މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާހު ހުށަހާޅުއްވާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ނ، ރ، ބ އުނިކުރުމަށެވެ.
ބިލް ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ޖިންސީ ކުށުގެ ގާނޫނު މިހާރު އޮތް ގޮތުން މީހެއްގެ އަހުލާގަށް ބަލާ އޭނާއާއި މެދު އެކުށް ނުހިނގާ ކަމަށް ކަނޑައެޅުމުގެ ބާރު ކޯޓަށް އޮންނަ ކަމަށެވެ.
މީހާގެ އަހުލާގާ އަބުރުވެރިކަމަކީ ކިހިނެއް މިނާ އެއްޗެއްތޯ އިނގެން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މިގާނޫނު ބައްޓަން ވެފައި މިއޮންނަނީ އެއިރެއްގައި އިންނަވާ ގާޒީއަކަށް ލިބިދޭ ހައްގެއްގެ ގޮތުގައި ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީހަކު ލާ ހެދުމަކުން ނުވަތަ އެމީހަކު ހުރިތަނަކުން ނުވަތަ ވާހަކަ ދައްކާ ގޮތަކީ އެމީހަކާމެދު ކުށެއް ކުރެވެން ޖެހޭ ކަމެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ޖިންސީ ޝިކާރައަކަށް ވާ މީހާގެ އަހުލާގަކީ ނުވަތަ އޭނާއާއި މެދު މުޖުތަމައު ދެކޭ ގޮތަކީ އޭނާއާއި މެދު ކުރެވޭ ކުށާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
ވޭތުވެދިޔަ ތަނުގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު ދެމީހެއްގެ ދެމެދުގައި ކުރިން އޮތް ގުޅުމަކާއި ހުރެ އެގުޅުން އެދެމީހުންގެ މެދުގައި ކެނޑުމަށްފަހު ގަދަކަމުން އޭނާއާއި މެދު ކުރެވޭ ޖިންސީ އަމަލަކީ އޭނާއާއި މެދު ކުރެވޭ އަމަލުތަކެއް ނޫން ކަމަށް ކަނޑައެޅުމުގެ ބާރުވެސް ކޯޓަށް މިގާނޫނުން ލިބިދީފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ކުށުގެ ޝީކާރައަކަށް ވީ މީހާގެ އަބުރުވެރިކަމާ އަހުލާގާ ގުޅުން ހުރި ކަންކަމުގެ ތެރޭން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު އެފަދަ ކުށެއް އޭނާއާއި މެދު ހިނގާފައިވާކަމުގެ ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތެއް ފާހަގަވުމެވެ.
(ރ) ގައި ބުނެފައިވަނީ ކުށުގެ ޝިކާރައަށް ވީ މީހާއާޢި ކުށުގެ ތުހުމަތުގައި ހުރި މީހާގެ ވާހަކައަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައި ވުމަށްވުރެ ބޮޑަށް އެކަންއެގޮތަށް ނުހިނގާ ކަމެއްގެ ގޮތުގައި ބެލެވޭނެ ހާލަތެއް އޮންނަކަމަށް ކޯޓަށް ގަބޫލު ކުރެވުމެވެ.
(ބ)ގައި ވަނީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތާއިމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން އޭނާއާއި ކުށުގެ ޝީކާރައަކަށްވީ ފަރާތާއި މެދު އޮތް ގުޅުމަކީ އަދި އެދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމެވެ.