ads
ހަމަނުޖެހުން ހިންގި ބިދޭސީންއަށް އެޅެން އޮތް އެންމެ ހަށުކަށި ފިޔަވަޅު އަޅާނަން: ފުލުހުން
މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމުގައި ފުލުހުންނާއި އާންމުންގެ މުދަލަށް ވެސް ގެއްލުންދީފައިވާއިރު އެ މުޒާހަރާގައި ހަމަނުޖެހުން ހިންގި ފަރާތްތަކާއި މެދު ގާނޫނުގެ ތެރެއިން އެޅެން އޮތް އެންމެ ހަށުކަށި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު، ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭކަމަށްބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ކުރި އިހުތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގާ އުކާއި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.  

އެގޮތުން އެ ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ގޮސް، އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

"ގާނޫނު ތަންފީޒުކުރަން ތިބޭ ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުންދިނުންފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަސްނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ،"

ފުލުހުން އިތުރަށް ބުނި ގޮތުގައި އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލާއި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކުރަމުންދާކަމަށެވެ. 

ބަޔާނުގައި އިތުރަށް ބުނީ މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލުކުރުމުގައި، އެ ކަންކަން ހައްލުކުރުމަށް އެކަށަހަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް