ads
އަފްރާހް ކާތަކެތީގެ ޕެކޭޖް ބެހުމުގައި/ ފޮޓޯ: އަރަބް ނިއުސް
އިންޑިއާގެ ދެމަފިރިން ހައްޖަށް ދާން އެއްކުރި 10،000 ޑޮލަރު ފަގީރުންނަށް އެހީތެރިވުމަށް!
އިންޑިއާ އިން މި އަހަރުގެ ހައްޖަށް ދެވޭ މީހުންގެ ލިސްޓުގައި އަފްރާހް ޝާހް އާއި އޭނާގެ ފިރިހެން ދަރިފުޅު އަދި އަންހެނުންގެ ނަން ހިމެނުމުން އެކަމާ އޭނާ ހުރީ ވަރަށް އުފާވެފަ އެވެ. އެތައް އަހަރެއްގެ މަތިން ފައިސާ އެއްކޮށް އެތައް ދުވަހެއްގެ ހުވަފެން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބުނީތީ އެވެ.
Advertisement

އަފްރާހް ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދިއުމަށް 10،000 ޑޮލަރު އެއްކޮފަ އެވެ. 

އެހެން ނަމަވެސް ކޮވިޑް-19 އާއި އެކު އިންޑިއާ ސަރުކާރުން މާޗް މަހުގެ 24 ވަނަ ދުވަހު އެގައުމު ލޮކްޑައުން ކުރުމާއި އެކު އަފްރާހް އާއި އޭނާގެ އާއިލާއިން ނިންމީ މިއަހަރު ހައްޖަށް ނުދިއުމަށެވެ. 

މި އަހަރު ހައްޖަށް ނުދެވިއްޖެ ނަމަ އަންނަ އަހަރު ހައްޖަށް ދިއުމަށް ފައިސާ ރައްކާކޮށްފައި ބެހެއްޓުން ވެގެންދާނީ ގިނަ މީހުން ކަންތައް ކުރޭނެ ގޮތަށެވެ. އަފްރާހް އާއި އޭނާގެ އާއިލާއިން ކަންތައް ކުރީ މިއާ މުޅިން އިދިކޮޅަށެވެ. 

އަންނަ އަހަރު ހައްޖަށް ދިއުމަށް އެފައިސާ ރައްކާ އެއް ނުކުރި އެވެ. އެ އާއިލާއިން ނިންމީ އެ 10،000 ޑޮލަރު ފަގީރުންނަށް އެހީތެރިވުމަށް ހޭދަ ކުރަންށެވެ. 

އަފްރާހް ވަނީ ހައްޖަށް ދާން ވަރަށް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިއަހަރު ކަންތައްތައް ކުރިމަތިވެފައިވާ ގޮތުން، މިއަހަރުގެ ހައްޖުގައި ބައިވެރިވުމަށް ﷲ އިރާދަ ނުކުރައްވާތީ މި ފައިސާ އިން އެހެން ރަނގަޅު ކަމެއް ކުރަން އެކަލާނގެ ބޭނުންވާނެތީ ފަގީރުންނަށް އެހީތެރިވުމަށް ނިންމީ ކަމަށް ބުނެފަ އެވެ. 

އެއާއިލާއިން ފަގީރުންނަށް އެހީތެރިވުމަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާތައް ގެއްލި އެތައް އާއިލާއަކަށް އެހީތެރިކަން ބޭނުންވެފައި ހުރިކަން ފާހަގަކުރެވިގެން ކަމަށް އަފްރާހް ބުނެ އެވެ. 

ކޮވިޑް-19 އާއި އެކު އިންޑިއާގެ އެތައް އާއިލާއެއް ވަނީ ހާލުގައި ޖެހިފަ އެވެ. 

ގުޖުރާތު ސިޓީގައި ދިރިއުޅޭ އަފްރާހް ވަނީ ފޮތިވިއްކުމުގެ މައްސަކަތް ކުރާ އޭނާގެ ދަރިފުޅު އަކްރަމްގެ އެހީ އާއި އެކު އެ އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެހީވާން ފަށައިފަ އެވެ. 

އަކްރަމް އަކީ 2016 ވަނަ އަހަރުން ފެށިގެން ޔުނިޓީ ޗެރިޓަބަލް ޓްރަސްޓު (ޔޫސީޓީ) ގެ ނަމުގައި ފަގީރުންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ޒުވާނެއްކަމުން އެހީގެ އެ މަސައްކަތް ފަށަން އެއާއިލާއަށް އެހާ އުނދަގޫކަމަކަށް ނުވި އެވެ. 

your imageއަފްރާހްގެ ދަރިފުޅު އަކްރަމް/ ފޮޓޯ: އަރަބް ނިއުސް

އެއާއިލާއިން ޔޫސީޓީގެ މެންބަރުންގެ އެހީތެރިކަމާއި އެކު އެހީ ބޭނުންވެފައި ތިބި އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދޭން ފެށި އެވެ. 

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެހީތެރިކަން ބޭނުންވެފަ ތިބި އާއިލާ ތަކަށް އެހީތެރިވެދިނުމަށް އަފްރާހް މެން ގޭގެ ސިޓިން ރޫމްގައި އެ އާއިލާ އިން ފެށި މަސައްކަތް މިވަނީ ހިއުމެނިޓޭރިއަންގެ ބޮޑު ޕްރޮޖެކްޓަކަށް ބަދަލުވެފަ އެވެ. ސަތޭކަ އެތައް އާއިލާއަކަށް ފޯރުކޮށްދިން އެހީ އާއި އެކު ޔޫސީޓީ އަށް ވަނީ ސަރުކާރުގެ ފަރާތުންވެސް ޝުކުރުގެ ސިޓީތައް ފޮނުވާފަ އެވެ. 

your imageއަފްރާހް ކާތަކެތީގެ ޕެކޭޖު ބެހުމުގައި/ ފޮޓޯ: އަރަބް ނިއުސް

އަކްރަމް ވަނީ މި އެހީ އަކީ ވަކި ދީނެއްގެ ނުވަތަ ވަކި ސަގާފަތެއްގެ ބަޔަކަށް ފޯރުކޮށްދޭ އެހީއެއް ނޫން ކަމަށް ބުނެފަ އެވެ. އެހީއަށް ބޭނުންވެފައި ތިބި ކޮންމެ ބަޔަކަށް ވެސް އޭނާގެ އާއިލާ އާއި ޔޫސީޓީ އިން އެހީތެރިވާނެ ކަމަށް އަކްރަމް ބުނެ އެވެ. އެހެންކަމުން މި މަސައްކަތަކީ ހަމައެކަނީ އެ މުސްލިމުންނަށް އެހީތެރިވުމުގެ ނިޔަތުގައި ކުރާ މަސައްކަތެއް ނޫން ކަމަށް އަކްރަމް ފާހަގަކުރެ އެވެ. 

އަކްރަމް ބުނީ ހަ ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިއަށް ވުމުން، ބައްޕަ އާއި މަންމަ އެ ފައިސާ އެއްކުރަން ކުރި ބުރަ މަސައްކަތް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ހައްޖަށް ނުދެވުމުން އެ ފައިސާ އިން މިފަދަ ކަމެއް ކުރަން އޭނާގެ މައންބަފައިން ނިންމުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ. 

އަފްރާހް ވަނީ އޭނާ ހައްޖަށް ދިއުމުގެ އުންމީދުގައި އެއްކުރި ފައިސާ ފަގީރުންނަށް އެހީތެރިވުމަށް ބޭނުން ކުރުމުން އެކަމާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށް ބުނެފަ އެވެ. އޭނާ އަށް އެ ފައިސާ ދިނީ މާތް ﷲ ކަމަށާއި އަދި އެ ފައިސާ ފަގީރުންނަށް އެހީތެރިވުމަށް ބޭނުން ކުރުމަކީ ﷲ އިރާދަކުރެއްވި ގޮތް ކަމަށް އަފްރާހް ވިދާޅުވި އެވެ. 

އަފްރާހްގެ އަންހެނުން ރާޒިއާ ވަނީ ހައްޖަށް ދަނީ މާތް ﷲ އެކަމަށް ގޮވުމުން ކަމަށާއި މިއަހަރުގެ ހައްޖަށް ދިއުމުގެ ބަދަލުގައި ފަގީރުންނަށް އެހީތެރިވުމަށް އެ ފައިސާ ބޭނުން ކުރުން ވެސް އެއީ އެކަލާނގެއަށް ޓަކައި ކުރެވުނު ހެޔޮ ކަމެއް ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް