މާވަށު ކައުންސިލްގެ ރައިސް އަހްމަދު މޫސާ ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ އުދަ އެރުމުގެ ސަބަބުން އެރަށުގެ އާބާދީގެ ބޮޑުބަޔަކަށް އެކި ގޮތް ގޮތުން ގެއްލުންތައް ލިބިފައިވާކަމަށެވެ. އެގޮތުން ހުރިހާ ގެޔަކަށް ފެންވަދެފައިވާ ކަމަށާއި އެރަށުގެ ގޭގޭގައި ހުންނަ ހުރިހާ ޖަނބުރޯލު އަދި އަނބު ގަސްތައް ނެތިގެން ގޮސްފިކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދު މެންދުރު ދިޔަވަރު ބޮޑުވާ ވަގުތު ރަށުތެރެއަށް ވަރަށް ބޮޑަށް އުދައަރާނެ ކަމަށް ލާފާ ކުރެވޭ ކަމަށާއި ގޭގޭގެ އޮޅިގަނޑުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށެވެ. އަދި އެމްއެންޑީއެފްގެ ބޭފުޅުން މިހާރު އެރަށުގައި ހަރަކާތްތެރިވަމުން ދާކަންވެސް ފާހަގަކޮށްފައިވެއެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް މިކަމާއި ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެރަށުގެ ބައެއް ސަރަހައްދުގެ މަގުތަކުގައާއި ރަށުތެރޭގެ ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި މިއަދު ހެނދުނު 9:30 ފެށިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިދުވަސްވަރު ރާއްޖޭގެ ގިނަ ރަަށްރަށަށް އަންނަނީ އުދަ އަރައި ބޮޑެތި ގެއްލުންތައް ވަމުންނެވެ.