ads
ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިން-- ފޮޓޯ: ނަވާނަވައި
ރިޒް ބިދޭސީ މުވައްޒަފުންނަށް ހަރަދުކުރަން ޖެހޭތީ ސީލް އިން ކަންބޮޑުވެއްޖެ
ބ. އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތްކުރާ އާރުއައިއެކްސްގެ މުވައްޒަފުންނަށް ހަރަދުކުރަން ޖެހޭތީ ސީލް މޯލްޑިވްސުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސީލް މޯލްޑިވްސްގެ ގާނޫނީ ވަކީލަކު މިއަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެތަނުން ބިދޭސީން ބޭލުމަށް އެދުނުތާ މިހާރު 20 ދުވަހަށް ވުރެ ދުވަސްވެފައިވާއިރު އަދިވެސް އެމީހުން ތިބީ އެރަށުގަ އެވެ. 

އަދި އެތަނުގައި ތިބި ބިދޭސީންނަކީ ރިޒްގެ މުވައްޒަފުން ނަމަވެސް އެމީހުންނާއި ހަވާލުވާން އެ ކުންފުނިން ދެކޮޅު ހަދަމުން އަންނައިރު މިހާރު ވެސް ބިދޭސީންނަށް ހަރަދުކުރަން ޖެހިފައިވަނީ ސީލްއަށްކަން ފާހަގަކުރެއްވި އެވެ. އެކަމަކު އެ ކުންފުންޏަށް އެ ހަރަދުތައް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ވިދާޅުވި އެވެ. 

ސީލްގެ ވަކީލް ވިދާޅުވީ، ޕްރައިވެޓް ޕްރޮޕަޓީއެއްގައި ބަޔަކު މަޖުބޫރުކޮށްގެން ތިބުމުން އެއްވެސް ބަޔަކު ކަންބޮޑުނުވާ ކަމަށާއި އެކަމުގެ ސަބަބުން އެކުންފުންޏަށް ވެސް ގެއްލުން ލިބެމުން އަންނަ ކަމަށެވެ.

ހަ މަހުގެ މުސާރަ ނުލިބިގެން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ އެރަށުގައި މިމަހުގެ ދެ ވަނަ ދުވަހު ހަމަނުޖެހުން ހިންގާފަ އެވެ. އެގޮތުން ދިވެހިންތަކެއް ރަހީނުކުރުމުގެ އިތުރުން އެމީހުން ވަނީ ސީލް މޯލްޑިވްސްގެ އަގުބޮޑު މުދަލަށް ވެސް ގެއްލުންދީފަ އެވެ. 

ރިޒް އިން ބިދޭސީންނާއި ހަވާލުވާން ދެކޮޅު ހަދަމުން އަންނައިރު ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ބޮޑުފިނޮޅުގައި ހަޅުތާލު ހިންގިއިރު ތިބި، 179 ބިދޭސީންނަށް ނުދެވިވާ މުސާރަ ދިނުމަށް ފަހު އެކަން ކަށަވަރު ކުރެވޭނެ ލިޔުން މިމަހުގެ 30 ކުރިން، އެ އޮތޯރިޓީއާ ހިއްސާކުރުމަށް އެދިފަ އެވެ. އަދި އެގޮތަށް އެކަން ނުކުރާނަމަ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ލޭބާ އޮތޯރިޓީން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި މިލަންދޫ ދާއިދާގެ މެމްބަރު އަލީ ރިޒާ އަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓަށް ލިބުނު ޕްރޮޖެކްޓް، ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ހަވާލުވެފައިވަނީ، އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ކަމަށާއި ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ބޮޑުފިނޮޅުގައި ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ މީހުން ހަމަޖައްސައިދިނުމާއި އެމީހުންނަށް މުސާރަ ދިނުމާއި، ކާންދިނުމާއި، އެމީހުންނާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ، އާރު.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހޭ ކަމެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް