ads
ދުވާފަރު--
ދުވާފަރުން ތިން މީހުން ޕޮޒިޓިވްވުން: އިހުމާލުވުން އިންތިހާޔަށް!
ރ. އަތޮޅުގައި އޮންނަ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ، ދުވާފަރުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރުވެގެން ދިޔައީ މުޅި އެއަތޮޅަށް ވެސް ބޮޑު ކަންބޮޑުވުމެއް ގެނުވި ކަމަކަށެވެ. އެންމެ ފުރަތަމަ ރަށުގައި އަޑު ފެތުރިގެންދިޔައީ ހޯމް ކަރަންޓީނުގައި ތިއްބާ ތިން މީހަކު އެ ބައްޔަށް ޕޮޒިޓިވްވި ކަމާއި އެމީހުން ކަރަންޓީނުގައި ތިބެ، ބޭރަށް ވެސް ނިކުތް ހަބަރެވެ. އެކަމަކު ކަން ހިނގީ މުޅިން އިދިކޮޅަށެވެ.

މާލެއިން ދުވާފަރަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު، ހޯމް ކަރަންޓީންވުމަށް 11 މީހަކު ދިޔަ އެވެ. މީގެ ހައެއްކަ ދުވަސް ކުރިން، އެތަނުން ފިރިހެނެއް ކުއްޖަކު ފިޔަވާއި އެންމެން ވެސް ނެގެޓިވް ކަމަށް ކަމާއި ބެހޭ ފަރާތްތަކުން އެންގި އެވެ. 

އެ ކުއްޖާގެ ނަތީޖާ ނުލިބި ލަސްވުމުން އެކަމެއް ހިނގާފައި އޮތް ގޮތް އޮޅުން ފިލުވުމަށް އާއިލާއިން ގުޅާއި ހެދިއެވެ. އެންމެ ފަހުން އެ ކުއްޖާ ވެސް ނެގެޓިވް ކަމަށް އަންގައި، ގޭގައި ދަމާފައި އޮތް ޓޭޕް ވެސް ނައްޓާލި އެވެ. އެއާއެކު ދެމަފިރިންނާއި އެމީހުންގެ ދެކުދިން ވެސް ހޯމް ކަރަންޓީނު ނިންމާއި، ބޭރަށް ނިކުތެވެ. އެއީ ސިއްހީ މަރުކަޒުން ލިބުނު އިޒުނަޔާ ވެސް އެކީގަ އެވެ. 

މިނިވަންވުމާއި އެކު ކަން ހިނގާދިޔައީ ބިރުވެރި ގޮތަކަށެވެ. ޓެސްޓްކޮށް ނަގެޓިވްވި ފިރިހެން ދަރިފުޅުގެ އިތުރު ސާމްޕަލެއް ނަގަން ބޭނުންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ބުނެ އެރަށު ސިއްހީ މަރުކަޒުން އާއިލާއަށް ގުޅި އެވެ. އަދި ވީއެންމެ އަވަހަކަށް އެ ސާމްޕަލް ނެގުމަށް އިރުޝާދު ދިނުމުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޓީމެއް އެރަށް ގޮސް ކުއްޖާގެ އިތުރު ސާމްޕަލެއް ނެގި އެވެ. އެ ސާމްޕަލުން ކުއްޖާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެކުއްޖާއާއެކު ހޯމް ކަރަންޓީނުގައި ތިބި، މަންމަ އާއި ބައްޕަ އަދި ދައްތަގެ ވެސް އިތުރު ސާމްޕަލެއް ނެގި އެވެ. އެ ހިސާބުން އެނގިގެންދިޔައީ މަންމަ އާއި ބައްޕަ ވެސް ބައްޔަށް ޕޮޒިޓިވްވި ކަމެވެ. 

އާއިލާއިން ސީއެންއެމްއަށް ކިޔައިދިން ގޮތުގައި ޕޮޒިޓިވްވިކަން އެނގުނު ސާމްޕަލް ނަގާފައި ވަނީ އެމީހުންގެ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، ދޫކޮށްލިތާ ދެ ދުވަސް ފަހުންނެވެ. އެގޮތުން ދޫކޮށްލުމުން ވަރަށް ބޮޑަށް ބޭރު ތެރޭގައި އުޅުން ކަމަށާއި އެތައް ބަޔަކާއި ދިމާވެފައިވުމުން ކަންބޮޑުވި އެވެ. އަދި ގޭތެރޭގައި އިން މުސްކުޅި މަންމަ އާއި ބައްޕައަށް ދިމާވެވުމުން، އެމީހުން ތިބީ ހަދާނެ ގޮތް ހުސްވާހާ ހާސްވެފަ އެވެ. 

އެކަމާއި ގުޅިގެން ސީއެންއެމް އިން ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގްއާ ސުވާލުކުރުމުން ވިދާޅުވީ، ނެގެޓިވް ރިޒަލްޓަކީ އޮޅުމެއް ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

"ނެގެޓިވް ރިޒަލްޓް އެއީ އޮޅުމެއް. އެކަން ހިނގި ގޮތް މިހާރު ބަލަމުން މިގެންދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެރަށުން ބައްޔަށް ޕޮޒިޓިވްވި ތިން މީހުންނާއި ކޮންޓެކްޓްވި މީހުންގެ ގޮތުގައި މިހާތަނަށް 48 މީހަކު ފާހަގަކުރެވިފައިވާއިރު އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

ދުވާފަރުގެ އިތުރުން ރ. އަތޮޅު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި މިވަނީ އެޗްޕީއޭއަށް އެޅި އޮޅުމުގެ ސަބަބުންނެވެ. މިއީ ކިހިނެއް އެޅި އޮޅުމެއްކަން އަދި ސާފުވެފައި ނުވާއިރު މިހާރު ދުވާފަރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެ އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ދުވާފަރުން ޕޮޒިވްވި މީހުންނާއި ބައްދަލުވި މީހުން ދަތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިގެންދާއިރު އާންމުން ތިބީ ބިރުން ހަލާކުވެފަ އެވެ. 

މި އޮޅުމާއެކު އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިގެންދިޔައިރު އެމީހުންގެ ސުވާލެއް ވެސް އެބަ އޮތެވެ. އެއީ ހޯމް ކަރަންޓީނުން ދޫކޮށްލި މީހުންގެ ތެރޭގައި "އޮޅިގެން" ނެގެޓިވްވި މީހެއް ނެތްކަން ޔަގީންތޯ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް