ads
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަދީބުގެ މައްސަލަ ބޭރުކޮށްލީ ހަމައިގެ ތެރެއިންނެއް ނޫން: އިންތި
ކޯޓަށް ހުށެހެޅޭ މައްސަލައެއްގައި ކުށަށް އިއުތިރާފްވެފައިވާ މީހަކު އިއުތިރާފުން ރުޖޫއަވުމަކުން އެމައްސަލަ ކޯޓުން ބޭރު ކުރާކަށް ނުޖެހޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ގޮވާލާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅި މައްސަލައިގެ ބަހުސްގައި އިމްތިޔާޒް ވިދާޅުވީ، ކޯޓަށް ހުށެހެޅޭ މައްސަލައެއްގައި ކުށަށް އިއުތިރާފްވެފައިވާ މީހަކު އިއުތިރާފުން ރުޖޫއަވުމަކުން އެމައްސަލަ ކޯޓުން ބޭރު ކުރާކަށް ނުޖެހޭނެކަން ގާނޫނުގައިވެސް އެބައޮތް ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތް އިބްތިދާއީ އަޑުއެހުމުގެ ކުރިންވެފައިވާ އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތާއި އެނޫންވެސް ގޮތްގޮތުން ކުރިއަށް ދިއުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ އިއުތިރާފެއްވެފައިވާ މީހަކު އިއުތިރާފުން ރުޖޫއަވިޔަސް މައްސަލާގައި ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އެމައްސަލައެއް ކޯޓަކުން ބޭރެއް ނުކުރެވޭނެ ކަމަށެވެ.

އަހުމަދު އަދީބުގެ މައްސަލާގައި ކުރިމިނަލް ކޯޓުން އަމަލު ކޮށްފައިވަނީ އަދީބު މާކުރިން ދައުލަތާ ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ފަނޑިޔާރު އަމިއްލަފުޅަށް ސުވާލެއް އުފައްދަވައިގެން، އަދި ދައުވާ ލިބޭފަރާތުން ރުޖޫއަވިކަންވެސް ބަޔާން ނުކުރަނިސް ފަނޑިޔާރު އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަށް ވެފައި އެމައްސަލައަކީ ހުރިހާ ރައްޔިތުންނާ ގުޅުންހުރި މައްސަލައަކަށްވާއިރު، ފަނޑިޔާރުގެއިން މިބާވަތުގެ މައްސަލައެއް އެހާ ފަސޭހައިން ބޭރުކޮށްލުމަކީ އިންތިހާއަށް ކަންބޮޑުވުންހުރި ކަމެއް ކަމަށާ އަދި އެއީ ހަމައިގެ ތެރެއިން ކޮށްފައިވާކަމެއްތޯ ސުވާލު އުފެދޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އެމައްސަލަ އެހާ ފަސޭހައިން ބޭރުކޮށްލުމަކީ އޭގެތެރެއަށް ނުފޫޒު ނުވަދެ ނުވަތަ ކޮރަޕްޝަނެއް ނެތި ހިނގާފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެމައްސަލާގައި ފަނޑިޔާރު އަމަލުކުރެއްވިގޮތް ބެލުމަށްޓަކާ ޖޭއެސްސީން މަސައްކަތްކުރަން ޖެހޭކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ މައްސަލަތައް ނުބަލާ ކުރިއަށްދާތީ އިމްތިޔާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދީބުގެ މައްސަލަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ވަނީ އެމައްސަލަ ބޭރު ކޮށްލާފައެވެ. އަދި އެމައްސަލަ މިހާރު ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް