ތުއްތު ކުދިންގެ ހިތްތަކުގައި ބަހަށް ލޯބިޖައްސައިގެން
މިހާރަކަށް އައިސް ކުދިން އެންމެ ތުއްތު އިރުއްސުރެން ފެށިގެން މައިންބަފައިން އެކުދިންނަށް ބިދޭސީބަހެއް، “އިނގިރޭސިބަސް” ދަސްކޮށްދިނުމަށް މަސައްކަތް ކުރަންފަށަ އެވެ. ނަތީޖާ އަކަށްވަނީ އެއްކަލަ ތުއްތު ކުއްޖާއަށްވެސް ދިވެހި ބަސް އުނގެނުމުގެ ބޭނުން ނެތްކަމުގައި ހީވު މެވެ. ދިވެހިބަސް އުނގެނުމަކީ ބޭކާރު ކަމެއް ކަމަށް ހީކުރެވު މެވެ. ދިވެހިބަސް ދެކެ ފޫހިވަން ފެށު މެވެ. އެހެންކަމުން، ދަރިވަރުން ބަހަށް ލޯބި އުފެއްދުމަށްޓަކައި މައިންބަފައިން ނުވަތަ ބެލެނިވެރިން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭންޖެ ހެއެވެ.
ކުދިންގެ ހިތުގައި ބަހަށް ލޯބި ޖެއްސޭނީ ގޭތެރޭގައި އުޅޭއިރުވެސް އަމިއްލަ ބަހަށް ލޯބިކޮށްގެން ނެވެ. އެބަހުން އުނގެނުމަށް ބާރުއެޅައިގެން ނެވެ. ދިވެހިބަސް އުނގެނުމުގެ މުހިންމުކަން ދަރިވަރުންނަށް ވިސްނޭ ވަރަށް ދަރިވަރުންނާ ބަސް ރައްޓެހި ކޮށްގެން ނެވެ. އޭރުން އަޅުގަނޑުމެންގެ ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވުން ކުޑަކުރެވޭނެ އެވެ. މިކަން މިގޮތަށް ކުރެވިގެން ނޫނީ ދިވެހިބަހެއް ކުރިއެއް ނޭރުވޭނެއެވެ. އެހެންކަމުން ދިވެހިބަސް ކުރިއެރުވޭނީ ތުއްތުކުދިންގެ ހިތްތަކުގައި ބަހަށް ލޯބި ޖައްސައިގެންނެވެ. ހާއްސަކޮށް އެންމެ ތުއްތުއިރުން ފެށިގެން ބަހުގެ މުހިއްމުކަން އެކުދިންނަށް ވިސްނައިދެވިގެނެވެ.
މަދަރުސާތަކުގައި ބަހަށް ދޭ ސަމާލުކަން އިތުރުކުރުން
ކޮންމެ ދަރިވަރެއްގެވެސް ދެވަނަ ގެ އަކީ ނުވަތަ އުޅެބޮޑުވާ ދެވަނަ މާހައުލަކީ މަދަރުސާތަކެވެ. މިއަދު މަދަރުސާތަކުގައި ދަރިވަރުންނަށް ކިޔަވައިދޭ މާއްދާތަކުގައި ދިވެހިބަސް ކިޔަވައިދެވޭ މިންވަރު ހަނިވެ، އެބަހުގެ ބޭނުން ނެތްކަމުގައި ހީވާވަރަށް އެބަހުގެ “ޤަދަރު” ކުޑަވެއްޖެއެވެ. މަދަރުސާތަކުގައި ދިވެހި އިސްލާމް ނޫނީ ޤުރުއާން ފިޔަވައި އެހެން ހުރިހާ މާއްދާއެއްވެސް އިނގިރޭސި ބަހުން ކިޔަވާދޭ ވާހަކައެވެ. މީގެ ސަބަބުން ހުރިހާ ބެލެނިވެރިންވެސް އަދި ދަރިންނަށް އިނގިރޭސި ދަސްކޮށްދޭން މަސައްކަތްކޮށް ދިވެހިބަސް “އަތުކޮޅަށް ހޫރާލަން" ޖެހެއެވެ.
މި އެންމެހައި ލިޔުންތައް ކިޔުމަށް ފުރުސަތު ލިބި އޭގެ ބޭނުން ހެޔޮގޮތުގައި އެ ކުދިން ހިފައިފިނަމަ، ދަރިވަރުން ބަހަށް އަހުލުވެރިވާނެއެވެ. ބަސްކޮށާރު މުއްސަނދިވެގެންދާނެ އެވެ. ފޮތްތެރި ކުދިންނަށްވެގެންދާނެ އެވެ. މިކަންކަން ސްކޫލުގައި ކުރެވިއްޖެނަމަ ދަރިވަރުންގެ ހިތްތަކުގައި ބަހަށް ލޯބިޖެހިގެންދާނެ އެވެ. އާހިރު ނަތީޖާއަކަށް ވާނީ ދިވެހިބަސް ކުރިއަރައިދިއުމެވެ. އެހެންކަމުން ދިވެހިބަސް ކުރިއެރުވޭނީ މަދަރުސާތަކުގައި ދިވެހިބަސް ކިޔަވައިދެވޭ ވަގުތު އިތުރުކޮށް، ޅަފަތުގެ ތައުލީމު ދިވެހިބަހުން ދީގެން ނެވެ. ދަރިވަރުންގެ އުމުރުފުރައާގުޅޭ ފޮތްތައް، ސުކޫލާއި ގޭތެރެއިން ފަސޭހަކަމާއެކު ލިބޭނެގޮތް ހެދިގެންނެވެ.
ޓެކްނޮލޮޖީއާ ރައްޓެހި ބަހަކަށް ހެދިގެން
ޓެކްނޮލޮޖީގެ ރޭހުގައި ދުނިޔެ މިދަނީ ދުވަހެއް ދުވަހަކަށް ކުރި އަރަމުންނެވެ. މިއާއެކު އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުވެސް އަންނަނީ މިކަމުގައި ބައިވެރިވަމުންނެވެ. ކަން މިހެން ހުރި ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޓެކްނޮލޮޖީއާ އެއްހަމައެއްގައި ދިވެހި ބަސް ކުރިއަރަމުން ނުދާ ކަމެވެ. ދިވެހި ބަސް ޓެކްނޮލޮޖީ އާއި ބީރައްޓެހި ކަމެވެ. ކޮމްޕިއުޓަރުގައި މުނިފޫހި ފިލުވުމުގެ ގިނަ ކަންތައްތަކެއް ހިމެނިފައިވާއިރު މިއިން އެއްވެސް ކަމެއް ދިވެހި ބަހުން ކުރެވެން ނުހުންނަކަމީ މިއަދު އަޅުގަނޑުމެން ދެރަވެ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ތަރައްގީ ވަމުންމިދާ ދުނިޔޭގައި ދިވެހިބަސް ފައިހަމަ ކޮށްގެން ނޫނީ ދިވެހިބަސް ކުރިއެއް ނޭރުވޭނެއެވެ. އެހެންކަމުން “ކޮމްޕިއުޓަރުގޭމު” ތަކާއި”ޗެޓް” ކުރެވޭނެ ވަސީލަތްތަކާއި “އެމް.އެމް.އެސް” ، “އެސް. އެމް. އެސް” ފަދަ މުހިންމު ބޭނުންތައް ފުއްދާއިރު ދިވެހިބަހުން އިރުޝާދުތައް ދެވި، ތާނަ އަކުރުން އެ ހިދުމަތްތައް ލިބޭނެ ގޮތް ހަދަން އެބަޖެއެވެ. ދިވެހި ބަސް ކިޔަވައިދޭ ޕުރޮގުރާމުތަކާއި ދިވެހިބަހުން އަޑުއަޅާފައި ހުންނަ ކާޓޫނު އުފެއްދުމަކީވެސް ބަސް ކުރިއެރުވުމަށްޓަކައި ހަމަ އެހާމެ ބޭނުންތެރި ކަމެކެވެ. އޭރުން ދިވެހިބަހާއި ޒަމާނަށް އަންނަ ބަދަލާ ދެމެދު އޮންނަ ފަރަގު ކުޑަވެ، ދިވެހިބަސް ކުރިއަރައިގެން ދިއުމަށް މަގުފަހި ވެގެންދާނެއެވެ.
މުޖުތަމައުން ބަހާމެދު ދެކޭގޮތް ބަދަލުކުރެވިގެން
އަދުގެ މުޖުތަމައަށް ނަޒަރު ހިންގާލާއިރު ހަތަރު ފަރާތުންވެސް ފެންނަމުންދަނީ ހުޅަނގުގެ ކުލަވަރެވެ. ދިވެހިންގެ މެދުގައި އިނގިރޭސި ބަސް މަގުބޫލު ވެފައިވާ މިންވަރެވެ. ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގައި، ބޭންކާއި އެނޫންވެސް ތަންތަނުގައި ގިނަ ލިޔެކިޔުންތަކެއް އިނގިރޭސި ބަހުން ބޭނުންކުރެވެމުންދާކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ. މިސާލަކަށް ބޭންކަށް ގޮސް “ކޭޝް ކާޑު” ހައްދަން ބޭނުންވާ މީހާއަށް އިނގިރޭސި ބަސް އެނގުނަސް ނޭނގުނަސް ފޯމު ފުރަންޖެހެނީ އިނގިރޭސި ބަހުންނެވެ.
ދިވެހިރާއްޖޭގެ ފިހާރަތަކާއި، ވަށައިގެން ފެންނަ "ބިލްބޯޑުތަކާއި" އިންފާރުތަކުގައި ހުންނަ އިޝްތިހާރުތައްވެސް ފަރުމާކޮށްފައި ހުންނަނީ ދިވެހިބަހާ ބީރައްޓެހި ގޮތަކަށެވެ. މިއީ މުޖުތަމައުގައި ދިވެހި ބަހަށް އޮތް ލޯބި ކުޑަމިންވަރު ހާމަވާ ކަންކަމެވެ. ބަހަށް މުޖުތަމައުގައި ދެވިފައި އޮންނަ މަގާމަކީވެސް، ބަސް ދެމިއޮތުމާއި، މަރުވުމާއި، ގުޅިފައިވާ ކަމެއްކަމުގައި ދިވެހި ބަހުގެ ލިޔުންތެރިޔާ އަލީ އިސްމާއިލް ލިޔުއްވާފައިވެއެވެ. ކަންމިހެން އޮތުމާއެކު ދިވެހިބަސް ކުރިއެރުވޭނީ ސަރުކާރާއި އާންމުން ގުޅިގެން މަސައްކަތްތަކެއް ކޮށްގެންނެވެ. އަދި ދިވެހިބަސް ބޭނުންކުރެވޭނެ ކޮންމެ ހާލަތެއްގައި ދިވެހިބަސް ބޭނުންކުރުން ލާޒިމުކޮށްގެން ނެވެ. ބަހާ ދޭތެރޭ އާންމުންގެ ލޯބި އުފެއްދިގެންނެވެ.
ވީމާ ދިވެހިބަސް ކުރިއެރުވޭނީ ތުއްތު ކުދިންގެ ހިތްތަކުގައި އެބަހަށް ލޯބިޖައްސައި ބަހުގެ މުހިއްމުކަން އެކުދިންނަށް ވިސްނައިދީގެން އަދި ސުކޫލްތަކުން ބަހަށް ދޭ ސަމާލުކަން އިތުރުކޮށް ކިޔަވާދިނުމުގައި އެންމެ މުހިއްމު އެއްޗަށް ދިވެހިބަސް ހެދިގެންނެވެ. މީގެ އިތުރުން އުމުރާ ގުޅޭ ފޮތްތައް ލިޔެ ފަސޭހަކަމާއެކު ލިބޭނެގޮތް ހެދިގެންނެވެ. އަދި ހަމައެއާއެކު ދިވެހިބަސް ޓެކޮނޮލޮޖީއާ ރައްޓެހި ބަހަކަށް ހަދާ މުޖުތަމައު ބަހާދޭތެރޭ ދެކޭގޮތް ބަދަލުކުރެވިގެންނެވެ.