ads
ވާހަކަ: މަންތަރު
ވާހަކަ: މަންތަރު
ވަށައިގެންވަނީ ކަޅުކަމެވެ. އަނދިރިކަމެވެ.
ވަށައިގެންވަނީ ކަޅުކަމެވެ. އަނދިރިކަމެވެ. މިންހެޔޮ ފިނިކަމެކެވެ. އިވެމުން ދަނީ ސިކުންތު ކަށީގެ ޓިންޓިން އަޑެވެ. ކޮޓަރީ ބޮޑު ދޮރުގެ ތަޅު ދެ އަތަށް އެނބުރިލިއެވެ. ކޮޓަރީގެ ތެރެއަށް ވަދެގެން ދިޔަ ހިމަދިގު އަލި ރޮނގަކުން އަނިދިރިކަން ގެއްލުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ހިމަ ރޮނގު ގެއްލުނެވެ. ކޮޓަރީގެ ދޮރުފަތް ލެއްޕި އަޑު އިވުނެވެ. އެއަށްވުރެ ބާރަށް ކުކުޅެއްގެ ވޭނީ އަޑު އިވުނެވެ. އެ ސޮރު ނޭވާ ހާސްވެގެން ތެޅިގަތް އަޑުން ކޮޓަރި ތެރެ ގުގުމައިލިއެވެ. އެ ސޮރުގެ ފިޔަފަތްގަނޑު ޖަހައިލުމަށް މަސައްކަތްކޮށްލި އަޑު ވެސް އިވުނެވެ. އެ އަޑު ދެތިން ފަހަރު ތަކުރާރުވިއެވެ.

އެ އަޑުގެ މައްޗަށް ވެރިވެ ގަތީ މީހެއް ނޭވާގޭ އަޑާއެކުވެ އަނގައިން ޗޮކެއް ކަނޑައިލި އަޑެވެ. މަޑުމަޑުން އެ އަޑު ހިނދިގެން ދިޔައެވެ. އަޑުތައް ހިނދިގެން ދިޔުމާއެކު، ދިޔާ އެއްޗެއް ކޮންމެ ވެސް އެއްޗަކަށް އެޅުމުން އިވޭ ކަހަލަ އަޑެއް އިވެމުން ދިޔައެވެ. ކަރުުބުޑަށް އެއްޗެއް އެޅުމުން އަނގައިން ނުކުންނަ ޒާތުގެ އަޑު އަހަން އުނދަގޫ އަޑަކާ އެކުވެ ނޭވާގެ އަޑު އިވިއިވި ހުއްޓެވެ. އޭރު ވެސް މުޅި ތަނުގައިވަނީ ކަނު އަނދިރިކަމެވެ. އިވެމުންދަނީ ހަމަ އެކަނި އަޑުތަކެކެވެ. ހިމޭން މާހައުލަކުން ނޫނީ ނީވޭ ވަރު ވަންހަނާ އަޑުތަކެވެ.

ކުއްލިއަކަށް ކޮޓަރީގެ ތެރެއަށް ފަނޑު އަލިކަމެއް ވެރިވިއެވެ. ކޮންމެ ވެސް ވަރަކަށް މަންޒަރު ސާފުވާ ވަރުވެއެވެ. މުޅި ކޮޓަރީގެ ތެރޭގައި އުދުހެމުން ދިޔައީ ހުދު ކުލައިގެ ދޫނިފަތެވެ. ފަތްތައް ބަރުހެލި ކަމާއެކު މުށިގަނޑު މައްޗަށް އެޅެމުން ދިޔައެވެ. ބައެއް ފަތް ކޮޓަރީގެ ފިނިހޫނު މިން ހެޔޮކޮށް ދެމުން ދިޔަ ހިމޭން ރޯޅިތަކާ އެއްވަރަށް ނަށަަމުން ދިޔައެވެ. މުޅި ތަނުގައި ވަނީ ފަތެވެ. ހުދުކުލައިގެ ފަތެވެ. މުށިގަނޑު މަތީގައި ވެސް ފަތެވެ. ކުޑަ ދޮރު ކައިރީގައި ހުރި ސޯފާ މަތީގައި ވެސް ފަތެވެ. ސޯފާގެ ކުރިމަތީ ހުރި ހަތަރެސްކަން ފޮޑިގަނޑު ޓީވީގެ މަތީގައި ވެސް ފަތެވެ. މޭޒުމަތީގައި ވެސް ފަތެވެ.

އެ އަލިކަން އަންނަނީ އެނދާ ދިމާއިންނެވެ. އެނދާ ދިމާއިން އަލިދަނޑިއެއް ފަދަ ފަލަ ރޮނގެއް މައްޗަށް އެޅިފައި ހުއްޓެވެ. އެ އަލިދަނޑި ހުރީ ކޮޓަރީގެ ފަންގިފިލާއަށް އެޅިފައެވެ. ރަތްކުލައިގެ ފަނޑު އައްޔެކެވެ. އެއީ ފޯނެއްގެ އައްޔެވެ. މެސެޖެއް އައުމުން ސްކުރީން ދިއްލުނީއެވެ. ކޮޓަރީގައި ހިޔަންޏެއް ހަރަކާތްތެރިވާާ މަންޒަރު ފެނެއެވެ. ހިޔަންޏެއް ނޫނެވެ. އެއީ މީހެކެވެ. އަލި ފަނޑުކަމުން ސިފަވަނީ ހިޔަންޏެއް ގޮތަށެވެ. އެއީ ފިރިހެނެކެވެ. އެމީހާ ފޯނާ ދިމާއަށް ގުދުވެލިއެވެ. މީހާ މޫނު ސާފުވާވަރު ވިއެވެ. އެއީ ތުނިކޮށް ކޮށާފައިވާ ބޮލެކެވެ. އޮމާން މޫނު މައްޗެކެވެ. ލައިގެން ހުރީ ރަތް ގޮޅި ޖެހި ކުރު ސޯޓެއް އެކަންޏެވެ. އޭރު ވެސް ފޯނާ ދިމާ މަތިން ދޫނިފަތްތައް ނަށަމުން ތިރިއަށް ފައިބަމުންދާ މަންޒަރު ފެނެއެވެ. އެމީހާގެ ބޮލުގައި ވެސް ބައެއް ފަތް ހަރުލަމުން ދިޔައެވެ. ކޮނޑާއި މޭމަތީގައި ފަތްތައް ތަތްވެފައި ހުއްޓެވެ. އޭނާ ފޯނު ނެގިއެވެ. ފޯނުގެ އަލި މޫނަށް އެޅުނެވެ. އެއީ ފައިރޫޒެވެ.

ފައިރޫޒު ފޯނުގެ ސްކުރީން ގޮދަޑީގައި ޖެހޭ ހެން ފޯނު އެނދުގައި ބޭއްވިއެވެ. މުޅި ތަން އަނދިރިވިއެވެ. ކަޅުވިއެވެ. އަނެއްކާ ވެސް ހިމޭންކަން ވެރިވިއެވެ. ސިކުންތު ކަށީގެ ޓިންޓިން އަޑު މުޅި ކޮަޓަރީގައި ގުގުމަން ފެށިއެވެ. މަޑުމަޑުން ފައިރޫޒުގެ ނޭވާގެ އަޑު ވެސް އިވެމުން ދިޔައެވެ. އޭނާގެ ނޭވާ އަވަސްވަމުން ދިޔަ އަޑެވެ. ސިކުންތަކަށް ފަހު ސިކުންތެއް ނޭވާ އަވަސްވަމުން ދިޔައެވެ. އޭނާ ބަލައިލީ އަހަންނާ ދިމާއަށެވެ. އަހަރެން ހީކުރީ އޭނާއަށް އަހަރެން ފެނުނީ ކަމަށެވެ. އަހަރެން ދޮރު ފޮތިގަނޑު ފަހަތަށް ވަދެ ނިވައިވެލީމެވެ
.
ކަނު އަނދިރިކަމުގެ ތެރޭގައި ހުރިހާ މަންޒަރެއް އަހަންނަށް ސިފަވަމުން ދިޔައެވެ. ހުރިހާ މަންޒަރެއް އަހަންނަށް ފެންނަމުން ދިޔައެވެ. ފައިރޫޒުގެ ގައިގައި ކޮޅަށް ޖެހިފައި ހުރި އިސްތަށި ތަކާއި މޭމައްޗާއި އަތްދަނޑިގައި ހުރި ހީބިހިތައް ވެސް އަހަންނަށް ފެންނަމުން ދިޔައެވެ. އެކަމާ އަހަރެން ހައިރާނެއް ނުވަމެވެ. އެއީ އަހަންނަށް އާ ކަމަކަށް ނުވާތީއެވެ. އަނދިރިކަމަކީ އަހަންނަށް އަލިކަމަކަށް ވާތީއެވެ.

ފައިރޫޒު ކުރިއަށް ޖެހިލިއެވެ. އޭނާ ހުއްޓުނީ ކުރިމަތީގައި ހުރި ސޯފާއާ ދިމާގައެވެ. ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުގައި އަތްގުޅިކާ ވަރުގެ މުށި ރުނބައެއް ހުއްޓެވެ. ފައިރޫޒު ދެ އަތުން ހިފައި އެ ރުނބާ ނެގިއެވެ. މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އެއަށްފަހު، ކަކޫ ލަނބައިލަމުން ތިރިވެލިއެވެ. މުށިގަނޑު މަތީގައި ފަތުރައިލައިފައިވާ ދޫލައިގެ މަތީގައި އެ ރުނބާ ބެހެއްޓިއެވެ. ފައިރޫޒު އަނެއްކާ ވެސް ހިންދެމިލަމުން ތެދުވިއެވެ. އޭނާ ލައިގެން ހުރި ސޯޓުގެ ރަބަރުގައި ދެ އަތުން ހިފައިލިއެވެ. އެއާއެކު އޭނާގެ ފިޔޮޅު މައްޗަށް ސޯޓު ސޮހިގެން ދިޔައެވެ. އޭނާ ކުރިއަށް އެއް ފިޔަވަޅު އެޅިއެވެ. ދެއަތް ދެއަތަށް ޖޯޑު ކޮށްލަމުންނެވެ.

ފައިރޫޒު މަޑުމަޑުން ތުން ތަޅުވަން ފެށިއެވެ. އޭނާ ހުރީ ލޯމަރައިގެންނެވެ. ކަނު އަނދިރިކަމުގެ ތެރެއިން ހަމަލޮލަށް ފެންނަވަރު ވަނީ ރުނބާގެ ތެރެއިން އަރަމުންދާ ދުންތަކެވެ. ރާޅުބާނިތަކަކާއެކު ދުންތައް މައްޗަށް އަރަމުން ދިޔައެވެ. ފައިރޫޒުގެ ތުންތެޅުވުން އިތުރުވަމުން ދިޔައެވެ. އޭނާގެ ތުންފަތުގެ ހަރަކާތްތަކާއެކު ދުންތަކުގެ ރާޅުބާނި އަވަސްވަމުން ދިޔައެވެ. ދުންތަކުގެ ރާޅުބާނި ހަރަކާތްތައް ފައިރޫޒާ ދިމާއަށް ލެނބެމުން ދިޔައެވެ.

ދުންތައް ލަސްލަހުން ފައިރޫޒުގެ ވަށައިގެން އެނބުރެމުން ދިޔައެވެ. އަހަންނަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ހިތް ފުރިހެން ދިޔަހެން ހީވިއެވެ. ލޯ މަރައިލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބަދަލުވިއެވެ. އަހަރެން ބޭނުންވާ ގޮތަށެވެ.

އޭރު މަޑުމަޑު ހުދު އަލިކަމަކުން ފައިރޫޒުގެ ހަށިގަނޑު ފެވެމުން ދިޔަހެން ހީވިއެވެ. އޭރު ވެސް ފައިރޫޒު ހުރީ ލޯމަރައިގެންނެވެ. އޭނާގެ ތުންތެޅުވުމާއެކު ނޭވާ އަވަސްވަމުން ދިޔައެވެ. ފައިރޫޒާ ދިމާއަށް މިސްރާބު ހުރި ދުންތައް އޭނާގެ ހަށިގަނޑުގެ ތެރެއަށް ފޭދެމުން ދިޔައެވެ. ފައިރޫޒު ދެ ލޯ ހުޅުވާލިއެވެ. އަހަންނަށް ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ. އެހެންވެ ލޮލަށް ބާރުކޮށްލީމެވެ. އެއީ އަހަރެން ބަލަން ބޭނުންވާ މަންޒަރަކަށްވީމައެވެ. ފައިރޫޒުގެ ދެ ތުންފަތް ވަނީ ހިކިފައެވެ. ކަޅުވެފައެވެ. ދެ ލޮލުގެ ކަޅުކަޅި ވަނީ ހުދުވެފައެވެ. ހުދުކަޅި ވަނީ ކަޅުވެފައެވެ. އޭނާ ބަލައިލީ އަހަންނާ ދިމާއަށެވެ. ސިހިފައި އަހަންނަށް ލޯ ހުޅުވާލެވުނެވެ.

އަހަރެން މަޑުމަޑުން ފޮތިގަނޑުގެ ބިއްދޮށަށް ވަދެ ނިވައިވެލީމެވެ. ހީވަނީ ފައިރޫޒަށް އަހަރެން ފެނުނުހެންނެވެ. ފައިރޫޒުގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ ދެ ލޮލުން މަސްތީ ގޮތްގަނޑު ފާޅުވަމުން ދިޔައެވެ. ފައިރޫޒު ކުރިއަށް ޖެހިލަމުން ގުދުވެލިއެވެ. ދޫލައިގެ މަތީގައި ހުރި ކުޑަކުޑަ ރުނބާ ނެގިއެވެ. އަނެއްކާ ވެސް ފަހަތަށް ދެތިން ފިޔަވަޅު އެޅުމަށްފަހު ފައިރޫޒުގެ މޫނު މައްޗަށް ހިއްލައިލިއެވެ. މަޑުމަޑުން އަނގަ ހުޅުވާލުމަށްފަހު ރުނބާ މައްޗަށް ހިއްލައިލަމުން، ރުނބާ ފައިރޫޒުގެ އަނގަޔާ ދިމާއަށް އަރިކޮށްލިއެވެ. ރުނބާގެ ތެރެއިން ރަތްކުލައިގެ އޮލަ އެއްޗެއް ފައިރޫޒުގެ އަނގަޔަށް އޮހެން ފެށިއެވެ. ބަލައިބެލުމަށް ވައްތަރުވަނީ ލެޔާއެވެ. އެހައި ވެސް އެ އޮލައެވެ. ކަޅި ޖަހައި ނުލައި އަހަންނަށް ބަލައިލެވުނީ އޮހެމުން ދިޔަ އޮލަ އެއްޗެއްސަށެވެ. ޔަގީންކޮށްލާށެވެ. މަޑުމަޑުން ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އެހައި ހިސާބުން ޔަގީންވިއެވެ. އެއީ ލެޔެވެ. ރަތްލެޔެވެ.

ފައިރޫޒުގެ އަނގަޔަށް އެޅެމުން ދިޔަ ލޭތައް ކުޅާ އެކުވެ އަނގައިގެ ދެފަރާތުން އޭނާގެ މޭމައްޗަށް އޮހެމުން ދިޔައެވެ. އޭނާގެ އޮމާން މޭމަތީގައި ރަތްކުލައި އޮލަ ލޭތައް ރޮނގުތަކެއްގެ ސިފައިގައި ކުރެހެމުން ދިޔައެވެ. ފައިރޫޒުގެ އަނގައިން މޭމައްޗަށް ފައިބަމުން ދިޔަ ލޭތައް ދެފަރާތުން ފަލަމަސްގަނޑުން ތިރިއަށް ކަށިމައްޗާ ހަމައަށް ފައިބަމުން ދިޔައެވެ
.
ފައިރޫޒުގެ މޫނުގައި ހުރި ރަތްކުލައިގެ އޮލަ ލޭތައް ކަޅުވަނީ ފަށައިފައެވެ. ހިކެން ފަށައިފައެވެ. އޭނާގެ ސިފައަށް ވަނީ ބަދަލުތަކެއް އަންނަން ފަށައިފައެވެ. ފައިރޫޒު ފެންނަމުން ދަނީ ބިރުވެރި ސިފައެއްގައެވެ. އޭނާގެ މުޅި ގައިގައި ވަނީ ރަތް ލެއެވެ. ހީވަނީ ލޭގެ ކޯރެއްގައި ފަތައިފަތައި ވަރުބަލިވުމުން ހިންދެމިލި ހެންނެވެ. ފައިރޫޒު ފުން ނޭވާއެއް ދޫކޮށްލިއެވެ. ރުނބާ ހުސްވުމުން ފައިރޫޒު ގުދުވެލުމަށްފަހު ރުނބާ މޭޒުމަތީގައި ބެހެއްޓިއެވެ.

އަނެއްކާ ވެސް ފައިރޫޒު ތުންތަޅުވަން ފެށިއެވެ. ދެއަތް ޖޯޑުކޮށްލައިގެން ހުރެއެވެ. އަހަރެން ބޭނުންވަނީ ފައިރޫޒުގެ ކުރިމައްޗަށް ނުކުންނާށެވެ. އޭނާ މިހާރު އެ ހުރީ އަހަރެން އެންމެ ބޭނުންވާ ގޮތަށެވެ. އަހަރެން އެންމެ އެދޭ މަގާމުގައެވެ. އޭނާ އެ ފުރިހަމަ ކުރީ އަހަރެންގެ ސުންނަތެވެ. ފައިރޫޒުގެ އެންމެ ކަމުދާ ސިފައަކީ އެއީއެވެ. ބޭނުންވުމުން އިސްނެގުމެވެ. ބުނާން ނުޖެއްސުމެވެ. ވާހަކަ ގިނަ ނުކުުރުމެވެ.

އަހަރެންގެ ޚިޔާލުތައް ދެކަފިވިއެވެ. ފައިރޫޒުގެ ކުރިމައްޗަށް ނުކުންނަންވީ ބާއޭ ހިތަށް އެރިއެވެ. އޭނާއަށް އަހަރެން ފެނިއްޖެ ނަމަ އަހަންނަށް އޭނާ ކަމެއް ކޮށްފާނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ފައިރޫޒަކީ ޖެހިލުން ކުޑަ މީހެކެވެ. ކުރާކަމަކަށް ގޮސް ހުސްވާ މީހެކެވެ. އޭނާއަކީ މުޅީން ތަފާތު މީހެކެވެ. އެހެން މީހުންގެ ވިސްނުމާއި ފައިރޫޒުގެ ވިސްނުމާ އެއް ކަށްޓާއަކުން ނުކިރޭނެއެވެ. އޭނާގެ ހަރަކާތްތަކާއި އެހެން މީހުންގެ ހަރަކާތްތަކާ އުޑާއި ބިމާހާ ތަފާތުވާނެއެވެ. ބައެއް ފަހަރު އޭނާގެ ވިސްނުން ފުން ކަނޑެއްހާ ފުންވެދާނެއެވެ. އަނެއްބައި ފަހަރު ވިސްނުމުގެ ރޮދިފަށުގައި ވަރެއް ނެތިދާނެއެވެ. ބައެއްފަހަރު އުއްމީދުތައް އުސް ފަރުބަދައެއްހާ އުސްވެދާނެއެވެ. ހިނދުކޮޅެއް ތެރޭގައި އެކަން ބަދަލު ވެދާނެއެވެ. ނަފުސު ވަޔަށް ހޫރެން ފަށައި ފާނެއެވެ.

އަހަންނަށް ފައިރޫޒު އެނގެން ފެށީ އޭނާގެ އުމުރުން ނަވާރަ އަހަރުގައެވެ. އެއީ ކަޅު ފޮއި ރެއެކެވެ. އޭރު މަޣުރިބު ނަމާދަށް ގޮވިތާ ތިރީހަކަށް މިނެޓު ވެސް ނުވާނެއެވެ. އޭނާ ދިޔައީ ރަށުގައި މީހުން ނޫޅޭ ހިސާބަށް ދެވެން އޮތްް ހަނި ދިގު މަގުން ރަށުގެ ހިންނައާވީ ދިމާއަށެވެ. އެ މަގުން ނިކުމެވޭނީ ރަށުގެ ފުއްޓަރާ ދިމާއަށެވެ. އެއީ ރަށުގެ ހުޅަނގު ފަރާތެވެ. މީހުން އާއްމުކޮށް ގޮސް ނޫޅޭ ސަރަހައްދެކެވެ. އެއީ ނާމާންކަމަށް މަޝްހޫރުވެފައި އޮންނަ ސަރަހައްދެކެވެ. ބިރުވެރި ހާދިސާތައް ދިމާވާކަމަށް ބުނާ ތަނެކެވެ. ފައިރޫޒުގެ ފަހަތުން އަހަރެން މުގޯޅި އަޅަމުން ދިޔައީ އޭނާގެ ފަހަތުގައި ހުރެގެންނެވެ.

"ކެރޭނެތަ އެކަނި ދާން؟ އެމީހުން މިހާރު އަންނަށް ވެސް އުޅޭނެ. އަހަރެން ވެސް މި ދަނީ މާލަސްވާތީ. މިހާރު އެތާ ތިބީ އިއްބެއާއި ހަސަން." ފައިރޫޒަށް ނަސީމު ދިމާވީ ހިންނައާ ހަމައަށް ދެވުނު އިރަށެވެ.

"އާން. މަށަށް ކީއްވެ ނުކެރެންވީ؟ އެކަނި ވެސް ދެވިދާނެ!" ޖެހިލުން ކުޑަ ރާގެއްގައި ފައިރޫޒު ބުނެލިއެވެ.
ނަސީމުގެ މޫނަށް ބަލައިލަމުން ފައިރޫޒު ހިނިތުންވެލިއެވެ. އެއަށްފަހު ހިންނެއާ ދިމާއަށް އެނބުރިލިއެވެ. ފައިރޫޒުގެ ހަރަކާތްތަކަށް ބަލަން ނަސީމު ހުއްޓެވެ. ނަސީމު ބަލައިލީ އަހަންނާ ދިމާބއަށެވެ.

"ތޭންކްސް،" އަހަރެން ވެސް ނަސީމުގެ މޫނަށް ބަލައިލީމެވެ. "އަދި ކިރިޔާ ފުރުސަތެއް މި ފަހިވީ. ދެން މިކަން ވެދާނެ. ނަސީމުގެ ހެދުމުގައި ތިޔަ ކޮށައިދިން މަގަށް ހަމަ ޝުކުރު."

އެއީ އަހަންނަށް ފުރުސަތު ލިބުނު ރެޔެއެވެ. އަހަންނަށް ފައިރޫޒު ހަވާލުވުމަށްފަހު، ފުރުސަތަކަށް އިންތިޒާރު ކުރަމުން ދަނިކޮށް އެކަން ފަހިވީ އެރެއެވެ. އެއީ އެފަދަ ފުރުސަތަކަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސްވީ ފަހުން ފަހިވި ފުރުސަތެކެވެ. އެތައް މަސައްކަތެއް ކޮށްގެން ހޯދުނު ފުރުސަތެކެވެ.
އަހަރެންގެ ވާގިވެރިންގެ މަދަދާއެކު ރޭވި ރޭވުން ކާމިޔާބުވީ އެރެއެވެ. ފައިރޫޒަށް އެރޭ އޭނާ ބޭނުން ހުރިހާ ކަމަކަށް މަގު ފަހިކޮށްދިނީމެވެ. އޭނާއަށް ކުރިން ނުކުރެވޭ އެތައް ކަމަކަށް މަގު ފަހިކޮށްދިނީމެވެ. އެ އަލާ އޭނާގެ ހިތުން ފިލައިގެން ނުދާ ވަރަށެވެ. އެ އިހްސާސްތައް އޭނާގެ ހިތުގައި ބިންވަޅު ނަގައިގެން ދާވަރަށެވެ. އެރެއަށްފަހު ކޮންމެ ރެޔަކު އަހަރެން ފައިރޫޒާ ބައްދަލު ކުރަނީ ފުއްޓަރުގައެވެ. ފުއްޓަރުގެ ހިމޭން ހަަލަބޮލި މާހައުލުގައެވެ. ބިޔަރާޅުތަކުގެ މިޔުޒިކީ އަޑާއެކު އަހަރުމެންގެ މިޔުޒިކީ އަޑުތައް ގުގުމަމުންދާ ހެންނެވެ. ހުޅަނގު ކަނޑުން އުދުހިގެން އަންނަ ރޯޅިތައް ނިވައި ކަމެއް ނެތި އަހަރުމެންނަށް މަރުހަބާ ކިޔާހެންނެވެ. އެހައި ވެސް މިނިވަން ކަމާއެކުގައެވެ.

އަހަންނާ ފައިރޫޒު ބައްދަލުވި ދުވަހުން ފެށިގެން އޭނާ ހިނގަން ފެށީ އަހަރެން ދެއްކި މަގުންނެވެ. އަހަރެންގެ ފިޔޮޅަށް ފައި މަހައިގެންްނެވެ. އޭނާއަށް ކަމުދާން ފެށީ އަަހަރެންގެ ހޮވުންތަކެވެ. އޭނާއަށް މީރުވާން ފެށީ އަހަރެންގެ ރަހަތަކެވެ. އެ ވަރަށް އޭނާ ދީވާނާ ކޮށްލަން އަހަރެންނަށް ކެރުނީތީ އަހަރެން ވެސް ހައިރާންވިއެވެ.
ކޮންމެ ރެޔަކީ ފައިރޫޒަށް އައު ތަޖުރިބާތަކެއް ކޮށްދެވޭ ރެޔެކެވެ. އޭނާއަށް އައު ކަންކަން ދަސްވާ ރެޔެކެވެ. އަހަރެންގެ ބާރުގެ ދަށަށް އޭނާ ގެނެވި އަހަރެންގެ ޖާދޫގައި އޭނާ ބަނދެލެވުނީ އެހެންވީމައެވެ. އޭނާގެ ރަހަ އަހަންނަށް ވަޒަންކުރެވުނީ މައެވެ. އޭނާގެ ވިސްނުން އަހަންނަށް ވެސް ވިސްނުނީމައެވެ. އެހެން ނޫންނަމަ މިއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އުނދަގުލުން ނަމަވެސް މި ތޮރުފާ ލެވުނީ ބޯ ފާރެކެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް