައްޔާންގެ ދެފަރާތުން، ހުއްޓުން އަރާފައިވާ ދެ އިންސާނުންނަށެވެ.

"ޝައްޔާން ޔޫސުފް ރައިޒާދް... މި ހަފްލާގައި މަނިކުފާނު ބައިވެރިވަޑައިގަންނަވާކަމުގެ އެއްވެސް އިޝާރާތެއް އަޅުގަނޑަށް ލިބިފައެއް ނެތް" ދެ ކޮނޑު އަރުވާލާފައި ޑޮކްޓަރ ޝާހް ބުނެލީ ދެފަރާތަށް ބޯވެސް ތަޅުވާލަމުންނެވެ.

"ތި ބޭފުޅާ މިހަފްލާގައި ބައިވެރިވެވަޑައިގަންނަވާ ކަމެއް އަޅުގަނޑަށްވެސް އެނގިފައެއް ނެތް!" ޖީންސްގެ ދެ ޖީބަށް އަތްޖަހައިލަމުން ޝައްޔާން ބުނެލީ، އޭނާގެ ހައިބަތު ޑޮކްޓަރ ޝާހްއަށް ދައްކާލަމުންނެވެ. 

މާބޮޑު ޝައުގުވެރިކަމެއް ޑޮކްޓަރ ޝާހްއަށް އޮތްކަން އަންގަން ޝައްޔާން ބޭނުމެއް ނުވި އެވެ. އަމާރާއާއި ދިމާއަށް އެނބުރެލީ، އޭނާގެ އަތުގައި އޮތް އަގުބޮޑު ޖަވާހިރެއް، އެހެން މީހަކު ޖަހައިގަންނާން އުޅުމުން ބަލައިލާފަދަ ގޮތަކަށެވެ. ކުއްލިޔަކަށް ވިސްނާލާފައި ޝައްޔާން ގާތަށް އައީ ލާނެއް ހިންޏެކެވެ.

"އަޅުގަނޑުވެސް މިހަފްލާގައި ހުރެ، ހަމައެކަނި ތިޔަ ދެބޭފުޅުން، ހުރިހައި މަޖަލެއް ނެގުމަކީ އިންސާފެއް ނޫނެއްނޫންތޯ!" ޝައްޔާންގެ ރާގާއި އަޑުގައި ހުރި ހަސަދަ، އޭނާގެ ކަންފަތު ހިނދުރިއާއި ހަމައަށް ފޯރިކަމެއް ނޭގެ އެވެ. ދުލުން ބޭރުވި ޖުމުލައާއިމެދު ކުޑަވެސް ފަރުވާލެއް ނެތްކަން އޭނާގެ މޫނުން ސާފްކޮށް ފާޅުވެ އެވެ.

ދެ ލޯ ކުޑަކޮށްލާފައި ދެ ބުމަ ދޭތެރެއަށް ރޫއަރުވާލަމުން އަމާރާ ބަލައިލި އެވެ. ޝައްޔާންގެ ރާގާއި ޖުމުލައިގެ ބާރުމިނުން އޭނާގެ ޝައްކުގެ ދޮރު ހުޅުވުނީ އެވެ.

"މިފަދަ ކުދިކުދި ހަފްލާތަކަށް ޝައްޔާންގެ ޝައުގުވެރިކަން ހުންނަކަމެއް އެނގިފައެއް ނެތް؟" މޭދަށުގައި ދެ އަތް ހުރަސްކޮށްލަމުން އަމާރާ ބުނެލި އެވެ.

"ޔެއަރހހ..!؟ އެކަމަކު ތިބޭފުޅުންގެ ވެރިޔާ، ވަރަށް އާދޭސް ދަންނަވާފައި ދައުވަތާއެކު ސީދާ އަޅުގަނޑުގެ ގެއަށް ވަޑައިގަތުމުން ވިސްނާލަންޖެހުނީ.." ޝައްޔާންގެ ކަޅި، ޑޮކްޓަރ ޝާހްގެ މޫނުން ހިނދުކޮޅަކަށްވެސް ދުރަށް ނުލަ އެވެ.

"ދެން މިތަނަށް އައިފަހުން މި އެނގުނީ، މި ހަފްލާއަށް ހާޒިރުނުނިނަމަ ވަރަށް މުހިއްމު މަންޒަރުތަކެއް އަހަރެންގެ ލޮލުގެ ކެމެރާއަށް ރެކޯޑްނުވެ ގެއްލުނީސް..! އެހެންވެ މިތަނަށް އައުން ނޫން ގޮތެއް ނެތުނީ!" އެއް މިޔަކަނުން ހިނިއައިސްފައިހުރެ، ޝައްޔާންގެ ލޮލުން ތޫނު ތީރުތައް ފޮނުވަމުންދިޔައީ ޑޮކްޓަރ ޝާހްގެ ސިކުނޑިއަށެވެ.

ޝައްޔާންގެ ބަހުގެ ހަމަލާއިން ރެކިގެން ޑޮކްޓަރ ޝާހް ކަރުކެހެލި އެވެ. އަދި ޗޮކެއް ކަނޑާލާފައި ލުއިގޮތަކަށް ހީލަމުން ޝައްޔާންއާއި ގާތަށް ފިޔަވަޅެއް އެޅި އެވެ.

"އަޅުގަނޑާ، އަމާރާ މަޝްވަރާކުރަމުން މިގެންދިޔައީ މި ހަފްލާގެ 'ފަންޑްރެއިޒިންގ'އާއި ބެހޭގޮތުން..! މި ހަފްލާ މިހައި ފުރިހަމައަށް ރާވައި އިންތިޒާމްކުރީ އަމާރާކަމަށްވާތީ، އެކަމުގެ ތައުރީފް ހައްގެއް ނޫންތޯ؟" ޑޮކްޓަރ ޝާހްގެ ބުމަ ހިއްލާލާފައި ޝައްޔާންއަށް ދައްކައިލީ އަމާރާ އެވެ.

"އޯހްހހ.. ތިކަމާމެދު ކުޑަވެސް ޝައްކެއް ނެތް! އުނދަގޫ ކަންކަން ހަމަޔަކަށް އެޅުވުމާއި އެފަދަ ކަންކަން ކޮންޓްރޯލްކުރުމުގައި އަމާރާއަށްވުރެން ކުޅަދާނަ އަންހެނަކު އަޅުގަނޑު ނުދެކެން! ހާއްސަކޮށް ހަތަރެސްފަޔަށް ނުކަތައިގެން އުޅޭ ބބައެއް ފިރިހެނުން، މައިތިރިކުރުމުގައި އެއަށްވުރެން ފުރިހަމަ ޑޮކްޓަރަކު އަހަރެން ނުދެކެން..!" ނުހަނު ގާތްބެލުމަކުން އަމާރާއަށް ބަލައިލަމުން ކުރިއަށްވުރެން ގާތަށް ޝައްޔާން ފިޔަވަޅެއް ނެގި އެވެ.

ވާނުވާ ވިސްނައިގަންނާން އުނދަގޫވުމުން އަމާރާގެ ދެބުމަ ގޮއްޖަހާފައި ތިރީ ތުންފަތުގައި ދަތް އެޅި އެވެ.

އެއްޗެއް ބުނުމަށް އަމާރާ ތުންފަތް ހަރަކާތްކޮށްލި ސިކުންތުގައި ޝައްޔާން، އަމާރާއާއި ދާދި ގާތުގައި ހުއްޓިއްޖެ އެވެ. ދެމީހުންގެ ނޭވާގެ އިހްސާސްވާހައި ގާތަށް ޖެހިލުމަށްފަހު، ޝައްޔާން ސީދާ ބަލައިލީ އަމާރާގެ ލޮލަށެވެ.

"ބައި ދަ ވޭ، މިސް ގައިނަކޮލޮޖިސްޓް، ކަމަނާގެ 'ފްރެންޑަށް' އަޅުގަނޑު ތައާރަފްކޮށްދޭން ހަނދާން ނެތުނީތޯ؟" ޝައްޔާންގެ އަޑު މަޑެވެ. ނަމަވެސް އަންހެންކުއްޖަކު ދީވާނާކޮށްލުމަށް އެއަޑު ފުދެ އެވެ.

އަމާރާއަށް ތެޅިގަނެވުނީ ޝައްޔާންއާއި ދުރަށް ޖެހިލުމަށެވެ.

"ނޫން.. ނޫން.. ހަނދާނެއް ނުނެތޭ! އަޅުގަނޑުމެން ދެމީހުންގެ ވާހަކަ ތެރެއަށް ތި ބޭފުޅާ ޝާމިލްކުރުން މުހިއްމު ނޫނީ! އެހެންވީމާ، ތައާރަފްކޮށްދިނުމުގެ ބޭނުމެއް ނެތް!" ފަރުވާކުޑަގޮތަކަށް އަމާރާ ބުނެލި އެވެ.

"އައުޗް!! މޭގައި އަތް އަޅާފައި ޑްރާމާގޮތަކަށް ޝައްޔާން ދައްކައިލީ އޭނާގެ މެއަށް ނުހަނު ތަދުވެއްޖެކަމުގެ އިޝާރާތެކެވެ.

"އަހަރެން ހީކުރީ، އަހަރުމެން ދެމީހުން ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއްކަމަށް!" ތަފާތު ނަޒަރަކުން އަމާރާއަށް ބަލައިލަމުން ޝައްޔާން ބުނެލި އެވެ.

ހަމައެވަގުތު ހިނިއައިސްފައި ޑޮކްޓަރ ޝާހް ޗޮކެއް ކަނޑާލި އެވެ. ޝައްޔާންގެ މަގްސަދާއި އޭނާގެ ބޭނުމަކީ ކޮބައިކަން ޑޮކްޓަރ ޝާހް ދެނެގަތެވެ.

"ދެ ބޭފުޅުންނަށް ވަގުތުދެމުން އަޅުގަނޑު އެހެން ދިމާއަކަށް ޖެހިލާނަން.." ޝައްޔާންގެ ދިމާކުރުމާއި މަލާމާތް ތަހަންމަލް ކުރުމުގެ ކުޑަވެސް ޝައުގުވެރިކަމެއް ޑޮކްޓަރ ޝާހްގެ ނެތެވެ.

ޑޮކްޓަރ ޝާހް އެތަނުން ދުރަށްޖެހިލުމާއެކު އަމާރާގެ ކަންފަތް ކައިރިއަށް ޝައްޔާން ގުދުވެލީ ފިލްމީ ގޮތަކަށެވެ.

"އަސްލު، އެންމެ ރަގަޅުވީހީ، މިތަނުން ދުރަށް ދިޔަނުދީ އޭނާ ހިފަހައްޓާލިނަމަ..! ދޮގެއްތަ މިއީ..؟" މަލާމާތުން ފުރިގެންވީ ބުނެލުމެކެވެ.

ވައިއަޑުން ނިކުތް އަޑާއެކު، ޝައްޔާން ބޭނުންކޮށްފައިހުރި ހިތްގައިމު ފިރިހެންވަންތަ ސެންޓުގެ ވަހުން އަމާރާގެ ލޭ ހިނގުން އަވަސްވެއްޖެ އެވެ. ނަމަވެސް އޭނާގެ ހިތުގެ އިހްސާސްތަކުގައި އޮބިއެޅުމަކީ އަމާރާގެ ކުޅަދާނަ ސިފައެކެވެ.

"ޑޮކްޓަރ ޝާހް މިތަނުން ދިޔަ ނުދީ އަހަރެން ހިފަހައްޓުވަންޖެހެނީ ކީއްވެޔޯ؟" މޭދަށުގައި ދެއަތް ހުރަސްކޮށްލަމުން އަމާރާ ބުނެލި އެވެ. 

އަމާރާގެ ނޭފަތުގެ ކުރީގައި މަޑުމަޑުން ޝަހާދަތްއިނގިލިން ފިއްތާލަމުން ޝައްޔާން އެއް ލޯ މަރައިލި އެވެ. 

"ބިކޯޒް އައި ނޯ ޔޫ، ސްވީޓް ހާޓް! އެހެން މީހަކާ ވާހަކަދައްކަން ހުއްޓައި އެހިނދުކޮޅު ހަރާބުކޮށްލުމަކީ އަހހަރެންގެ ފުށްގުޑިއަށް ވަރަށް ކަމުދާ ކަމެއް..!" ދިމާކޮށްލުމަށް އަމާރާގެ މޫނާއި ދާދި ގާތްވެފައި ޝައްޔާން ބުނެލީ، ސަމާސާ މޫޑްގަ އެވެ. 

"ހެޔޮނުވާނެ.. ދުރަށް ދޭ! އިންސާނަކަށް ތަހަންމަލްކުރެވޭވަރުގެ މީހެއް ނޫން ތިއީކީ..!" ޝައްޔާންގެ އަތުގައި ޖަހައި ކޮށްޕާލަމުން އަމާރާ ބުނެލި އެވެ. 

"ހުރިހައި ސަބަބަކާއެކުވެސް އަމާރާ ތިޔަހުރީ އަހަރެންގެ ކުރިމަތީގައި.. ނުހަނު ގާތުގައި!" ފަހުރުވެރިކަމާއެކު ޝައްޔާން ބުނެލި އެވެ. 

ދެފަރާތަށް ބޯހޫރާލަމުން އަމާރާ ފިޔަވަޅެއް އެޅީ ފަހަތަށެވެ. 

"ޝައްޔާންގެ ބޭކާރު ވާހަކަތައް އަޑުއަހާކަށް އަހަންނަށް ވަގުތެއް ނެތް!" ސީރިއަސް ގޮތް ދައްކަމުން އަމާރާ ބުނެލީ ޝައްޔާންއަށް ފުރަގަސްދެމުންނެވެ. 

"ކިތަންމެ ބުރަކޮށް އުޅުނަސް، އަހަރެންނަށްޓަކައި އަމާރާ ވަގުތު ހުސްކުރާކަން، ﷲތައާލާ ދެނެވޮޑިގެންވާނެ!" އަމާރާގެ ފިޔަވަޅަށް ހުއްޓުން އެރިޔަސް އަލުން ޝައްޔާންއާއި ދިމާއަށް ބަލައިނުލާން އޭނާ މަސައްކަތްކުރި އެވެ. 

ނަމަވެސް ދާދި ގާތުގައި ހުރީ ޝައްޔާން ޔޫސުފް ރައިޒާދް އެވެ. އަމާރާގެ އިހްތިޔާރަށް ނިމޭނެކަމެއް އޮންނާނެ ބާ އެވެ؟

"ބައި ދަ ވޭ، ޑޮކްޓަރ ޝާހްގެ ޝައުގުވެރިކަން އަމާރާއަށްޓަކައި ހުރީ މުޅިން އެހެން ލެވެލްއެއްގައި..! އެއީ އަހަރެން ފަރުވާތެރިވެ، ސަމާލުވާންޖެހޭކަހަލަ ކަމެއްބާ؟" ޝައްޔާންގެ އަޑާއި އެ ކުރި ސުވާލުގައި ސަމާސާއެއް ނުވަތަ ދިމާކުރުމުގެ ކުޑަވެސް އަސަރެއް ނެތެވެ. ސީރިއަސްކަމާއި ކަންބޮޑުވުން ފާޅުކޮށް އަމާރާގެ ސިކުނޑިއާއި ހަމައަށް އެއަޑު ފޯރައިފި އެވެ.

ފަސްއެނބުރި ޝައްޔާންއާއި ދިމާއަށް އަމާރާ ބަލައިލީ ލިބުނު ޝޮކްގަ އެވެ.

"އަހަރެންގެ އެއްވެސް ކަމަކާއި، އަހަރެންގެ ހާލަތަކާމެދުގައި ރައްކާތެރިވެ، ޝައްޔާން ސަމާލުވާންފެށީ ކޮންއިރަކު؟" އަމާރާގެ ސީރިއަސް ސުވާލަށް ޝައްޔާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. ދެފަރާތަކަށް ބޯ ހޫރާލަމުން ޝައްޔާންގެ ދެޖީބަށް އަތް ޖަހައިލި އެވެ.

އަދި ހިތާއިހިތާއި ބުނެލި އެވެ.

'އަޖައިބެއްފަދަ އަންހެން ކުއްޖެކެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައި ކޮންމެ ފަހަރަކު ފަހުބަސް ބުނާމީހަކީ އޭނާ އެވެ.!

އެކަމަކު މިއީ ޝައްޔާން ދޫ ދޭނެ ފަހަރެއް ނޫނެވެ! ސިކުނޑިން ނެރި، ހިތުން ދުރަށްލެވޭވަރަށްވުރެން ބޮޑު މައުލޫއެކެވެ.

އަމާރާއާއި ބެހޭގޮތުން، އަލިފުން ޔާއަށް ހޯދައި ދިރާސާކުރާންޖެހުނު ވަގުތެއްގައި ޝައްޔާން ފަހަތަކަށް ނުޖެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް