ads
ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިން-- ފޮޓޯ: ނަވާނަވައި
ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ އަސަރުގަދަ ސިޓީއެއް!
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން، އެމީހުންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ލިޔެފި އެވެ.

އެ ބިދޭސީން އޮންލައިން ނޫސް "ސަން" އަށް އެ ސިޓީ ހިއްސާކޮށްފައިވާއިރު އެ ސިޓީއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން އަދިވެސް ކަމާއި ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ލިޔެފައިވާ ސިޓީއެއް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެމީހުން ވަނީ ސިޓީ ފޮނުވަން ހަނދާނެ ގޮތް ނޭނގޭ ކަމަށް ވެސް ބުނެފަ އެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ އެ ސިޓީގައި ވަނީ އެމީހުންނަކީ ރިޒް ކުންފުނީގެ މުވައްޒަފުން ކަމަށާއި އެގޮތުން އެތަނުގައި ޖުމްލަ 204 މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންގެ ހަމަސް ދުވަހުގެ މުސާރަ ނުދޭކަން ފާހަގަކޮށް ސިޓީގައި ބުނީ، ރިޒް ކުންފުނީގައި މަސައްކަތް ކުރާ އެއްވެސް ދިވެހި މުވައްޒަފަކު އެތަނުގައި ނެތް ކަމަށެވެ.

އޭގެ އިތުރުން ސިޓީގައި ބުނީ، އެމީހުންގެ ތިން މީހަކު ވަރަށް ބަލި ކަމަށާއި އެމީހުންނަށް ފަރުވާދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެގޮތުން ފުލުހުން ކައިރީ އެމީހުންގެ ބަލި މީހުންނަށް އެހީތެރިވުމަށް އެދުން ނަމަވެސް ފުލުހުން ވަނީ އެމީހުން އެރަށުގައި ތިބީ ސެކިއުރިޓީ ބެލެހެއްޓުމަކަށް ބުނެފައި ކަމަށް އެ ސިޓީގައި ބުނެ އެވެ. 

"ތިން މީހަކު ވަރަށް ބަލި. އެމީހުންނަށް ފަރުވާއެއް ނުދެވޭ. އަހަރެމެން ވަނީ ފުލުހުން ކައިރީ އެމީހުންނަށް އެހީވާން އެދިފައި. ފުލުހުން ބުނީ، އެމީހުންގެ މަސައްކަތަކީ ސެކިއުރިޓީ ބެލެހެއްޓުން ކަމަށް،" ބިދޭސީންގެ ސިޓީގައި ބުނެ އެވެ.

އޭގެ އިތުރުން ސިޓީގައި ބުނީ، ކުރިން ބަލި މީހުން ތުޅާދޫއަށް ފަރުވާއަށްދާ ކަމަށާއި އެކަމަކު އެމީހުންގެ އަތުގައި މިހާރު ފައިސާ ނެތް ކަމަށެވެ. އަދި އެ އެންމެން ކައިބޮއެ ނިދާ ހަދަނީ ވެސް ކެންޓީނުގައި ކަމަށް ވަނީ ބުނެފަ އެވެ. 

މިމަހުގެ ދެވަނަ ދުވަހު ވަނީ އެ ރަށުގައި ބޮޑު ހަމަނުޖެހުމެއް ވެސް ހިނގާފަ އެވެ. މުސާރަ ނުލިބިގެން މީގެ ކުރިން މުޒާހަރާ ވެސް ކުރި އެ ބިދޭސީން އެންމެ ފަހުން މުސާރަ ދިނުމަށް ޑިމާންޑުކުރީ 13 ދިވެއްސަކު ރަހީނުކުރުމަށް ފަހެވެ. އެންމެ ފަހުން ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް އެރަށަށް މާލެއިން ފުލުހުންގެ ޓީމަށް ދާންޖެހޭ ހިސާބަށް ކަންތައްތައް ދިޔަ އެވެ.

އެ މައްސަލައާ ގުޅިހެން އެރަށުގައި މަސައްކަތް ކުރާ 19 ބިދޭސީއަކު ފުލުހުން ހައްޔަރުކުރިއިރު ފުލުހުން އަންނަނީ ރިޒް ކުންފުނީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އެ މައްސަލަ ވެސް ބަލަމުންނެވެ. 

ފުލުހުން ބުނި ގޮތުގައި އެ ކުންފުނީގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް