
މިއީ، މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ބްރާންޗުން، ވާދީ ޓްރޭޑަރސްއާއި އަދި އިތުރު ބައެއް ފަރާތްތަކުގެ މައްޗަށް އުފުލި ދައުވާއަކާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި، ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރިއަރީ މަހު ހުކުމްކޮށްފައިވަނީ 46 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ބައި މިލިއަނެއްހާ ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
މި ހުކުމް ވާދީ ޓްރޭޑާރސްއާއި މައްސަލައިގައި ދައުވާ ލިބުނު އެހެން މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް، ހައިކޯޓުން މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރީ، ވަކީލު ކޯޓަށް ހާޒިރު ނުވުމުންނެވެ. މައްސަލަ ބާތިލުކޮށްފައިވާކަން ހާމަކޮށް ހައިކޯޓުން އާއްމުކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި މައްސަލަ ބާތިލު ކުރީ، ވަކީލު ހާޒިރުނުވުމުންނެވެ.
މި މައްސަލަ ބާތިލު ކުރިނަމަވެސް، މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ހައިކޯޓުގެ ގަވާއިދުގެ ދަށުން މައްސަލައިގެ ހަސްމުންނަށް ލިބޭނެއެވެ.