ads
ރައްޔިތުންގެ މަޖިލިސް: ދީބާޖާ މައްސަލާގެ އަސްލު ހޯދުން މުހިންމު--
ދީބާޖާ މައްސަލަ: ފައިސާ ދިނުމުގެ ކުރިން ހުރިހާ ގޮތަކުން ބަލަންޖެހޭ!
އުތުރު ޕްރޮވިންސްގައި ހިމެނޭ ހަތަރު އަތޮޅު ކަމަށްވާ ނ، ރ، ބ އަދި ޅގެ ރަށް ރަކުގެ ރައްޔިތުންނަށް ފެރީ ދަތުރުފަތުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފެބްރުއަރީ 1، 2010 ގައި އޭރުގެ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓާ އެކު ސޮއި ކުރި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވުމުން، ސަރުކާރުން އެ އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދޭން ޖެހުނު ވާހަކަ އަކީ މިހާރު ދިވެހިންނަށް އާ ވާހަކަތަކެއް ނޫނެވެ.

ޖުޑިޝަރީއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، ސުވާލު އުފެދޭ ގޮތަށް ވަކި ބަޔަކަށް މަންފާ ހޯދަދޭން ކޯޓުތަކުން ހުކުމް ނެރެމުން ދިޔަ ކަމަށް ތުހުމަތު ކުރެވުނު ދުވަސްވަރެއްގައި، ދީބާޖާ އަށް އެހާ ބޮޑު އަދަދެއް ދިވެހި ދައުލަތުން ދޭން "ކުރީގެ" ސްޕްރީމް ކޯޓުން ހުކުމް ކުރުމުން އެކަން ބަލައިގަންނާނީ ކިހިނެއް ހެއްޔެވެ؟ އަވަސް އަރުވާލައިގެން، އެ ފައިސާ ހޯދުމަށް އެ ކުންފުނިން އެތައް މަސައްކަތެއް ކުރި ނަމަވެސް މިހާތަނަށް އެ ފައިސާ ދޫނުކޮށް އޮތުމަކީ ރައްޔިތުންނަށް ކުޑަކޮށް ނަމަވެސް ލިބިދޭ ހިތްހަމަޖެހުމެކެވެ.

މަޖިލީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު!

ރައްޔިތުންގެ މަޖިލީހަކީ، ދިވެހި ރައްޔިތުންގެ މަންދޫބުން ތިބޭ، ގާނޫނު ހަދާ ބާރު ކަމަށް ވާއިރު، ދައުލަތުން މިހާ ބޮޑު އަދަދެއް އަމިއްލަ ކުންފުންޏަކަށް ދޭންޖެހިފައިވާއިރު، އެކަން ހިނގާފައިވާ ގޮތް މަޖިލީހުން ނުބަލައި ދޫކޮށްލައިގެން ނުވާނެ އެވެ. މާ ކުދިކުދި، ތާކުންތާކު ނުޖެހޭ މައްސަލަތަކުގައި މަޖިލީހުގެ ޖަލްސާތަކުގައި ބަހުސް ކުރި ތަން ވެސް ރައްޔިތުންނަށް ދާދި ފަހުން ފެނިގެން ދިޔަ އެވެ. އެހެންކަމުން މި ކަމަށް ހާއްސަ ސަމާލުކަމެއް ނުދީ ދޫކޮށްލައިފި ނަމަ، އެ ދެވެނީ ގޯސް މެސެޖެކެވެ.

މަޖިލީހުން އެކަންޏެއް ނޫނެވެ، ކަމާގުޅުންހުރި ހުރިހާ އިދާރާ އަކުން ވެސް މިކަން ބަލައި ފިޔަވަޅު އަޅަން ޖެހެ އެވެ. އަދި ސްޕްރީމް ކޯޓުގެ ހުކުމް ރިވިއު ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް ވީހާވެސް އަވަހަކަށް ބަލައި ނިންމުން މުހިންމެވެ.

މި މައްސަލާގައި އެ ކުންފުންޏާ އެއްކޮޅަށް ހުކުމް ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނައިރު، ފުލުހުން މިކަމާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގައި، ގޯހެއް އުޅޭނަމަ އެ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ވެސް ކުރިން އަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވުމަށް އެޅޭނެ ރަނގަޅު ފާލެކެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޗެކް އެންޑް ބެލެންސްގެ ދަށުން މިކަން ހިނގާފައިވަނީ ކިހިނެއްކަން ބެލުން އިންތިހާ އަށް މުހިންމެވެ. އަދި ދީބާޖާ އަށް އެހާ ބޮޑު ބަދަލެއް ދޭންޖެހުނު އިރު، އެ ބަދަލު ދިނުމުގެ ކުރިން އެއީ އަދުލުވެރި ބަދަލެއްކަން ހުރިހާ ގޮތަކުން ވެސް ކަށަވަރު ކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން ބަދަލު ދިނުމުގެ ކުރިން މި ކަންކަމާ މެދު ތަކުރާރުކޮށް ސުވާލުކޮށް، މިއީ ގާނޫނާ ގަވާއިދުތަކުގެ ތެރެއިން ހިނގާފައިވާ މުއާމަލާތްތަކެއްކަން ކަށަވަރު ކުރުމަކީ ވެސް އިންތިހާ އަށް މުހިންމު ކަމެކެވެ.

މިކަމާއި ގުޅޭ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތަށް، 15 ހެކްޓަރުގެ ބިމެއް ދޭން އެއްބަސްވުމުގައި އޮއްވާ އޭރު ސަރުކާރުން އެ ކުންފުންޏަށް 37.6 ހެކްޓަރުގެ ރަށެއް ދޫކުރި ގޮތާއި، 25 އަހަރަށް ދީފައި އޮތް ރަށް 50 އަހަރަށް ދޭން ބަދަލުވެގެން ދިޔައީ ކިހިނެއް ކަން ވެސް ބަލަން ޖެހެ އެވެ؛ މި ކަންކަމާ ތަކުރާރުކޮށް ސުވާލު ކުރަން ޖެހެ އެވެ. އޭސީސީން މި ދެ މައްސަލަ ބަލަމުން އަންނަ އިރު، އެ ކަން ވެސް ވީހާވެސް އަވަހަށް ތަހުގީގުކޮށް ނިންމުން މުހިންމެވެ.

ދީބާޖާ މައްސަލައިގެ ކުރު ހުލާސާ އެއް:

އެ މައްސަލަ ސިވިލް ކޯޓުން ބެލުމަށް ފަހު، ދީބާޖާ އާ އެއްކޮޅަށް ހުކުމް ކުރުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހިމެނޭ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ހައި ކޯޓުން، ދަށުކޯތުގެ އެ ހުކުމް ބާތިލު ކުރީ އެ މައްސަލަ ރަނގަޅަށް ބެލުމަށް ފަހު ކަމަށް ވީނަމަވެސް، ހައި ކޯޓުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށް، އެންމެ މަތީ ކޯޓުން އެ ކުންފުންޏާ އެއްކޮޅަށް ހުކުމް ކުރީ ދީބާޖާގެ ވަކީލުންނާ ގުޅުންއޮންނަ ފަނޑިޔާރަކު މެދުވެރިކޮށްގެން ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެ އެވެ. ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު، އެ ފަނޑިޔާރުގެ ނަން ވެސް ގޮވާފައި އެބަހުއްޓެވެ.

މި މައްސަލާގައި އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓް ވަރަށް ސާފެވެ. އެއްބަސްވުން ބާތިލް ކުރީ އެ ކުންފުނިން އެއްބަސްވި ގޮތަށް ފެރީގެ ހިދުމަތް ނުދީ، ވަކި ހިސާބަކުން ބައެއް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލުމުންނެވެ. އެއްބަސްވުން އުވާލުމުގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ވަނީ އެ ކުންފުންޏަށް ދަތުރުތައް ފެށުމަށް ފުރުސަތު ދީފައިވާކަން އޮޑިޓް ރިޕޯޓު އެނގެ އެވެ. 

ސަބްސިޑައިޒް ކޮށްގެން ފެރީގެ ހިދުމަތް ދިނުމަށް އެ ކުންފުންޏަށް ހަވާލު ކުރި އިރު، އެ އެއްބަސްވުމުގެ އެ ކުންފުންޏަށް ރިސޯޓް ނުވަތަ ސިޓީ ހޮޓާ ހަދަން ފަޅުރަށަކުން 15 ހެކްޓަރުގެ ބިން ދޭން ޖެހެ އެވެ. އެގޮތުގެ މަތިން ސަރުކާރުން އޮތީ އެ ކުންފުންޏަށް 37.6 ހެކްޓަރުގެ ރ. ކުޑަކުރަތު ދީފައި ކަން އޮޑިޓް ރިޕޯޓުގައި އެބައޮތެވެ. އޭގެ އިތުރުން ރަށްރަށުގައި ފެރީ ޓާމިނަލް އެޅުމަށް ދޭންޖެހޭ ބިންތައް ވެސް އެ ކުންފުންޏަށް ސަރުކާރުން ދިޔައީ ހަވާލުކުރަމުންނެވެ.

އޭގެ އިތުރުން އެ ކުންފުންޏަށް ސަރުކާރުން، މި އެއްބަސްވުމުގެ ދަށުން ހިލޭ ދޫކޮށްފައިވާ ކުޑަކުރަތު އެހެން ބަޔަކަށް 4.25 މިލި އަން ޑޮލަރު ނުވަތަ 65.54 މިލިޔަން ރުފިޔާ އަށް ވަނީ ވިއްކާލާފަ އެވެ. އެހެންކަމުން އެއްބަސްވުން އުވާލި ނަމަވެސް އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުން ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އޮޑިޓުން އެނގެން އެބައޮތެވެ. ނަމަވެސް ހިދުމަތެއް ދިނުމުގެ ބަދަލެއް ގޮތުން ހިލޭ ދިން އެ ރަށް އެ ކުންފުނިން އެހެން ބަޔަކަށް ވިއްކާލުމަށް ފަހު އެއްބަސްވި ގޮތަށް ހިދުމަތް ނުދިނުމުން އެ އެއްބަސްވުން އުވާލުމުން ސަރުކާރަށް ވަނީ މާލީ ގޮތުން އެތައް މިލިޔަނެއްގެ ގެއްލުން ލިބިފަ އެވެ. އެގޮތުން އެ ރަށް ވިޔަފާރީގެ އުސޫލުން ދޫކުރި ނަމަ، ހެޑް ލީޒްގެ ގޮތުގައި ދައުލަތަށް 4.47 މިލިއަން ޑޮލަރު ނުވަތަ 68.93 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް