ads
ކިއު ހަދައިގެން ތިބި ބިދޭސީންތަކެއް: ވަޒީފާއަށް މީހުން ބިނާ ކުރުން މުހިންމު -- ފޮޓޯ: ސީއެންއެމް
މީހުން ބިނާ ކުރުމުގައި އަމާޒު ކޮބާ، ބޭނުންވަނީ އިލްމާއި ހިލްމު؟
މުޅި ދުނިޔެ މިއަދު ދެކެމުން މިދާ ކޮވިޑްގެ ހާލަތާއިއެކު، އަޅުގަޑުމެންގެ ރާއްޖެވެސް މިހާރު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ގިނަ ބަޔަކު ގަބޫލްކުރާނެ އެވެ. ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ އަޅުގަނޑުމެންގެ މުޅި އިގްތިސާދު މިވަނީ ހުއްޓުމަކަށް އައިސް، އާމްދަނީ މުޅިންހެން ހުއްޓިފަ އެވެ.
Advertisement

 ގިނަ އަދަދެއްގެ ދިވެހިންގެ ވަޒީފާ މިވަނީ ގެއްލި، ނުވަތަ މުސާރަ ނުލިބޭ ހާލަތަކަށް ގޮސްފަ އެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ބިދޭސީންވެސް މިވަނީ ވަޒީފާ ގެއްލި، ނުވަތަ މުސާރަ ނުލިބުމުގެ ސަބަބުން ނިކަމެތިވެ، މަގުމަތިވެފަ އެވެ.

ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެންނަށް ތިލަވި އެންމެ ފުން އަދި އެންމެ ނުރައްކާތެރި އެއް މައްސަލައަކީވެސް ބިދޭސީ މަސައްކަތު މީހުންގެ މައްސަލަ އެވެ. އެހެން ނަމަވެސް ދަންނަވަންތޯ އެވެ. އެއްވެސް ހަމައެއް ނެތި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ހިލާފަށް އަޅުގަނޑުމެންގެ ރާއްޖޭގައި އުޅެމުން ދާކަމަކީ އަދަކު އިއްޔެއަކު އަޅުގަނޑުމެންނަށް އެނގުނު ކަމެއް ނޫނެވެ. ވޭތުވެދިޔަ ދިހަ ބާރަ އަހަރު ވެސް އަޅުގަނޑުމެން އެންމެނަށް މިކަން އެނގެ އެވެ. ގައުމުގެ ބޯޑަރު، ގައުމުގެ އިމްގްރޭޝަންގެ ނިޒާމު މިހާ ދޫކޮށްލެވިފައިވާ ގައުމެއް އެނގިވަޑައިގެނޭތޯ އެވެ؟ ބޯޑަރު ސިސްޓަމަކަށް ރައްޔިތުންގެ ފައިސާއިން އެކި ގޮތްގޮތުން ހަރަދުވެގެން ގޮސްފައިވާ ފައިސާގެ އަދަދު އެނގިވަޑައިގަނޭތޯ އެވެ؟ އަޅުގަނޑުމެން ހުރިހާ ދިވެހިން މިހުރިހާ ދުވަހު، ހަމަ އެގި ތިބެ، މިތިބީ ލޯ މަރާލައިގެން ނޫންތޯ އެވެ.

ބަންގްލަދޭޝް މީހުންނަކީވެސް ހަމަ އިންސާނުންނެވެ. އެހެން ނަމަވެސް، ކޮންމެ ދުވަހަކު އެކި ފްލައިޓްތަކުގައި އެތެރެވެފައިވަނީ ކިތައް މީގެ އިންސާނުންތޯއެވެ؟ އެމީހުންގެ އަތުން އެތައް ފައިސާއެއް ބަޔަކު ނެގުމަށްފަހު، ރާއްޖެ އެތެރެކޮށް، މަގު މަތި ކޮށްލަމުން ދާކަން އަޅުގަނޑުމެންނަކަށް ހަމަ ނޭންގޭތޯ އެވެ؟ ނުހަނު ނިކަމެތި ހާލަތުގައި ނިންދަވައި، އަދި ކުޑަ ކުޑަ އުޖޫރައަކަށް އެތައް ބުރަ މަސައްކަތްތަކެއް ކުރުވަމުން ދިޔައީ ނޫންތޯ އެވެ. ލޯކަލް މާރުކޭޓުގެ ގޮޅިތަކުން އެމީހުން ނުފެނޭތޯ އެވެ؟ ކަންމަތީ ފިހާރަތަކުން ދިމާނުވޭތޯ އެވެ؟ ވެމްކޯ އުފެދުމުގެ ކުރިން އަޅުގަނޑުމެންގެ ގޭގެއަށް ކުނި ބަލާ ނާދޭތޯ އެވެ؟

ތޮއްޑޫގެ ދަނޑުތަކާއި، ނާލު ބޯޓުތަކުގައިވެސް އެމީހުން އުޅެމުން ގެންދާކަން އެނގެ އެވެ. އަދި މާލޭގެ މަގުތަކުގައި މަސައްކަތެއް ހޯދަން ތިބޭތަންވެސް ފެނެ އެވެ. މިހުރިހާ ކަމަކަށް ލޯމަރާލައިގެން ތިއްބާ، ކޮވިޑް އައިސް، މާލޭގައި އެންމެ ބާރަށް ފެތުރިގަތްއިރު، އެންމެ ގިނައިން ޖެހުނީވެސް ހަމަ އެމީހުންނަށެވެ. މިހާ ހިސާބުން އެކަމާއި ކަންބޮޑުވެ ކިތަންމެ ވާހަކައެއް ދެއްކިއްޖެ އެވެ. ނަމަވެސް، މައްސަލައިގެ އަސްލު ފެށުމަށް ވިސްނާލެވިއްޖެބާވަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާ ބޮޑު މިފަދަކަމެއް ވަމުން ދިޔަ އިރު ވޭތުވެދިޔަ ތިން ސަރުކާރަށް ވެސް ހައްލު ނުކުރެވުނީ ކީއްވެތޯ އެވެ؟

ބިދޭސީން އެކަންޏެއް ނޫނެވެ. ދިވެހި މަސައްކަތްތެރިންގެ ހާލަކީ ކޮބައިތޯ އެވެ. އަޅުގަޑުމެންނަށް ހާމަވާ ވަރަށް ބޮޑު އެއް ހަގީގަތަކީ، ރާއްޖޭގެ ވިޔަފާރިތަކާއި، ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި ދިވެހިންގެ ބައިވެރިވުން ކުޑަ މިންވަރާއި، ދިވެހި ބިމުގައި ދިވެހިން ނިކަމެތިވެފައިވާ މިންވަރެވެ. މުޅި އިގްތިސާދު ހިފަހައްޓާ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަނި ބަލައިލިކަމުގައިވިޔަސް، ދިވެހިންނަށް ވުރެން ބިދޭސީންގެ ހިއްސާ ވަޒީފާތަކުގައި ބޮޑުކަމެވެ. ކުދި ވިޔަފާރިތަކާއި، ހިދުމަތްތައް ދިނުމުގައިވެސް ދިވެހިންގެ ހަރަކާތްތެރިކަން ކުޑަކަމެވެ. ފަންނުވެރި ޕްރޮފެޝަނަލް ވަޒީފާތަކުގައިވެސް ދިވެހިންގެ ހިއްސާ ކުޑަކަމެވެ.

ސުވާލަކީ ހުރިހާ ދިވެހި ޒުވާނުން ކޮބައިތޯ އެވެ؟ އެމީހުން ކުރަނީ ކޮންކަމެއްތޯ އެވެ؟ ޒުވާނުން ވަޒީފާތަކަށް ނުދަނީ ނުވަތަ ވަޒީފާތަކުގައި މަދީ ކީއްވެގެންތޯ އެވެ؟

ދަންނަވަންތޯއެވެ. ގައުމެއްގެ އިގްތިސާދު ހިންގުމުގައި، ގައުމު ތަރައްގީގެ މަގުން ދަތުރުކުރާއިރު، އެންމެ މުހިއްމު އެއް ރައުސްމާލަކީ ގައުމުގެ މަސައްކަތްތެރީންނެވެ. ހުނަރުވެރި މަސައްކަތްތެރިންތަކެއް އުފެއްދޭނީ އެދެވޭ، އަދި ފެންވަރު ރަނގަޅު ތައުލީމެއް ދެވިގެން ނެވެ. ފެންވަރު ރަގަޅު ތައުލީމަކީ، މަސައްކަތްތެރިކަމުގެ އިތުރުން، ހަރުދަނާ ރައްޔިތަކަށްވުމަށްވެސް ކޮންމެހެން މުހިއްމު އަސާސީ ކަމެކެވެ. 

ތަރައްގީވެފައިވާ ގައުމުތަކުންވެސް، އަދި ތަރައްގީގެ ހަރުފަތުގައި ކުރިއަރަމުން އަންނަ ގައުމުތަކުންވެސް ކަންކޮށްފައިވާ މަގަކީ، އެންމެ ފުރަތަމަ ތައުލީމަށް އިންވެސްޓްކުރު މެވެ. މަދުރަސީ ތައުލީމުން ފެށިގެން ގޮސް މަތީ ތައުލީމާއި ހަމައަށްވެސް، ރޭވުންތެރިކަމާއިއެކު އަދި ހަރުދަނާ ސިޔާސަތުތަކުގެ އަލީގައި ފެންވަރު ރަނގަޅު ތައުލީމެއް ދެވި، ހަރުދަނާ ޖީލެއް ބިނާކުރު މެވެ. އެކަމުގައި އަޅުގަނޑުމެން އުޅެނީ ކިހާ ހިސާބެއްގައިތޯ އެވެ؟

ރައީސް މައުމޫންގެ ދައުރުގައި ވޯލްޑް ބޭންކާއި، އެހެނިހެން އިދާރާތަކާއި، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއިއެކު، ގިނަ އަދަދެއްގެ ކުދިން މަތީ ތައުލީމަށް އެންމެ ތަރައްގީވެފައިވާ ގައުމުތަކަށް ފޮނުވުނެވެ. މިފަދަ ސްކޮލަޝިޕްތަކުގައި ކިޔަވައިގެން ވަރަށް މޮޅެތި ދަރިންތަކެއް ވަނީ އުފެދިފައެވެ. މިހާތަނަށް ގައުމަށް ގެނެވިފައިވާ ތަރައްގީގައިވެސް މިފަދަ ހުނަރުވެރިންގެ ހިއްސާ ވަރަށް ބޮޑެވެ. އޭރު ކޮލެޖެއްވެސް ޔުނިވާސިޓީއެއްވެސް ރާއްޖެއަކު ނެތެވެ. އެހެން ނަމަވެސް، ސާނަވީ މަދަރުސާތަކުގައިވެސް ދެވެމުން ދިޔައީ ފެންވަރުގެ ގޮތުން އަވަށްޓެރި ސްރީލަންކާއަށްވުރެވެސް ފެންވަރު ރަނގަޅު ތައުލީމެކެވެ. މުދައްރިސުންގެ ގޮތުގައި އަމީނިއްޔާ، މަޖީދިއްޔާ، އީޕީއެސް އަދި އެމްއީއެސް ފަދަ ސްކޫލްތަކުގައިވެސް ތިބީ އެވްރެޖްކޮށް މޮޅެތި މީހުންނެވެ. ސަރުކާރުގެ ސިޔާސަތުތަކުންވެސް ތައުލީމަށް ދެވެމުން ގެންދިޔަ ސަމާލުކަމާއި އިސްކަންވެސް ފާހަގަވެގެން ދިޔަ އެވެ.

އެހެން ނަމަވެސް، ވަކި ހިސާބަކުން، ކުދިންގެ އަދަދު ގިނަވާންފެށުމާއިއެކު، އަޅުގަނޑުމެންނަށް ތައުލީމުގެ ފެންވަރާ މެދު ފަރުވާކުޑަކޮށްލެވިއްޖެ އެވެ. ސަރުކާރުގެ ސްކޮލަޝިޕްތަކާއި ލޯން ޕްރޮގްރާމްތައް އިތުރުވިކަމުގައި ވިޔަސް، ތަރައްގީވެފައިވާ ގައުމުތަކުގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުގެ ބަދަލުގައި، ކުދިން ފޮނުވަން ފެށުނީ ދެކުނު އޭޝިޔާ އަދި ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކަށެވެ. މުދައްރިސުން ތަމްރީނު ކުރުމުގައިވެސް، ކޮލިޓީގެ ބަދަލުގައި އަދަދަށް ފޯކަސް ކުރެވެން ފެށިއެވެ. އޯ ލެވެލް އިން ކިތަންމެ ދަށް ފާހެއް ލިބުނު ކަމުގައިވިޔަސް، ޓީޗަރުންގެ ގޮތުގައި ތަމްރީން ކުރުމަށް ޝަރުތު ހަމަވެއްޖެ އެވެ. ޕްރައިމަރީ ގްރޭޑްތަކާއި ސެކަންޑަރީ ގްރޭޑްތަކަށްވެސް ދިވެހިން އިތުރު ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ދިވެހި ޓީޗަރުން އިތުރުވެގެންދިޔަ އެވެ. ގައުމީ ކޮލެޖް ގައުމީ ޔުނިވާސިޓީއަށް ބަދަލުވި އެވެ. ޕްރައިވެޓް ކޮލެޖްތައްވެސް އުފެދިއްޖެއެވެ. ޑިގްރީއާއި މާސްޓާސް ވެސް ރާއްޖޭގައި ތިބެގެން ހެދެން ފަށައިފިއެވެ. އަދި ކިއެއްތޯއެވެ. ޕީއެޗްޑީވެސް ހެދެން ފަށައިފިއެވެ.

އެކަމަކު، އަދިވެސް ދައްކަން އޮތީ އެއް ވާހަކައެކެވެ. އިގްތިސާދުގައި ފަންނީ ވަޒީފާތަކުގައިވެސް ބިދޭސީން ގިނަ ވާހަކަ އެވެ. ދިވެހި ކުދިން ރާއްޖޭގައި ތިބެގެން ޑިގްރީ އާއި މާސްޓާސް ހެދިކަމުގައިވިޔަސް، ފަންނުވެރިކަމާއި، ފެންވަރު ނެތްކަމެވެ. ކުރިމަތިލާ މަގާމްތަކަށް ޝަރުތު ހަމަނުވާކަމެވެ. ވަޒީފާތަކަށް ބިދޭސީން ގިނަވާކަމެވެ.

ހައްލަކީ ކޮބައިތޯއެވެ؟ އާދެ، ހައްލަކީ، ތައުލީމާއި، އިލްމާއި، ޙިލްމާއި، ހުނަރާއި، އަޚްލާގަށް އަހައްމިޔަތުކަންދޭ ސިޔާސަތުތަކެވެ. ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓާއި، ބުރިޖާއި، އުމްރާނީ ތަރައްގީކަމުގައި ނުދެކި، އިންސާނާގެ ސިކުނޑިއަށް އަންނަ ތަރައްގީއެއްކަމަށް ދެކުމެވެ. ތައުލީމީ ސިޔާސަތު ހަރުދަނާކޮށް، ދެވޭ ތައުލީމުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މުގައްރަރާއި، ޓެކްސްޓް ފޮތްތަކާއި، ޓީޗަރުންގެ ފެންވަރަށް އިސްކަން ދިނު މެވެ. އިމާރާތް ކިތަންމެ ނިކަމެތިވި ކަމުގައިވިޔަސް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރު މެވެ. ތައުލީމާއިއެކު، ރިވެތި އަޚްލާގު އަށަގެންނެވު މެވެ. ތައުލީމާއި ހުނަރަށް ބަލައި ވަޒީފާތަކަށް މީހުން ނެގުމެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައިވާ ގިނަ މައްސަލަތަކުގެ ހައްލަކީ ތައުލީމާއި އަހްލާގަށް ދޭންޖެހޭ އަހައްމިއްޔަތުކަން ދިނުމެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަނުކުރުމެވެ. އިލްމާއި ހިލްމުން ޒީނަތްތެރިވެގެންވާ ޖީލެއް ބިނާކުރުމެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް